ކުއްލި ނުރައްކަލުގެ ހާލަތު

ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި

Mar 22, 2018
5

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މުޅި ރާއްޖެއަށް އިއުލާންކޮށް 45 ދުވަހަށް ދިގު ދެމިގެންދިޔަ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން މިއަދު އުވާލައި އާންމު ހާލަތަށް ރުޖޫއަކޮށްފި އެވެ. ހާލަތު ނިމުމަކަށް ގެނާއިރު ކުއްލި ހާލަތުގެ ސުންގަނޑި ހަމަވާނީ މިރޭ އިރާކޮޅު އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައިކަން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއުލާން ކުރެއްވީ އެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު އެވެ. އެ ހާލަތު އުވާލާ ގަރާރު އިއްވަމުން އާޒިމާ ވިދާޅުވީ 45 ދުވަހަށް ދެމިގެން ދިޔަ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު މެންދުރު 12:00 އިން ފެށިގެން ނިމުމަކަށް ގެނައުމަށް ރައީސް ޔާމީން ނިންމަވާފައިވާ ކަަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި އިރާއި އެ ހާލަތުގެ މުއްދަތު އިތުރު ކުރި އިރު ކުރިމަތިވެފައިވާ ގައުމީ ސަލާމަތުގެ ހާލަތު މުޅިން ފިލައި ނުދާ ކަމަށާއި ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާ ވެސް އިތުރު ނުކޮށް، ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ގެއްލުމެއް ވިޔަ ނުދީ ކުރިޔަށް ގެންދެވިދާނެ ކަމަށް ދައުލަތުގެ ސަލާމަތާ ބެހޭ މުއައްސަސާތަކުން ރައީސް ޔާމީންއަށް ލަފާ އަރުވާފައިވާ ކަމަށް ވެސް އާޒިމާ މިއަދު ވިދާާޅުވި އެވެ.

"އެހެންވެ ކުއްލި ނުރައްކަލުގެ ހާލަތު މިއަދުގެ މި ހިނދުން ފެށިގެން ނިމުމަކަށް އައިސްފައިވާ ކަމަށް ކަނޑައަޅައިފިން،" ރައީސްގެ ގަރާރު އިއްވަމުން އާޒިމާ ވިދާޅުވި އެވެ.

ބަންޑާރަނައިބު މުހައްމަދު އަނިލް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ގައުމީ ސަލާމަތަށާއި ރައްޔިތުންނަށާއި މުދަލަށް އަދި ދައުލަތުގެ އެކި ފަރާތްތަކުގެ ރައްކާތެރިކަމަށް އަސަރުކުރުމުން ކަމަށާއި އެކަމުގައި ޝާމިލުވި ގިނަ ފަރާތްތަކާ މެދު ފިޔަވަޅު އެޅިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅުން ހުރި އިތުރު ތަހުގީގުތައް އަދިވެސް ކުރިޔަށް ދާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތު ދޭ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.

"1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ އެ ކޯޓުގެ ދެ ފަނޑިިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދު ދެ މީހުން ޖިނާއީ އަމަލުތަކެއް ހިންގައިގެން ސިޔާސީ ފަރާތްތަކާ ގުޅިގެން ރިޝްވަތުގެ ކުށްތަކެއް ވެސް ހިމެނޭ ގޮތުގެ މަތިން އަދި އެތަށް ނުފޫޒުތަކެއް ވެސް އޭގައި ހިމެނޭ ގޮތަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތައް ވެސް ހިމެނޭ ގޮތަށް ހިންގާފައިވާ ވަރަށް ބޮޑު ޖަރީމާއެއް، އެކަންކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް މިވަނީ ގާނޫނުގެ ތެރެއިން އަޅާފައި،" އަނިލް ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ފެބުރުއަރީ 5 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިދިޔަ މަހު 20 ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ހާއްސަ ޖަލްސާއެއްގައި ވަނީ އެ މުއްދަ ޖުމުލަ 45 ދުވަހަށް ދަންމާލާފަ އެވެ.

މިއަދު ކުއްލި ނުރައްކަލުގެ ހާލަތަށް ނިމުން ގެނައި އިރު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ބައެއް މީހުން އިއްޔެގެ ނިޔަލަށް ދޫކޮށްލައި ބައެއް ފަރާތްތައް ކޯޓަށް ހާޒިރުކޮށް އެފަރާތްތަކުގެ ބަންދުގެ މުއްދަތުވަނީ އިތުރުކޮށްފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހާއި ޖޭޕީގެ ޑެޕިއުޓީ ލީދަރު އަބްދުﷲ ރިޔާޒާއި ކުރީގެ ސީޕީ އަހުމަދު އަރީފާއި މެންބަރު އަބްދުﷲ ސިނާނާއި މެންބަރު އިލްހާމް އަހުމަދު ހިމެނެ އެވެ.