ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމަށް މެސެޖް ނުކުރެއްވުމަށް އެދި އެމަނިކުފާނު އެދިވަޑައިގެންފި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް އަލީ މެދުވެރިކޮށް ރައީސް ދެއްވި މެސެޖްގައި ވިދާޅުވީ، މިވަގުތަކީ ރައީސް އަބްދުﷲ ޔާމީން މުހިންމު މަސައްކަތް ތަކެއް ކުރައްވަމުން ގެންދަވާ ވަގުތެއް ކަމަށާއި މިދުވަސްވަރު ރައީސަށް މެސެޖްކޮށް ނުހެއްދެވުމަށް ސަޕޯޓަރުންނާއި ރައްޔިތުންގެ ކިބައިން އިހުތިރާމާއެކު އެދި ވަޑައިގަންނަވާ ކަމަށެވެ.
"ރައީސްގެ ފޯނު މެދުވެރިކޮށް ރައްޔިތުންނާއި ސަޕޯޓަރުން މެދުވެރިކޮށް ރައްޔިތުންނާއި ސަޕޯޓަރުންނާމެދު އަބަދުވެސް ދަނީ ނުހަނު ގާތް ގުޅުމެއް ބާއްވަމުން، ނަމަވެސް މިވަގުތަކީ ރައީސްގެ މުހިންމު މަސައްކަތްޕުޅެއް ކުރައްވަމުން ގެންދަވާ ވަގުތެއްކަމުން މިވަގުތު ރައީސް އަށް މެސެޖް ނުކުރެއްވުމަށް ސަޕޯޓަރުންނާއި ރައްޔިތުންގެ ކިބައިން އެދެން،" ރައީސްގެ މެސެޖްގައި ވެއެވެ.
ރައްޔިތުންނާއި ސަޕޯޓަރުން ރައީސް ޔާމީނާމެދު ބަހައްޓަވާ ގާތް ކަމަށްޓަކާއި އެމަނިކުފާނު ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.
ސުޕްރީމް ކޯޓްގެ އަމުރަށްފަހު ރައީސް ޔާމީން ވަނީ ގައުމީ ނުރައްކަލުގެ ހާލަތު މިރޭ އިއުލާން ކޮށްފަ އެވެ. އެ ހާލަތު ސަރުކާރުން އިއުލާންކޮށްފައިވަނީ 15 ދުވަހަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގާނޫނު އަސާސީގެ ގިނަ މާއްދާތަކަށް ވަގުތީ ގޮތުން އަމަލު ނުކުރަން ވަނީ ނިންމާފަ އެވެ. އެގޮތުން ގާނޫނު އަސާސީގެ 20 މާއްދާއެއް ހިފަހައްޓަން ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން ގާނޫނީ އިޖުރާއަތުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަ މާއްދާ އާއި 14 ވަނަ މާއްދާ ވެސް ވަނީ ހިފަހައްޓާފަ އެވެ.
ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަ މާއްދާއަކީ ފަނޑިޔާރުންނަށް ލިބިދޭ އިމްތިޔާޒުގެ މާއްދާ އެވެ. ސާދަވަނަ މާއްދާއަކީ ފަނޑިޔާރަކާމެދު އެއްވެސް ފިޔަވަޅެއް އަޅާނަމަ، އެ މައުލޫމާތު ފަނޑިޔާރަށް ލިބުމުގެ މާއްދާ އެވެ.