1 ފެބުރުއަރީގެ އަމުރު

ޓޫރިޒަމަށް ލިބޭ ގެއްލުން ކުޑަ ކުރަން ފިޔަވަޅު އަޅަން ފަށައިފި

ސިޔާސީ ގޮތުން ރާއްޖެ ހަލަބޮލިވުމުގެ ސަބަބުން ޓޫރިޒަމަށް ލިބިދާނެ ގެއްލުން ކުޑަ ކުރަން ޓޫރިޒަމް މިނިސްޓްރީ އާއި އިންޑަސްޓްރީ ގުޅިގެން ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް މިނިސްޓަރު ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ ޓޫރިޒަމަށް ގެއްލުން ލިބޭތޯ ވަރަށް ކައިރިން ބަލަމުންދާ ކަމަށެވެ.

"އެމްއެމްޕީއާރުސީއާ ޓޫރިޒަމް މިނިސްޓްރީ ގުޅިގެން މިކަމުން ކޮށްފާނެ ނެރެޓިވް އިމްޕެކްޓް ބަލަމުން މި ދަނީ. މީގައި ހުރި ނެގެޓިވް އިމްޕެކްޓް ކުޑަ ކުރަން ފިޔަވަޅު އަޅަން ފަށަނީ،" ޒަމީރު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ އަމުރު ސަރުކާރުން ތަންފީޒް ކުރުން ލަސްވުމާއެކު، ރާއްޖޭގެ ސިޔާސީ ދާއިރާ މިވަގުތު ވަނީ ވަރަށް ހޫނުވެފަ އެވެ. އަދި މާލޭގައި ކޮންމެ ރެއަކު މުޒާހަރާތައް ދަނީ ކުރަމުންނެވެ. އަދި މިއާއެކު، ރާއްޖެ އަށް އެންމެ ގިނަ އިން ޓޫރިސްޓުން ގެންނަ ބައެއް ގައުމުތަކުން ވަނީ ރާއްޖެ އަށް އައިސް އުޅުމުގައި އެ ގައުމުތަކުގެ ރައްޔިތުން ސަމާލުވުމަށް އަންގާފަ އެވެ. އަދި ޗައިނާއިން މިއަދު ވަނީ ސިޔާސީ ހަލަބޮލިކަން ހައްލުވަންދެން ރާއްޖެއަށް އެ ގައުމުގެ މީހުން ނާންނަން އަންގާފަ އެވެ.

މިނިސްޓަރު ޒަމީރު މިއަދު ވިދާޅުވީ ޓްރެވަލް އެޓްވައިޒަރީތަކާ ގުޅިގެން، ބުކިން ކެންސަލް ކުރަމުންދޭތޯ ބަލަމުންދާ ކަމަށެވެ.

"ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް ޓްރޭޑުގައި ތިބި މީހުންނާ ވާހަކަ ދައްކައިގެން މީގެ އިމްޕެކްޓް ކުޑަ ކުރެވޭތޯ ބަލާނީ. ރާއްޖެ އެހެން ގައުމުތަކާ ތަފާތު. ރާއްޖޭގެ ރިސޯޓުތައް ހުރީ ވަކިން. އެހެންވެ ކުރާ އިމްޕެކްޓް ތަފާތު ވާނެ. ނަމަވެސް ކޮށްފާނެ އަސަރު މިދަނީ ބަލަމުން،" ޒަމީރު ވިދާޅުވި އެވެ.

ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް ޓްރޭޑުގައި ތިބި މީހުންނާ ވާހަކަ ދައްކައިގެން މީގެ އިމްޕެކްޓް ކުޑަ ކުރެވޭތޯ ބަލާނީ. ރާއްޖެ އެހެން ގައުމުތަކާ ތަފާތު. ރާއްޖޭގެ ރިސޯޓުތައް ހުރީ ވަކިން. އެހެންވެ ކުރާ އިމްޕެކްޓް ތަފާތު ވާނެ. ނަމަވެސް ކޮށްފާނެ އަސަރު މިދަނީ ބަލަމުން
މިނިސްޓަރު ޒަމީރު

ރާއްޖޭގެ ސިޔާސީ ދާއިރާ މި އަހަރު ފެށުމާއެކު ހަލަބޮލިވެގެން ދިޔައި، މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ކާމިޔާބު އަހަރެކެވެ. މިދިޔަ އަހަރު 1.3 މިލިއަން މީހުން އައިސްފައިވެ އެވެ.