ހަބަރު

ފުލުހުންގެ އިސްވެރިންނަށް ފިޔަވަޅު އަޅަން ސުޕްރީމް ކޯޓަށް

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވީ ނަމަވެސް މިހާތަނަށް ދޫކޮށްފައިނުވާތީ ފުލުހުންގެ އިސްވެރިންގެ މައްޗަށް ފިޔަވަޅު އެޅުމަށް ސުޕްރީމް ކޯޓަށް ފާރިސް މައްސަލައެއް ހުށަހަޅައިފި އެވެ.

ފާރިސްގެ ފާރާތުން މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ފިޔަވަޅު އަޅަން އެދިފައިވަނީ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒާއި ކަސްޓޯޑިއަލް ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ނާފިޒާއި ޗީފް އިންސްޕެކްޓާ އަހުމަދު ޝަރީފާއި ދޫނިދޫ ކަސްޓޯޑިއަލް އިންޗާޖް އަބްދުﷲ އަބްދުލްރަހީމްގެ މައްޗަށެވެ.

އެ މައްސަލާގައި ބުނެފައިވަނީ، ކޯޓު އަމުރާ ހިލާފަށް ފުލުހުންގެ ބެލުމުގެ ދަށުން ފާރިސް ހިފަހައްޓާފައިވާތީ ފުލުހުންގެ އިސްވެރިން ސުޕްރީމް ކޯޓަށް ހާޒިރުކޮށް ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވައިދުގެ ދަށުން އަދަބު ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ.

އޭގެއިތުރުން ފާރިސް ވަނީ އޭނާ ދޫކޮށްލުމަށް ހޭބިއަސް ކޯޕަސް އަމުރެއް ނެރެދިނުމަށް ވެސް ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފަ އެވެ. އެ މައްސަލާގައި އެދިފައިވަނީ ފާރިސް ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރެ، އޭނާ ހުރީ ގާނޫނާ ހިލާފު ބަންދެއްގަ ކަމަށް ކަނޑައަޅައި ހޭބިއަސް ކޯޕަސް އަމުރެއް ނެރެދިނުމަށެވެ. ހެބިއަސް ކޯޕަސްގެ މައްސަލަތަކަކީ ގާނޫނާ ހިލާފަށް ބަންދު ކޮށްފައިވާ މީހެއް ބަންދުން ދޫކޮށްލުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާ މައްސަލަ އެވެ.

ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ސުޕްރީމް ކޯޓުން އަމުރު ނެރުނުތާ ގަޑިއިރެއްހާއިރު ފަހުން ފާރިސް މައުމޫން މިނިވަންވެފައިވާ ކަމަށް ފުލުހުން އޭނާއަށް އެންގި ކަމަށް ފާރިސް ވިދާޅުވި ކަމަށެވެ. އަދި މިނިވަން ކުރުމަށްފަހު ފާރިސް ލޯންޗަކަށް އެރުވިކަން ވެސް ފާރިސްގެ ފަރާތްޕުޅުންނާއި އެތަނުގައި ތިބި ފުލުހުންގެ ފަރާތުން އެނގިފައިވާ ކަމަށެވެ.

"މިނިވަން ކުރުމަށްފަހު އަނެއްކާ އޭނާ ބަންދުކުރީ ކަމަށް ފުލުހުން ބުނާއިރު މިހާރު އޭނާ ބަންދު ކުރުމަށް ގާނޫނީ ގޮތުން ސައްހަ ކޯޓު އަމުރެއް ނޯންނާނެ، ސައްހަ ކޯޓު އަމުރެއް ނެތި ހައްޔަރެއް ނުކުރެވޭނެ، ފާރިސް ދޫނިދޫގައި ކުށެއް ކުރެއްވި ކަމަށް އެއްވެސް ތުހުމަތެއް ކޮށްފައެެއް ނުވޭ، މި ވިދާޅުވަނީ ބަންދުކުރީ ކުރީ އަމުރުގެ ދަށުން، މިއީ ގާނޫނީ ގޮތުން ހިނގާ ކަންކަމެއް ނޫން، ހާއްސަކޮށް މިނިވަން ކަމެއް މީހެއްގެ ނަގާލުމުގަ އާނ މި ބަންދުކުރީ ކުރީގެ އަމުރުގެ ދަށުން ނުބުނެވޭނެ،" މައުމޫން ހަމީދު ވިދާޅުވި އެވެ.

ފާރިސްގެ ވަކީލުން މިކަން ހާމަކުރެއްވިއިރު، ސުޕްރީމް ކޯޓުގެ އަމުރު ނެރުނުތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އޭރުގެ ސީޕީ އަހުމަދު އަރީފް ވަނީ އެ އަމުރު ތަންފީޒު ކުރަމުންދާކަން ހާމަކުރައްވާފަ އެވެ. ނަމަވެސް އޭގެ އިރުކޮޅެއްގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ވަނީ ފޯނުން އަރީފަށް ނުގުޅުއްވޭ ކަމަށް ވިދާޅުވެ މަގާމުން ދުރުކޮށްފަ އެވެ. އޭގެ ފަހުން ފުލުހުންގެ ހިންގުން ދެ ބޭފުޅަކަށް ވަނީ ހަވާލުކޮށްފަ އެވެ. ސީޕީ އަރީފް މަގާމުން ވަކިކުރި ފަހުން ފުލުހުންގެ ސްޓޭންޑަށް ބަދަލު ގެނެސް، އަމުރު ތަންފީޒު ކުރާނީ ބަންޑާރަ ނައިބާއި ޕީޖީގެ ލަފާގެ މަތިން ކަމަށް ވަނީ ބުނެފަ އެވެ.