ދުނިޔެ

އުތުރުކޮރެއާގެ "ވެރިޔާ" ދެކުނު ކޮރެއާއަށް ވަޑައިގަންނަވަނީ

ދެކުނު ކޮރެއާގައި ބާއްވާ ވިންޓާ އޮލިމްޕިކްސް ބައްލަވައިލެއްވުމަށް އުތުރުކޮރެއާގެ ދައުލަތުގެ ވެރިޔާ ކިމް ޔޮން ނަމް ވަޑައިގަންނަވާނެ ކަމަށް ދެކުނުކޮރެއާއިން ބުނެފިއެވެ.

ދެކުނުކޮރެއާގެ ޔުނިފިކޭޝަން މިނިސްޓްރީއާ ހަވާލާދީ ބީބީސީ ބުނީ ކިމް ޔޮން ނަމް އަންނަ ހުކުރު ދުވަހު އެގައުމަަށް ފަށްޓަވާ ދަތުރުފުޅުގައި އޭނާގެ އަރިހުގައި 22 ބޭފުޅުންގެ ވަފުދެއް ގެންދަވާނެ ކަމަށެވެ.

ކިމްޖޮން ނަމް އަކީ އުތުރުކޮރެއާ ޕާލަމެންޓުގެ ސްޕީކަރެވެ. މިފަހަރު ދެކުނުކޮރެއާއަށް ވަޑައިގެންނެވުމުން އޭނާ ވެވަޑައިގަންނަވާނީ ފާއިތުވި ހަތަރު އަހަރު ތެރޭގައި އެގައުމަށް ވަޑައިގަންނަވާ އުތުރުކޮރެއާގެ އެންމެ އިސް އޮފިޝަލަށެވެ.

ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓްރީން ބުނީ ކިމް ޔޮން ނަމްގެ އަރިހުގައި އުތުރުކޮރެއާގެ އިސް އެހެން ތިން އޮފިޝަލަކާއި ސަޕޯޓު ސްޓާފުންގެ ގޮތުގައި 18 ބޭފުޅަކު ވަޑައިގަންނަވާނެ ކަމަށެވެ. ވިންޓާ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ކިމް ބައިވެރިވެވަަޑައިގަންނަވާނެކަމެއް ނުވަތަ ނޫން ކަމެއް ދެކުނަކުން ނުބުނެއެވެ. އެ ރަސްމިއްޔާތުގައި އޭނާ ބައިވެރިވެވަޑައިގެންފި ނަމަ އޭނާއަށް އިންނެވޭނީ އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސްއާ އެކު އެއް ރަސްމިއާތެއްގައެވެ.

ވިންޓާ އޮލިމްޕިކްސްގައި އުތުރުކޮރެއާ ބައިވެރިވުމާ ބެހޭ ގޮތުން ދެގައުމުން ކުރި މަޝްވަރާގައި އެއްބަސްވެފައި ވަނީ އޮލިމްޕިކް ފެށުމުގެ ރަސްމިއްޔާތުގައި އެއްބައިވަންތަކަމުގެ ދިދައިގެ ދަށުގައި ދެކޮރެއާގެ އެތުލީޓުން އެކުގައި ހިނގާލުމަށެވެ. އެ ދެގައުމުން ކުރި ކާމިޔާބު މަޝްވަރާތައް ފެށީ މީލާދީ އާ އަހަރު ފެށުމުގެ މުނާސަބާގައި އުތުރުކޮރެެއާގެ ލީޑަރު ކިމްޖޮން އުން ދެއްވި ހިތާބުގައި އެކަމަަށް ގޮވައިލެއްވުމުންނެވެ.