ގާސިމް އިބްރާހިމް

ދައުލަތުގެ އަނެއް ދެ ބާރު ރައީސް ޔާމީންވަނީ ފެއިލްކޮށްލާފައި: ގާސިމް

މިއަދު ފެންނަމުންދަނީ ދައުލަތުގެ ތިންބާރުން ކުރެ ދެ ބާރުގެ ބާރު މުޅިން ކަނޑުވާލާފައިވާ މަންޒަރު ކަމަށް އިނގިރޭސިވިލާތުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ގާސިމް ވަނީ ދައުލަތުގެ ތިން ބާރުންކުރެ ދެބާރުގެ ބާރު މުޅިން ކަނޑުވާލާފައިވާކަމަށް ވިދާޅުވެ އެކަން އެގޮތަށް ކުރަނީ ވެރިކަން ހިންގާ ބާރުން ނޫންކަމަށް ހަމަޔާ އިންސާފުން ވިސްނާ މީހަކަށް ބުނެވިދާނެ ކަމާމެދު ސުވާލު އުފައްދަވާފަ އެވެ.

"މިއަދު މި ފެންނަނީ ދައުލަތުގެ ތިން ބާރުންކުރެ ދެ ބާރުގެ ބާރު ކަނޑުވާލާފައިވާތަން. މި އަނިޔާވެރި އަމަލު މި ހިންގަނީ ސަރުކާރު ހިންގުމުގެ ބާރުން ނޫންކަމަށް ހަމަޔާ އިންސާފުން ވިސްނާ މީހަކަށް ބުނެވިދާނެތޯ އެވެ،" ގާސިމް ސުވާލުކުރައްވާފައިވެ އެވެ.

ދައުލަތުގެ ތިން ބާރަކީ ވެރިކަންކުރާ ބާރާއި ޖުޑިޝަރީއާއި ރައްޔިތުންގެ މަޖިލިސް ކަމަށްވީ އިރު ގާސިމް އެ ވިދާޅުވަނީ ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ނިޒާމުގެ ބާރު މި ސަރުކާރުން ކަނޑުވާލާފައިވާ ކަމަށެވެ. އެކަން ގާސިމް ސިފަކުރައްވާފައިވަނީ ސަރުކާރުން ހިންގަމުންދާ އަނިޔާވެރި އަމަލެއްގެ ގޮތުގަ އެވެ.

ގާސިމް މިހެން ވިދާޅުވެފައިވާއިރު ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރު ތަންފީޒުނުކޮށް އަމުރަށް "ގޮންޖަހައި" ސަރުކާރުން ކުރަމުންދާ އެކި ކަންކަމަކީ ގާނޫނުއަސާސީ އާއި ޖުޑިޝަރީއާ ރާއްޖޭގެ ކޯޓުތަކުގެ ހުރުމަތާއި ބާރު ކަނޑުވާލުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކެއްގެ ގޮތުގައި އިދިކޮޅު އެކި ފަރާތްތަކުން ވަނީ ސިފަކޮށްފަ އެވެ. އަދި ބޭރުގެ ގައުމުތަކުންނާއި ޖަމިއްޔާތަކުން ވެސް ދަނީ އެ އަމުރު ތަންފީޒުކޮށް ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތަން ރާއްޖެއަށް ގޮވާލަމުންނެވެ.