ހަބަރު

ފެބުރުއަރީ އަމުރުން ހުދުމުހުތާރު ވެރިކަމުގެ މައިބަދަ ބިނދުނު: މައުމޫން

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރަކީ ހުދުމުހުތާރު ވެރިކަމެއްގެ މައިބަދަ ބިނދިގެންދިޔަ އަމުރެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން އެގޮތަށް ވިދާޅުވީ، 12 މެންބަރުން ގޮނޑި ނުގެއްލޭ ކަމަށާއި އޭރުގެ އިދިކޮޅު ސިޔާސީ ލީޑަރުން ވަގުތުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް އެއް އަހަރުވުމާ ގުޅިގެނެވެ.

ސުޕްރީމް ކޯޓުގެ އޭރުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވާ ނެރުނު އަމުރުގައި ވަނީ، އޭރުގެ އިދިކޮޅު ލީޑަރުންގެ މައްސަލަ އަލުން ބެލޭނެ އިންތިޒާމް ހަމަޖައްސައި އެފަރާތްތައް ވަގުތުން ދޫކޮށް މިނިވަން ކުރުމަށާއި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާއި ބެހޭ އެއްވެސް މައްސަލައެއް އެޖެންޑާ ކޮށް ބެލުމުގެ ބާރު ޖުޑީޝިއަލް ސާވިސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށާއި ރައްޔިތުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ.

ނަމަވެސް އެ އަމުރާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ކުއްލި ހާލަތު އިއުލާންކޮށް އޭރުގެ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަދި ރައީސް މައުމޫން ހައްޔަރުކުރުމަށްފަހު ސިޔާސީ ނުވަ ހައްޔަރީން ދޫކޮށްލުމަށް އަމުރުގައި ހިމެނޭ ބަޔާއި ފަނޑިޔާރުންގެ މައްސަލަ ނުބެލޭނެ ކަމަށް ބުނެފައިވާ ބައިވެސް ސުޕްރީމް ކޯޓްގައި ބާކީ ތިބި ފަނޑިޔާރުން މެދުވެރި ކުރައްވައި ބާތިލްކޮށްފަ އެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައިވަނީ، މިއަދަކީ ސުޕްރީމް ކޯޓުން ސިޔާސީ ހުރިހާ ލީޑަރުންނާއި ޑިމޮކްރަސީ އަލުން އިއާދަކުރުމަށް ނެރުނު އަމުރަށް އެއް އަހަރުވީ ދުވަސް ކަމަށެވެ. އެ އަމުރަކީ ހުދުމުހުތާރު ވެރިކަމެއްގެ މައިބަދަ ބިންދާލި އަމުރެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެކެއް ފެބްރުއަރީގެ އަމުރުގައި މިނިވަން ކުރުމަށް އަމުރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ފިޔަވާ އެހެން ހުރިހާ ފަރާތްތަކެއް މިހާރު ވަނީ ޖަލުން މިނިވަންވެފަ އެވެ. އަދި 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

އެއަމުރާއި ގުޅިގެން ހައްޔަރުކުރި ހުރިހާ ފަރާތެއް މިހާރު ވަނީ ދޫކޮށްލާފަ އެވެ. އަދި ބައެއް ފަރާތްތަކަށް ކުރި ދައުވާތައް ވެސް މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ.