ވިޔަފާރި

ކެންސަލޭޝަން މަދުކުރަން ފެށި މަސައްކަތުގެ ނަތީޖާ ފެނޭ: މަޓާޓޯ

Mar 5, 2018

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން، ޓޫރިޒަމަށް ދިމާވެފައިވާ ބުކިން ކެންސަލްވުން މަދު ކުރަން ކުރަމުންދާ މަސައްކަތުގެ ނަޖީތާ ފެންނަމުންދާ ކަމަށް ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން މިއަދު ބުނެފި އެވެ.

މަޓާޓޯގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަސްރާ ނަސީމް ވިދާޅުވީ ބުކިން ކެންސަލޭޝަން މަދުކުރަން މާކެޓިން ހަރަކާތްތައް ގިނަ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށެވެ.

"އަސްލު ނިއުސްގައި އޮތް ވަރަކަށް ކެންސަލޭޝަންތައް ނާދެ. އާއްމުކޮށް އަންނަނީ އޮންލައިންކޮށް، އެސްއޯއީ [ސްޓޭޓް އޮފް އިމަޖެންސީ] ގެ ސަބަބުން ޓްރެވަލް އެޖެންޓުންގެ ސައިޑުން ކެންސަލޭޝަން އަންނަ އަދަދު މަދު. އެ މީހުންނަށް ގެސްޓުންނަށް ކޮންވިންސް ކޮށްދެވޭތީ ވާގޮތެއް އެއީ،" ޓޫރިޒަމް ދާއިރާގެ އެންމެ ދުވަސްވީ އެވޯޑުދޭ ޖަމިއްޔާ އިން ވާހަކަ ދެއްކެވި، އަސްރާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ރާއްޖެ ހަލަބޮލިވެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ. އަދި ފަހުން ވަނީ ކުއްލި ހާލަތު ދެވަނަ ފަހަރަށް ވަނީ އިތުރުކޮށްފަ އެވެ. އެސްއޯއީގެ ސަބަބުން ގިނަ ގައުމުތަކަކުން ވަނީ ޓްރެވަލް އެޑްވައިޒަރީތައް ނެރެފަ އެވެ. ހާއްސަކޮށް މި ގައުމުތަކުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ އާއި އިނގިރޭސިވިލާތް އަދި އެމެރިކާގެ އިތުރުން އެހެން ބައެއް ގައުމުތައް ހިމެނެ އެވެ. އަދި މި އެޑްވައިޒަރީތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވަނީ ބޮޑު ގެއްލުމެއް ވެފައި ކަމަށް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުން ވަނީ ބުނެފަ އެވެ.

ބުކިން ކެންސަލޭޝަން ގިނަވުމާއެކު، މަޓާޓޯ އިން ވަނީ ރާއްޖެ އިޝްތިހާރު ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރާނެ ކަމަށް ބުނެފަ އެވެ. އެ ޖަމިއްޔާ އިން ވަނީ ބުކިންތައް މަދު ކުރުމަށް މަސައްކަތް ތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ. އެކަން ކުރުމަށްޓަކައި ބޭރުގެ އެޖެންޓުންނާ ވާހަކަ ދައްކަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް އަސްރާ ވިދާޅުވީ މާކެޓިން ހަރަކާތްތަކުން ނަތީޖާ ފެންނަމުން ދިޔަނަމަވެސް، ގެސްޓްހައުސް ތަކަށް ކެންސަލޭޝަންތައް އަންނަ ކަމަށެވެ.

"ގެސްޓްހައުސް އަށް ގިނައިން ބުކިން އަންނަނީ އޮންލައިންކޮށް، އެހެންވެ ކެންސަލޭޝަންތައް ގިނަ،" އަސްރާ ވިދާޅުވި އެވެ.

އެސްއޯއީގެ ސަބަބުން ޓޫރިޒަމަށް ގެއްލުންވާއިރު، މިދިޔަ އަހަރަކީ ރާއްޖެ އަށް ގިނަ އަދަދަކަށް ޓޫރިސްޓުން އައި އަހަރެވެ. މިދިޔަ އަހަރު 1.3 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ.