ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާ ސުވާލު ކުރުމަށް ފުލުހުން މަސައްކަތް ފަށައިފި އެވެ. އެކަން ފުލުހުން ޔަގީން ކޮށްދިނީ އެ އިދާރާގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރިކޮށެވެ.
ފުލުހުން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނީ ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް މައުމޫން އާ ސުވާލު ކުރަން އެ ގެއަށް ދިޔުމުން މިވަގުތު ބައްދަލުކުރެވެން ނެތް ކަމަށާއި އެހެން ނަމަވެސް ފަހުން ގުޅުއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އަދި އެގެއަށް ދިޔަ ފުލުހުންގެ މައުލޫމާތު ނަންގަވާފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ، ބަލަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުން ރައީސް މައުމޫންއާ ބައްދަލުކުރުމަށް އެދިފައިވާތީ މާދަމާ ހެނދުނު 11:30 ގައި ބައްދަލު ކުރައްވާނެ ރައީސް މައުމޫން ފުލުހުންނަށް ދަންނަވާފައިވާ ކަމަށެވެ.