ހަބަރު

ސިނާން އާއި އިލްހާމް މިއަދު ކޯޓަށް ހާޒިރުކުރަނީ

Feb 5, 2018
5

މަންޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ހެނދުނު 10:00 ގައި ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން ނިންމައިފި އެވެ. ސިނާން އާއި އިލްހާމްގެ ގާނޫނީ ޓީމުން އެކަން ކަށަވަރު ކޮށްދެ އެވެ.

ފުލުހުން ބުނެފައި ވަނީ ސިނާން އާއި އިލްހާމް އިއްޔެ މެންދުރު ރާއްޖެ އައި ވަގުތު އެއާޕޯޓުން ހައްޔަރު ކުރީ ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އެވެ. ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި ސޮއިކުރެއްވުމަށް ފަހު ރާއްޖެއިން ބޭރަށް ވަޑައިގެން ސިނާން އާއި އިލްހާމް ހޯދަން ފުލުހުން މީގެ ކުރިން ވެސް އިއުލާން ކުރި އެވެ. އެ މީހުން ހޯދަން އިއުލާން ކުރީ، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްޗަށް ކުރާ ތުހުމަތުގަ އެވެ.

ފާރިސްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތުގެ ދީގެން ސަރުކާރު ވައްޓާލަން އުޅުމާއި ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުމާއި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ތުހުމަތެވެ. އެ ތުހުމަތުގައި މައުމޫންގެ ތިން މުވައްޒަފަކު ވެސް ހައްޔަރު ކުރި އެވެ. ސިނާން އާއި އިލްހާމް މީގެ ކުރިން ވެސް ވިދާޅުވެފައި ވަނީ ފުލުހަށް ހާޒިރުވުމަށް ދީފައިވާ 14 ދުވަހުގެ މުއްދަތުގެ ތެރޭގައި އެދެ ބޭފުޅުން ވެސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި ފުލުހުންނަށް އެއްބާރުލުން ދެއްވާނެކަމަށެވެ. އަދި ފުލުހުން އެ ތުހުމަތު ކުރާ ފަދަ އެއްވެސް މުއާމަލާތެއް ފާރިޝްއާ އެކު ހިނގާފައި ނުވާ ކަމަށާއި އެބޭފުޅުން ފާރިޝްއާ މުއާމަލާތްކޮށް ނޫޅުއްވާ ކަމަށެވެ.

އެ މައްސަލައިގައި މީގެ ކުރިން ހައްޔަރު ކުރި، މައުމޫންގެ ދަރިކަނލުން ޔުމްނާގެ ފިރިކަނލުން ނަދީމް ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކުރުމާ ގުޅިގެން އޭނާ ވަނީ މީގެ ކުރިން ދޫކޮށްލައިފަ އެވެ. އަދި ސިނާން އާއި އިލްހާމް ހައްޔަރު ކުރަން އޭރު ކްރިމިނަލް ކޯޓުން ނެރުނު އަމުރު ވެސް ބާތިލް ކުރި އެވެ. ނަމަވެސް އިއްޔެ ސިނާން އާއި އިލްހާމް ހައްޔަރު ކުރީ އަލުން އަމުރެއް ހޯދައިގެން އެވެ.

އެ އަމުރާ އެކުހެން ހައްޔަރު ކުރުމަށް އިއްޔެ ހޯދި ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭގެ ވެރިޔާ ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން އިއްޔެ ބާތިލްކޮށް، އެ މައްސަލައިގައި ފައިލް ވަނީ ސުޕްރީމް ކޯޓަށް މިހާރު ނަގައިފަ އެވެ.

ރާއްޖެ އައިތަނުން އެއާޕޯޓުން ސިނާން އާއި އިލްހާމް ހައްޔަރު ކުރުމުން ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާ ސަފީރު އަތުލް ކެސެބް ވެސް ވަނީ އެކަމާ މެދުވެސް ސުވާލު އުފައްދަވައިފަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން ވެސް ވަނީ ސިނާން އާއި އިލްހާމް ވަގުތުން މިނިވަން ކުރުމަށް ގޮވާލައިފަ އެވެ.