ހޮލީވުޑް

އެނީ އެވޯޑްސް: އެންމެ ކާމިޔާބީ ފިކްސާރުގެ "ކޯކޯ"

އެނިމޭޓެޑް ފިލްމުތަކަށް ހާއްސަކޮށްގެން ދޭ އެވޯޑް، އެނީ އެވޯޑްސް ގެ މިއަހަރުގެ އެވޯޑުގެ އެންމެ ކާމިޔާބު ފިލްމަކަށް ފިކްސާރުގެ ފިލްމު "ކޯކޯ" ހޮވިއްޖެ އެވެ. މިފަހަރުގެ އެނީ އެވޯޑަށް އެ ފިލްމު 11 ކެޓަގަރީއަކުން ނޮމިނޭޓުވިއިރު އެ ހުރިހާ ކެޓަގަރީއަކުން ވަނީ އެވޯޑް ކާމިޔާބުވެސް ކޮށްފަ އެވެ.

"ކޯކޯ" ހޯދި އެވޯޑުތަކުގެ ތެރޭގައި އެންމެ މޮޅު ޑައިރެކްޝަންގެ އެވޯޑާއި، ވޮއިސް އެކްޓިންގް، އެނިމޭޓެޓް އިފެކްޓްސް، ކެރެކްޓާ އެނިމޭޝަން، ކެރެކްޓާ ޑިޒައިން، މިއުޒިކް، ޕްރޮޑަކްޝަން ޑިޒައިން، ސްޓޯރީ ބޯޑިންގް، ރައިޓިންގް އަދި އެޑިޓޯރިއަލްގެ އެވޯޑު ލިބިފައިވެ އެވެ.

އެންމެ ފަހުން ބޭއްވި ގޯލްޑެން ގްލޯބްސް އެވޯޑުގައި އެންމެ މޮޅު އެނިމޭޓެޑް ފީޗާ ފިލްމުގެ އެވޯޑު ހޯދި "ކޯކޯ" އެނީ އެވޯޑްސްގައި ހޯދި މި ކާމިޔާބީ އާއެކު ކުރިއަށް އޮތް އޮސްކާ އެވޯޑުގައި ވެސް މި ފިލްމަށް ރަނގަޅު ކާމިޔާބީއެއް ލިބޭނެ ކަމަށް އުއްމީދު ކުރެވެ އެވެ.

އެނީ އެވޯޑުގައި މިފަހަރު އެންމެ މޮޅު އެނިމޭޓެޑް ފިލްމަކަށް ހޮވުނީ ކާޓޫން ސެލޫންގެ "ދަ ބްރެޑްވިނާ" އެވެ. މި ފިލްމު އޮސްކާގައި ވެސް "ކޯކޯ" އާއި ވާދަކުރާނެ އެވެ.

އެނިމޭޓެޑް ކުރު ފިލްމުގެ ކެޓަގަރީން އެންމެ މޮޅު ފިލްމަކަށް ހޮވުނީ "ޑިއާ ބާސްކެޓްބޯލް" އެވެ. އެންމެ މޮޅު އެނިމޭޓެޑް ސްޕިޝަލް ޕްރޮޑަކްޝަަން ފިލްމަކަށް ހޮވުނީ ކްލެސިކް ފެއަރީ ޓޭލް ފިލްމެއް ކަމަށްވާ "ރިވޯލްޓިންގް ރައިމްސް" އެވެ. މި ފިލްމު އޮސްކާގެ އެނިމޭޓެޑް ކުރު ފިލްމުގެ ކެޓަރީގައި "ޑިއާ ބާސްކެޓްބޯލް" އާއެކު މިއަހަރު ވާދަކުރެއެވެ.

ޓީވީ އެނިމޭޓެޑް ސީރީޒް ތަކުގެ ކެޓަގަރީތަކުން އެންމެ ގިނަ ކާމިޔާބީތައް ހޯދާފައި ވަނީ ކާޓޫން ނެޓްވޯކްގެ "ރިކް އެންޑް މޯޓީ" އެވެ. އެ ސީރީޒް ވަނީ އެންމެ އެންމެ މޮޅު ޖެނެރަލް އޯޑިއެސްގެ އެވޯޑާއި ރައިޓިންގް އެވޯޑު ލިބިފަ އެވެ.

އެންމެ މޮޅު އެނިމޭޓެޑް ސީރީޒްއަކަށް ހޮވުނީ ކާޓޫން ނެތްވޯކްގެ "ވީ އާ ބެއާސް" އެވެ. ކާޓޫން ނެޓްވޯކުން ވަނީ ހަ އެވޯޑެއް ކާމިޔާބުކޮށްފަ އެވެ.

މިހާރު ހޮލީވުޑްގެ ގިނަ އެވޯޑު ހަފްލާތަކުގައި ޖިންސީ ފުރައްސާރަ އާއި ދެކޮޅަށް ކުރިއަށް ގެންދާ ޓައިމްސް އަޕް އަދި މީޓޫ މޫވްމެންޓް ކެމްޕެއިން ވަނީ މި ހަފްލާގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ.