ހަބަރު

އަމުރު ތަންފީޒުކުރަން އެހެން ކޯޓުތަކުން ބާރު އެޅުމަށް ގޮވާލައިފި

ސިޔާސީ ނުވަ ބޭފުޅެއް ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރަށް އެންމެން ވެސް ތަބާވާންޖެހޭއިރު އެ އަމުރު ތަންފީޒުކުރުމަށް އެހެން ކޯޓުތަކުން ގޮވާލައި ބަޔާނެއް ނެރުމަށް ކުރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުލްބާރީ ޔޫސުފް މިއަދު އެދިވަޑައިގެންފި އެވެ.

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރު ތަންފީޒުކުރުން ސަރުކާރުން ލަސްކުރަމުންދާ ދިއުމާ ގުޅިގެން ގައުމުގެ ސިޔާސީ މަސްރަހު ހޫނުވެފައިވަނިކޮށް ގާޒީ ބާރީ ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގެ ހުކުމްތަކާއި އަމުރުތަކަށް ގާނޫނު އަސާސީގެ ބާރު ހިނގާ ސަރަހައްދުގައި ތިބި އެންމެތަކުން ތަބާވުމަށް ގޮވާލައި ހުރިހާ ކޯޓަކުން ބަޔާން ނެރުމަށް އެ ކޯޓުތަކަށް ގޮވާލައްވާ ކަމަށެވެ.

އަމުރާ ގުޅިގެން މީގެކުރިން ވެސް ގާޒީ ބާރީ ވާހަކަ ދައްކަވާފައިވެ އެވެ. އެގޮތުން އިއްޔެ ގާޒީ ވިދާޅުވީ، ޝަރުއީ ކޯޓެއްގެ އަމުރުތަކާއި ހުކުމްތައް ތަންފީޒުކުރުމުގައި ބަލަންޖެހޭނީ އެ ހުކުމްތަކާއި އަމުރުތަކުގެ ބޭރު ފުށަށް ކަމަށެވެ.

"ދަށު ކޯޓުތަކުގެ ހުކުމްތަކާ އަމުރުތަކާމެދު ހިތްހަމަނުޖެހޭނަމަ އިސްތިއުނާފު ކޮށްގެން އެއާ މެދު ވާހަކަ ދެއްކިދާނެ، އެހެން ނަމަވެސް އެންމެ މަތީ ކޯޓުގެ ހުކުމްތަކާއި އަމުރުތައް ތަންފީޒުކުރުމަށްޓަކައި ބަހުސްކޮށް ޖަދަލު ކުރުމަކީ އެއްވެސް ޝަހުސަކަށް ލިބިގެންވާ ހައްގެއް ނޫން،" ގާޒީ ބާރީ ވިދާޅުވި އެވެ.

މިހާރު ކުޑަކުދިންގެ ކޯޓުގައި މަސައްކަތް ކުރައްވާ ގާޒީ ބާރީ އިތުރަށް ވިދާޅުވީ، "އެންމެ މަތީ ކޯޓުގެ ހުކުމްތަކާއި އަމުރުތައް ތަންފީޒުކުރުމުން ދެން ނިކުންނަ ނަތީޖާއަކީ އެ ހުކުމްތަކާއި އަމުރުތައް ތަންފީޒުނުކުރުމަށް ދައްކާ އުޒުރަކަށް އަދި ބަހަނާއަކަށް ވެގެން ނުވާނެ،" ކަމަށެވެ.

ގާޒީ ބާރީ މިހެން ވިދާޅުވިއިރު ސުޕްރީމް ކޯޓުން ދޫކޮށްލަން އެންގި ނުވަ ބޭފުޅުންގެ ތެރޭގައި ގާޒީ ބާރީ ހުކުމް އިއްވެވި ބޭފުޅުން ހިމެނެ އެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޕީޖީ މުހްތާޒު ހުސެއިން ހިމެނެ އެވެ. ގާޒީ ބާރީ ކުރިމިނަލް ކޯޓުން ކުއްލި ގޮތަކަށް ވަކި ކުރީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްސަލަ ކޯޓުން ބޭރުކޮށް ހުކުމް އިއްވިތަނާ އެވެ.

އަމުރުގައި ބުނެފައިވާ ގޮތުން ދޫކޮށްލަން އަމުރު ކުރި ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށާއި އެގޮތުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ހުކުމްތައް ކޮށްފައިވާ ކަމަށް ހުށަހެޅުނު ޝަކުވާތަކަށް ބެލިއިރު ފެންނާތީ އެބޭފުޅުންގެ ޝަރީއަތް އަލުން ބޭއްވެންދެން ކަމަށެވެ. އަދި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގިގުތަކުގެ މައްޗައް ބިނާކޮށް ދައުވާ އުފުލައިގެން ކަމަށާއި އެހެންކަމުން އެ މައްސަލަތައް އަލުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭތީ ކަމަށް ވެސް އަމުރުގައިވެ އެވެ.