ހަބަރު

ފުލުހުންނަށް ޖެނެރަލް ޝިޔާމް އަޒުމް ލައިދޭ ހިސާބަށް ދިޔުމުން ކަންބޮޑުވޭ: ރިޔާޒު

އާންމު ރައްޔިތުންނާއި ޑީލް ކުރާކަށް ސިފައިން ނުނެރެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓު ސަރަހައްދުގައި ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ރިޔާޒު ވިދާޅުވީ، ސިފައިންނަކީ ގައުުމު މިނިވަން ހިފަހައްޓައި، ގައުމަށް ބޭރުން އަންނަ އުދުވާނީ ހަމަލާތަކުން ސަލާމަތް ކުރުމަށް އޮންނަ ބައެއް ކަމަށެވެ. އާންމު އުސޫލަކުގެ ދަށުން ރައްޔިތުންނާއި ޑީލް ކުރަން ސިފައިން ނުނެރޭނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ، ފުލުހުންގެ ލީޑާސިޕުންނާއި ފުލުހުންގެ އިސްވެރިން ސިފައިން ނެރުމަށް އެންކަރޭޖް ކޮށްގެން ނުވާނެ ކަމަށާއި ފުލުހުންނާއި ސިފައިންގެ ގާނޫނުތައް ތަފާތުވާނެ ކަމަށެވެ. އަދި ވިދާޅުވީ، ފުލުހުންގެ އަޒުމާއި ޓްރެއިނިންނާއި ވިސްނުންވެސް ސިފައިންނަށް ތަފާތުވާނެ ކަމަށެވެ.

"ސިފައިންނަކީ ގައުުމު މިނިވަންކަމާއެކު ހިފެހެއްޓުމަށްޓަކައި ގައުމަށް ބޭރުން އަންނަ އުދުވާނަކުން ސަލާމަތް ކުރުމަށްޓަކައި ތިބޭ ބައެއް، ސިފައިނެއް ނުނެރޭނެ އާންމު އުސޫލަކުންނެއް ރައްޔިތުންނާއި ޑީލް ކުރާކަށް، ފުލުހުންގެ އަޒުމް ތަފާތު ވާނެ، ފުލުހުންގެ ޓްރެއިން ތަފާތުވާނެ، ފުލުހުންގެ ވިސްނުންވެސް ތަފާތުވާނެ ސިފައިންނާ ބަލާފަ،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ، އިއްޔެ ބަންޑާރަ ކޮށީގެ ތެރޭގައި ސީޑިއެފް ގެ ދަށުން ފުލުހުންނާއި ސިފައިން އަމުރެއް ކިޔުއްވި ކަމަށާއި އެކަން އެގޮތަކަށް ނުކުރެވޭނެ ކަމަށާއި އެފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އަދި މިކަމަކީ ކަންބޮޑުވާ މައްސަލެއް ކަމަށާއި މިއިން ފެންނަނީ ލީޑަޝިޕް ފެއިލް ވެގެންދާ މަންޒަރު ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"އެކަމާ ވަރަށް ކަންބޮޑުވި، އިއްޔެ ފެބުނު ބަންޑާރަ ކޮށީގައި ސީޑިއެފް ގެ ދަށުން އަމުރެއް ކިޔާތަން، އެކަން އެގޮތަކަށް ނުކުރެވޭނެ، އެފުރުސަތު ދީގެން ނުވާނެ، މިއަދު މިއޮތީ އެހާލަތެއްގައި ނޫން، މިއީ ކަންބޮޑުވާ މައްސަލަތައް، މިއިން ފެންނަނީ ލީޑަޝިޕް ފެއިލް ވެގެންދާ ތަންތަން. ފޯސެސްގެ ލީޑާޝިޕް ފެއިލްވެގެންދާ މަންޒަރު މިފެންނަނީ،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ، ކަންބޮޑުވާ އެންމެ ބޮޑު އެއް މައްސަލައަކީ ރައްޔިތުންގެ އިތުބާރު ފުލުހުންނަށް ގެއްލިގެންދާ މައްސަލަ ކަމަށާއި ފުލުހުންނަކީ ވެސް ރައްޔިތުން އިހުތިރާމް ކުރާ މުއައްސަސާއަކަށް ވާންވާނެ ކަމަށެވެ. އަދި ވިދާޅުވީ، މުއައްސަސާގެ ކޮންމެ މީހަކަށް ވެސް ގާނޫނުގެ ދަށުން ވާޖިބުތަކެއް ހަވާލު ކުރެވިފައިވާ ކަމަށާއި އެންމެ އިސްކޮށްތިއްބެވި ފަރާތްތަކުން އެކަން ކުރަން ޖެހޭނީ ގާނޫނުގައި އަންގަވާފައިވާ ގޮތަށް ކަމަށެވެ.

"އެގޮތަށް އަމަލު ނުކުރާ ކަމަށް ވަނީނަމަ ރައްޔިތުންގެ ހިތްހަމަ ނުހެޖި މަގުމައްޗަށް ނިކުންނާނެ، މަގުމައްޗަށް ނުނިކުމެ ތިބޭނީ އަދުލު އިންސާފު ގާއިމް ވާކަމުގައި ވަނީނަމަ." ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު އިތުރަށް ވިދާޅުވީ، ފެނިގެން މިދަނީ ސިޔާސީ ބޭފުޅުންގެ ފިއްތުން ތަކާހެދި ފުލުހުންގެ ޒިންމާ އަދާ ނުކުރެވިގެންދާ މަންޒަރު ކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުމަށާއި މަގާމު ދިފާއު ކުރަން ގާނޫނާ ހިލާފު ނުވުމަށް ފުލުހުންނަށް ރިޔާޒު ވަނީ ގޮވާލާފަ އެވެ. އހވ