ގާސިމް އިބްރާހިމް

"މުދަލާއި ދަރިން ނެގިޔަސް ދުލެއް ނުދޭނަން"

Mar 4, 2018
15
  • މި މަހުގެ 16 ގައި އަނެއްކާވެސް އެއްވުމެއް އޮންނާނެ
  • އެއްވުމުގައި ހަރަދަކަށް ވިސްނާކަށް ނުޖެހޭނެ
  • ގާސިމަށް ކުރާ ތުހުމަތުތައް ދޮގު ކުރެއްވި

ދަރިން ހައްޔަރު ކޮށް ހުރިހާ މުދަލެއް ސަރުކާރަށް ނެގިޔަސް އިދިކޮޅު ފަރާތްތަކުގެ އިސްލާހީ މަސައްކަތުން ދުރަށް ވަޑައި ނުގަންނަވާނެ ކަމަށާއި ހުންނެވީ ސާބިތުވެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އޭނާ އިދިކޮޅު ހަރަކާތްތަކުން "އަމާން ދެއްވައި" ދުރަށްވަޑައިގެންފައިވާ ޕީޕީއެމުން ބޮޑު ތުހުމުތަކެއް ގާސިމަށް ކުރުމުންނެވެ.

އެކެއް ފެބުރުއަރީގެ އަމުރަށް ފަހު ޕީޕީއެމުން ބާއްވާ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އިއްޔެ ވިދާޅުވީ ގާސިމަށް މިހާރު ވިސްނިވަޑައިގެން އިދިކޮޅު ހަރަކާތްތަކުން ވަކިވެ އަމާން ދެއްވައިފިކަމަށް ހަބަރުތައް މާލެ އައިސްފައިވާ ކަމަށެވެ. އަދި އޭނާގެ ވިޔަފާރި ބަނގުރޫޓްވަމުން ދާކަމާއި ރިޔާސީ ޓިކެޓް ލިބެން ނެތްކަން ވެސް ގާސިމް ގަބޫލުފުޅު ކުރައްވައިފި ކަމުގެ ސައްހަ މައުލޫމާތުތައް ވެސް މިހާރު ލިބޭ ކަމަށެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވެ ތުހުމަތަކެއް ކުރެއްވި އިރުވެސް ސަރުކާރުގެ ބައެއް އިސް އޮފިޝަލުންނާއެކު ގާސިމް މަޝްވަރާ ކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ އެސްއެމްއެސްތައް ކުރެއްވި ކަމުގެ އަޑުތަކެއް ފެތުރިފައި އޮތެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާވެސް ހިމެނި ވަޑައިގަންނަވާ ކަމަށް ވެސް ވެއެވެ.

ނަމަވެސް އެއަށް ރައްދު ދެއްވާ ގާސިމް ވިދާޅުވީ މިހާރު ހައްޔަރު ކޮށްފައިވާ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމްގެ އިތުރުން ދެން ތިއްބެވި ބޭފުޅުން ހައްޔަރުކޮށް ހުރިހާ މުދަލެއް ނެގި ނަމަވެސް އިސްލާހީ މަސައްކަތުގައި ހުންނަވާނެ ކަމަށެވެ.

މީގެ އިތުރުން މިމަހުގެ 16 ވަނަ ދުވަހު ބޮޑު އެއްވުމެއް ބާއްވަވާނެ ކަމަށާއި އިދިކޮޅު ޕާޓީތަކުގެ އެ އެއްވުމުގެ ކަންކަމަށް މަޝްވަރާކޮށް ނިމިފައިވާ ކަމަށާއި އެއީ މުޅި ރާއްޖެއިން މީހުން މާލެ އަރައިގެން ބާއްވާ އެ އެއްވުމެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. ގާސިމް އަދި ވިދާޅުވީ އެކަމުގެ އެއްވެސް ހަރަދަކާއި މެދުވިސްނަން ނުޖެހޭނެ ކަމަށެވެ.

އެކެއް ފެބުރުއަރީގެ އަމުރަށް ފަހު މުޒާހަރާތަކެއް ކުރަން ރޭވި ނަމަވެސް މިހާތަނަށް ކުރި މުޒާހަރާތައް ސަރުކާރުން ވަނީ ރޫޅާލާފަ އެވެ.