ހަބަރު

ބަހަނާ ނުދައްްކާ އަމުރު ތަންފީޒު ކުރޭ: ގާސިމް

ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރު ތަންފީޒު ކުރުމަށް ސަރުކާރުން އިތުރު ބަހަނާތައް ނުދެއްކުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ގާސިމް ވިދާޅުވީ، ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުއްވި އަމުރުގައިވާ ގޮތަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުން އިތުރު ބަހަނާއެއް ނެތި ވަގުތުން އަމުރުގައިވާ ގޮތަށް ފުރިހަމައަށް އަމަލު ކުރުން ލާޒިމް ކަމަށެވެ. އަދި އަމުރާއި ހިލާފުވެއްޖެ ނަމަ އެކުރެވެނީ ވަރަށް ބޮޑު ކުށެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

އަމުރަށް ފަހު ސުޕްރީމް ކޯޓުން މިއަދު ވަނީ އިތުރު ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ކޯޓު އަމުރުގައިވާ ކަންކަން ތަންފީޒު ކުރުމަށް އިތުރު އިރުޝާދާއި މަޝްވަރާއަށް ޕީޖީ އިން އެދިފައިވާ ކަމަށާއި ނަމަވެސް ކޯޓު އަމުރު ތަންފީޒު ކުރަން ޖެހޭ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން އެ އަމުރު ތަންފީޒު ކުރުމަށް ގާނޫނީ ގޮތުން ހުރަސް އެޅިދާނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އޭގެ އިތުރުން އަމުރުގައިވާ ގޮތަށް އަލުން ޝަރީއަތް ހިންގަން ޖެހޭ ފަރާތްތަކަށް ޝަރީއަތް ހިންގުމަށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް ވާނަމަ އެކަން ކަމާ ބެހޭ ކޯޓަށް ހުށަހަޅައިގެން ކުރިޔަށް ގެންދިޔުމަށް ވެސް ސުޕްރީމް ކޯޓުން ބުންޏެވެ. އަދި އެގޮތަށް ކުރިޔަށް ގެންދިޔުމަށް ޕީޖީއަށް އެއްވެސް ހުރަހެއް ނެތް ކަމަށް ޕޖީއަށް އަންގާފައިވާ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.

އަމުރު ތަންފީޒު ކުރަން ސުޕްރީމް ކޯޓުން ގޮވާލި ނަމަވެސް ސަރުކާރުން ސަރުކާރުން ގެންދަނީ އަމުރުގައި ބުނެފައިވާ ބޭފުޅުން މިނިވަން ކުރުމަށް އެކި އުޒުރުތައް ދައްކައި ލަސް ކުރަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހްސިން ދޫކޮށްލުމަށެވެ. އަދި މެޖިސްޓްރޭޓް އަހުމަދު ނިހާން އާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންއާއި ހާމިދު އިސްމާއިލް ދޫކޮށްލުމަށް ވެސް އެ އަމުރުފައި ވަނީ ބުނެފަ އެވެ.

ދޫކޮށްލަން އަމުރު ކުރި ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށާއި އެގޮތުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ހުކުމްތައް ކޮށްފައިވާ ކަމަށް ހުށަހެޅުނު ޝަކުވާތަކަށް ބެލިއިރު ފެންނާތީ އެބޭފުޅުންގެ ޝަރީއަތް އަލުން ބޭއްވެންދެން ކަމަށް އަމުރުގައި ބުނެފައިވެ އެވެ. އަދި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގިގުތަކުގެ މައްޗައް ބިނާކޮށް ދައުވާ އުފުލައިގެން ކަމަށާއި އެހެންކަމުން އެ މައްސަލަތައް އަލުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭތީ ކަމަށް ވެސް އަމުރުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށާއި ސިފައިންނާއި ފުލުހުންގެ މައްޗަށާއި ކަމާ ގުޅޭ އެންމެހާ މުއައްސަސާތަކަށް އަންގާ ކަމަށެވެ. އެ އަމުރާ އެއްގޮތަށް އެއްވެސް ފަރާތުން އަމަލު ނުކުރާނަމަ ނުވަތަ ހުރަސް އަޅައިފިނަމަ ނުވަތަ ފަރުވާކުޑަ ކޮށްފިނަމަ އެފަދަ ކޮންމެ މައްސަލައެއް ވަކިން ބަލައި ތަހުގީގުކޮށް ޝަރީއަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ މައްޗަށް އަންގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފަ އެވެ.