ހަބަރު

އެންމެ ގާތް ރަހުމަތްތެރިންނަކީ ރަޝިޔާ، ޗަައިނާ އަދި ސައުދީ: ރައީސް

އދ.ގެ ރަސްމީ އެޖެންޑާގެ ތެރެއަށް ރާއްޖޭގެ މައްސަލަ ވައްދަން ރެއާ ހަމައަށް ވެސް މަޝްވަރާ ކުރި ކަމަށާއި އެކަމުގައި ރާއްޖެ ދިފާއުކޮށްދިނީ ރަޝިޔާއާއި ޗައިނާއާއި ސައުދީ އަރަބިއްޔާއިން ކަމަށް ރައީސް އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އދ.ގައި އިއްޔެގައި ރާއްޖެއާ އެއްކޮޅަށް މަސައްކަތްކޮށްދިން އެ ގައުމުތަކަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިން ކަމަށެވެ.

"ރެއާ ހިސާބަށް ދިޔައީ އދ.ގެ ސެކިއުރިޓީ ކައުންސިލްގައި، ދިވެހިރާއްޖެއާ ދެތެރޭގައި އަޅާނީ ކޮން ފިޔަވަޅެއްތޯ ދިރާސާ ކުރަމުން ވާހަކަ ދައްކަމުން. ނުރަސްމީ ގޮތުން ވާހަކަ ދެއްކީ. އެ ދިޔައީ ރަސްމީ އެޖެންޑާއަށްލާ ހިސާބަށް. އެހެން ނަމަވެސް އަަނެއްކާވެސް އަޅުގަނޑުމެންގެ، އަޅުގަނޑުގެ އީމާންކަމާ އަޅުގަނޑުމެން ތިބީ ތެދު މަގުގައި ކަމަަށް ވާތީ އެކަން ވެސް ހާސިލުނުވެ ދިޔައީ. އެކަމުން، ހާރިޖީ ސިޔާސަތުންވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބިގެން ދިޔައީ ނަސްރު. މިއަދު މިދެންނެވި ގޮތަށް ނިންމެވުމުގައި އަޅުގަނޑުމެންނަށް މަސަައްްކަތް ކޮށްދެއްވީ އަޅުގަނޑުމެންގެ އެންމެ ގާތް ރަހުމަތްތެރިން. ރަޝިޔާއާ ޗައިނާއާ ސައުދީ އެރޭބިއާއާ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެހެންވީމާ ރާއްޖެއަށް ރަހުމަތްތެރިން ބޭނުންވާނެ ކަމަށާއި އެކަމަކު އެ ރަހުމަތްތެރިންނަަށް ރާއްޖޭގެ އެއާޕޯޓު ނުވިއްކަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ޔޫއެން ސެކިއުރިޓީ ކައުންސިލާ ހަމައަށް ރާއްޖޭގެ މައްސަލަ ގެންގޮސް، ނުބައި ތަސައްވުރެއް އުފެއްދުމުގެ ހުރިހާ ފުރުސަތެއް އޭރު އޮތީ ހޯދާފައި ކަމަށެވެ. ދެން ވިދާޅުވީ އެއީ ރާއްޖެއަށް ހިތި ނަތީޖާއެއް ލިބޭނެ ކަމެއްކަން އެކަން ރޭއްވެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަަމަށެވެ.

ސުޕްރީމްކޯޓުގެ 1 ފެބުރުއަރީގެ އަމުރާ ގުޅިގެން ސަރުކާރުން ވަނީ ރާއްޖޭގެ ސުޕްރީމް ކޯޓަށް ސަލާމަތީ ބާރުތައް ވައްދައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފަ އެވެ. އަދި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ވެސް ހައްޔަރުކޮށްފަ އެވެ. އެ ބޭފުޅުން ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު ސުޕްރީމްކޯޓުގެ ބާރުތައް ނަގައިގެނެވެ.

އެކަންކަން ރާއްޖޭގައި ހިނގުމުން ދުނިޔޭގެ ބައެއް ގައުމުތަކުންނާއި އދ. އިން ވަނީ ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.