ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށްފަހު އަނެއްކާވެސް ހައްޔަރު ކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލެއްވުމުން އެކަން ހޫނު ވެފައި ވަނިކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު އުމަރުގެ ވާހަކަތައް ކުށްވެރި ކުރައްވައިފި އެވެ.
ސިޔާސީ ނުވަ ބޭފުޅެއް ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކުރާތީ ގައުމުގެ މަސްރަހު ހަލަބޮލިވެފައި ވަނިކޮށް އުމަރު ވިދާޅުވީ، ސަރުކާރުން އެ ކޯޓުގެ އަމުރު ތަންފީޒުކޮށް ހުރިހާ ސިޔާސީ ފަރާތްތަކުން ދޫކޮށްލަން ޖެހޭ ކަމަށެވެ. ނަމަވެސް ސަރުކާރުން އަލުން ނަޝީދާއި ކުރީގެ ނަިއބު ރައީސް އަހުމަދު އަދީބު ހައްޔަރު ކުރަން ޖެހޭ ކަމަށެވެ.
އެކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ މެންބަރުންގެ ވަރަށް ބޮޑު ފާޑުކިޔުންތައް އަމާޒުވި އެވެ. އުމަރު ނަސީރު މިފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވިއިރު، އެ ޕާޓީ ދަނީ އެމްޑީޕީއާއެކު ވަރަށް ގާތްކޮށް މަސައްކަތް ކުރަމުންނެވެ. އަދި މި ދަނޑިވަޅަކީ އިދިކޮޅު ޕާޓީތަކުން ވަރަށް އެކުގައި މަސައްކަތް ކުރަމުންދާ ދަނޑިވަޅެކެވެ.
އުމަރުގެ ވާހަކައަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ، އަމުރުގައި ދޫކޮށްލުމަށް ބަޔާންކޮށްފައިވާ ދެ ބޭފުޅެއް ޖަލަށްލާންޖެހޭ ކަމަށް އުމަރު ވިދާޅުވެފައިވާތީ ހިތާމަ ކުރައްވާ ކަމަށެވެ. ވަކި މީހަކު ޖަލަށްލާންވީ ކަމަށް ނުވަތަ ނޫން ކަމަށް ވެސް ބުނެގެން ނުވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުގެ އަމުރުގައިވަނީ ހުރިހާ މީހުންނާމެދު ވެސް ނުފޫޒުން އެއް ކިބާވެފައިވާ މިނިވަން އިންސާފުވެރި ތަހުގީގުކޮށް އަދުލުވެރިކަމާ އިހުސާންތެރިކަމާއެކު އިންސާފު ލިބިގެން ދިޔުމަށް، އެފަދަ ހުކުމެއް ކުރެވިގެން މެނުވީ ވަކި އަދަބެއް ލިބެންޖެހޭނެ ކަމަށް ނުވަތަ ނޫން ކަމަށް ކަނޑައަޅާ ބުނުމަކީ އެކަމެއް ބަލާ ނިންމުމުގެ ކުރިން އެއްވެސް މީހަކު ބުނެގެންވާނެ އެއްޗެއް ނޫން،" ގާސިމް ވިދާޅުވެފައިވެ އެވެ.
އުމަރުގެ ވާހަކަތަކާ ގުޅިގެން މީގެކުރިން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ރިޔާޒު އަބްދުﷲ ވެސް ރައްދު ދެއްވާފައިވެ އެވެ. ރިޔާޒު ވިދާޅުވީ، "ސުޕްރީމް ކޯޓުން ރައީސް ނަޝީދު މިނިވަން ކުރުމަށް ނިންމި ނިންމުމަކީ ޖުމްހޫރީ ޕާޓީއިން އެކަމަށް މަރުހަބާ ކިޔާ ކަމެއް،" ކަމަށެވެ.
"ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ގުޅުމުގައި ހިމެނޭ ލީޑަރުންނަށާއި އެންމެހާ މެންބަރުންނަށް ޖުމްހޫރީ ޕާޓީގެ އެންމެހާ މެންބަރުން އިހްތިރާމް ކުރުމަށް ދަންނަވަން،" ރިޔާޒު ވިދާޅުވި އެވެ.
ނަޝީދާއި އަދީބަކީ ކޮރޮޕްޝަނާއި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ފަންޑިޔާރަކު ރަހީނު ކުރުމާއި ސުޕްރީމް ކޯޓުގައި ތަޅު އެޅުވުން ފަދަ ކުށްތަކެއް ހާމަކަން ބޮޑު ގޮތެއްގައި ކުރެއްވި ފަރާތްތެއް ކަމަށް އުމަރު މިއަދު ވިދާޅުވި އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައި ވަނީ އެ ބޭފުޅުންގެ މައްޗަށް ޝަރީއަތް ހިންގާފައިވަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން އިންސާފުން ބޭރުން ކަމަށެވެ. އަމުރު އޮތް ގޮތުން މިހާރު އެ ބޭފުޅުންގެ މައްޗަށް އެއްވެސް ކުށެއް ސާބިތެއް ނުވެ އެވެ.
ޖުމްހޫރީ ޕާޓީއާ މިހާރު ގުޅިވަޑައިގަން އުޅުއްވާ އުމަރަކީ ފެށުނީއްސުރެއް ރައީސް ނަޝީދަށް ފާޑު ވިދާޅުވާ އެމަނިކުފާނާ ދެކޮޅަށް އުޅުއްވާ ބޭފުޅެކެވެ. އަދި އަދީބު މަގާމުން ވަކި ކުރިފަހުން އުމަރު އެކި ފަހަރުގެ މަތިން ވަނީ އަދީބުގެ އަމަލުތައް ވެސް ކުށްވެރިކުރަމުން ގެންދަވަ އެވެ.