ގައުމު ހަލަބޮލިކަމުގެ ތެރެއަށް ވެއްޓިގެންދާތަން ބަލަން ކެތްނުވާ ކަމަށާއި ގައުމާއި ގައުމުގެ ރައްޔިތުންގެ ހައްގުގައި އަމަނާއި ސުލްހަ އަލުން ހޯދުމަށް ހުރިހާ މައްސަލަތަކެއް އެއްފަރާތްކޮށްލުމަށްފަހު މަޝްވަރާކުރަން ސިޔާސީ ލީޑަރުންނަށާއި ސަރުކާރުގެ ފަރާތްތަކަށް ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫން އިލްތިމާސްކުރައްވައިފި އެވެ.
ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައި މިހާރު ހުންނެވި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މިއަދު ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސް އެއްގައި ވަނީ ގައުމުގެ މިހާރުގެ ހާލަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެކަމަނާ ވިދާޅުވީސުންނާފަތިކޮށް ހަނގުރާމައަކަށް ބަދަލުކޮށްލުމަކީ ފަސޭހަ ކަމެއް ކަމަށެވެ. ނަމަވެސް އޭގެ ފަހުން އިންސާފާއި އަމަނާއި ހަމަޖެހުން އަލުން އަނބުރާ ހޯދުމަކީ އުނދަގޫ ކަމެއް ކަމަށެވެ. ވުމާއެކު އަމިއްލަ އެދުންތަކާއި ނަފްރަތާއި މައްސަލަތައް އެއްފަރާތްކުރުމަށްފަހު ގައުމުގެ ސުލްހަ އަލުން ގެންނަން ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރުމަށް އެދި ދުންޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ގައުމުގެ ސުލްހަ ހޯދަން ގުޅިގެން މަސައްކަތްކުރައްވަން އެކަމަނާ ހުންނެވީ ތައްޔާރަށް ކަމަށް ވެސް ވިދާޅުވި އެވެ.
"ހައްލު ހޯދައި ރައްޔިތުން އެކަތިގަނޑަކަށް ހެދުމަށް އެކުގައި މަޝްވަރާގެ މޭޒަށް ދާން މިހުރީ ތައްޔާރަށް. މިއީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސާއި ދަރިންގެ ހައްގުގައިވެސް ކުރަންޖެހޭ ކަމެއް،" ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ ހުރިހާ ހިޔާލުތަފާތުވުންތަކާއި މައްސަލަތަކާއެކު ގުޅިގެން މަސައްކަތްކުރުމަކީ އުނދަގޫ ދަތި މަސައްކަތެއް ކަމަށެވެ. އެކަމަކު ދުނިޔޭގެ ހަޔާތަކީ ވެސް އެފަދަ އެއްޗެއް ކަމަށެވެ.
ދުންޔާ މިފަދައިން ވިދާޅުވެފައިވާއިރު ބައްޕާފުޅު މައުމޫނާއި ކޮއްކޯފުޅު ފާރިޝްއާ ސަރުކާރާ ދެމެދު މައްސަލަތައް އުފެދިގެން އައި ދުވަސްވަރު ރައީސް ޔާމީނުގެ ފުރަތަމަ ފޮރިން މިނިސްޓަރު ކަމުގައި ހުންނެވުމަށްފަހު އެކަމަނާ ވަނީ މަގާމުން އިސްތިއުފާދެއްވާފަ އެވެ. ނަމަވެސް އޭގެ ފަހުން ބައްޕާފުޅުގެ ކޮޅު ދޫކުރައްވައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް ވަޑައިގެންނެވުމަށްފަހު މިހާރު ވެސް ހުންނެވީ ރައީސް ޔާމީނުގެ ފަހަތްޕުޅުގަ އެވެ.