ދިއްގަރު ދާއިރާގެ މެންބަރު، އަހުމަދު ފާރިސް މައުމޫން 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު މިއަދު ބާތިލްކޮށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ކުރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ، ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރުން ފާރިސް ވަގުތުން ދޫކޮށް މިނިވަން ކުރުމަށް އަމުރު ކޮށްފައިވާތީވެ ފާރިސް ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރު ބާތިލްކޮށްފައިވާ ކަމަށެވެ. އަދި އެ އަމުރު ބާތިލްކޮށްފައިވަނީ ކުރިމިނަލް ކޯޓްގެ ފަނޑިޔާރުންގެ މަޖިލީހުންގެ އިއްތިފާގުން ކަމަށާއި ފާރިސް ދޫކޮށްލުމަށް ފުލުހުންނާއި ކަމާބެހޭ މުއައްސަސާތަކަށް އަމުރުކުރާ ކަމަށެވެ.
ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރުގައި ވަނީ ފާރިސްގެ ޝަރީއަތް ހިންގަނީ ނުފޫޒުން ކަމަށާއި އޭނާ ވަގުތުން ދޫކޮށްލަން އަންގާ ކަމަށެވެ. އެ މައްސަލަ އަލުން ބަލަން ޖެހޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ ކުރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވި، ހުސައިން ޝަހީދު ސޮއި ކުރައްވައި ނެރުއްވާފައިވާ ހައްޔަރު އަމުރުގައި ފާރިސްއަށް ތުހުމަތު ކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ މެދެއްހާތާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަށް ފައިސާ ބަހައި ގާނޫނީ ސަރުކާރު، ގާނޫނާ ހިލާފަށް ބަދަލުކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި ފާރިސް ދޫކޮށްފައި ބެހެއްޓުމަކީ ތަހުގީގަށް ހުރަސް އެޅި، ހެއްކަށް ނުފޫޒު ފޯރުވަދޭނެ ކަމަށް ވެސް ތުހުމަތުވާ ކަމަށެވެ.
ކުރިމިނަލް ކޯޓުން ފާރިސްގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.