ވިޔަފާރި

ގެދޮރުވެރިންނަށް ބީއެމްއެލްއިން ލައިފް ސްޓައިލް ލޯނެއް ނެރެފި

Feb 5, 2018
6
  • ލޯނުގެ އިންޓަރެސްޓް ރޭޓަކީ 12 ޕަސެންޓް
  • ލޯނު ދޫކުރަނީ ތިން އަހަރުގެ މުއްދަތަށް
  • ލޯނު ނެގޭނީ އެއް ލައްކަ އާއި ފަސް ލައްކައާ ދެމެދު

ގޭގެ އޯނަރުންނަށް އަމާޒުކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ލައިފް ސްޓައިލް ލޯނު" މިއަދު ތައާރަފުކޮށްފި އެވެ.

މި ލޯނު މެދުވެރިކޮށް އަމިއްލަ ބޭނުންތަކަށާއި ވިޔަފާރި ބޭނުންތަކަށް ފައިނޭންސް ކުރެވޭނެ އެވެ. މި ގޮތުން ގެއަށް ބޭނުންވާ ފަރުނީޗަރު ނުވަތަ އިލެކްޓްރޯނިކް ސާމާނު ހޯދުމަށާއި ކުދިންނަށް ތައުލީމް ހާސިލްކޮށްދިނުމަށާއި ވިޔަފާރިއަށް ކުއްލިއަކަށް ބޭނުންވާ ފައިސާ ހޯދުމަށް ވެސް މި ލޯނު ބޭނުންކުރެވޭނެއެވެ. މި ލޯނު ދޫކުރާނީ ކަސްޓަމަރުގެ އަމިއްލަ ގެދޮރު ރަހުނުކުރުމަށްފަހުގަ އެވެ.

ބީއެމްއެލްގައި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ޝަރީފު ވިދާޅުވީ "ލައިފް ސްޓައިލް ލޯން"އަށް ޕްރޮޖެކްޓެއް ހުށަހަޅަން ނުޖެހޭނެ އެވެ.

"އަހަރެންގެ ބޭންކް- ދިވެހިންގެ ބޭންކް" ގެ ދަށުން މި މަހު ކުރިއަށް ގެންދާ 28 ހަރަކާތުގެ ތެރޭގައި ހިމެނޭ ބައެއްގެ ގޮތުން ތައާރަފުކުރި "ލައިފް ސްޓަައިލް" ލޯނު، 100،000ރ. އާއި 500،000ރ. އާ ހަމަ އަށް ނެގޭނެ އެވެ. އަދި މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ 12 ޕަސެންޓެވެ. އަދި ލޯނު ދޫކުރާ އެންމެ ދިގު މުއްދަތަކީ ތިން އަހަރެވެ.

ބީއެމްއެލްގެ ޑައިރެކްޓަރު އޮފް ބިޒްނަސް ކުލްދިޕް ޕަލިވާލް ވިދާޅުވީ ލައިފްސްޓައިލް ލޯނަކީ ފަސޭހަކަމާއެކު ކްރެޑިޓެއް ހޯދުމަށް ބޭނުންވާ ކަސްޓަމަރުންނަށް ވަރަށް އެކަށޭނެ ލޯނެއް ކަމަށެވެ.

"ކުލީގެ ގޮތުގައި އާމްދަނީ ލިބޭ ފަރާތްތަަކަށް އަމިއްލަ ގެދޮރު ރަހުނުކުރުމަށްފަހު ފަސޭހަކަމާ އެކު 500،000 ރުފިޔާ އާ ހަމަޔަށް ދޫކުރެވޭ ލޯނަކަށް ވުމާއެކު، މިއީ އެ ކަސްޓަމަރުންގެ މެދުގައި މަގްބޫލް ލޯނަކަށް ވެގެންދާނެ. މިލޯނާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ކޮންމެ ބްރާންޗަކުން،" ކުލްދިފް ވިދާޅުވި އެވެ.

ބީއެމްއެލް އިން ދަނީ ހުރިހާ ދާއިރާތަކަށް ހާއްސަ ލޯނުތައް ދޫކުރަމުންނެވެ. އަދި މި ލޯނުތައް ވެގެންދަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ލޯނު ތަކަށެވެ.