އިދިކޮޅު ފަރާތްތައް

މިރޭ ގެއަށް ވަންނާނީ ރައީސް ޔާމީން ހުއްޓުވާފަ: އިދިކޮޅު

އިދިކޮޅު ޕާޓީތަކުން ބާއްވާ ބޮޑު އެއްވުން އޮންނާނީ މިރޭ ކަމަށާއި މިރޭ ރައީސް އަބްދުﷲ ޔާމީން ހުއްޓުވާނެ ކަމަށް އެ ޕާޓީތަކުން ބުނެފި އެވެ. މިރޭ އިދިކޮޅު ޕާޓީތަކުން އެއްވަނީ ޗަންދަނީ މަގާއި މަޖީދީ މަގު ގުޅޭ ކަންމައްޗަށް 8:30 އަށެވެ.

އިދިކޮޅު ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ މިރޭ ޗަންދަނީ މަގާއި މަޖީދީ މަގު ގުޅޭ ކަންމަތީގަ ބޭއްވުމަށް ހަމަޖެހިފައިވާ "ހުއްޓުވާ" އެއްވުން ނިންމާލާނީ ރައީސް ޔާމީން ހުއްޓުވާފަ އެވެ. ރައީސް ޔާމީން ހުއްޓުވުން މާނަ ކުރާ ގޮތެއް ނުއެއް ބުނެ އެވެ.

"މިރޭ ރައީސް ޔާމީން ހުއްޓުވާނަން، ރައްޔިތުން ނުކުމެ ރައީސް ޔާމީން ހުއްޓުވާނެ، މިރޭ ރައީސް ޔާމީނަށް ރައްޔިތުންގެ އަޑު އިއްވާނެ،" އަމީތު ވިދާޅުވި އެވެ.

އަމީތު ވަނީ މިރޭގެ އެއްވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ވެސް ގޮވާލައްވާފަ އެވެ. ރައީސް ޔާމީން ވަގުތުން ހުއްޓުވަން މަޖުބޫރުވެފައިވާ ކަމަށާއި އެކަމުގައި އަމަލީ ގޮތުން ބައިވެރުވުމަކީ ކޮންމެ ރައްޔިތަކު ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

"އެހެން އަޅުގަނޑު ގޮވާލަން މިރޭ ސިޓިން ރޫމްތަކުގަ ޓީވީތަކުން މަންޒަރު ބަލަން ނުތިބެ ހުރިހާ ރައްޔިތުން ވެސް އެއްވުމުގައި މިރޭ ބައިވެރިވާން،" އަމީތު ވިދާޅުވި އެވެ.

މާލޭގައި ތިބި ހުރިހާ ރައްޔިތުން އެއްވުމުގައި ބައިވެރިވުމަށް ގޮވާލައްވާ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ރައީސް ޔާމީން ޣައިރު ގާނޫނީ ގިނަ އަމަލުތަކެއް ހިނގަމުންދާ ކަމަށެވެ. އޭގެ ލިސްޓެއް ވެސް އިމްތިޔާޒު ވިދާޅުވެ ދެއްވި އެވެ. އެފަދަ އަމަލުތައް ހިންގުން ވަގުތުން ހުއްޓުވަން ޖެހޭ ކަމަށާއި ރައްޔިތުންގެ އަތުން ހައްގުތައް ގެއްލުވާލުން ވެސް ހުއްޓުވަން ޖެހޭ ކަމަށެވެ.

އަމީތު ވިދާޅުވީ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ ހައްގަކީ ރައްޔިތުންގެ ބާރެއް ކަމަށާއި އެ ބާރުގެ ބޭނުން ރައްޔިތުން ކުރަންޖެހޭނެ ކަމަށެވެ. އަދި ކުރާނެ ވެސް ކަމެއް ކަމަށެވެ. އިމްތިޔާޒު ވިދާޅުވީ ރައްޔިތުންގެ ބާރު ދެއްކުމަށްޓަކައި މިރޭ ޗަންދަނީ މަގާއި މަޖީދީ މަގު ގުޅޭ ސަރަހައްދު ފުރާލަންޖެހޭ ކަމަށެވެ. ގައުމު ސަލާމަތް ކުރުމުގެ ޒިންމާ މިހާރު އޮތީ ރައްޔިތުންނަށް ކަމަށެވެ.