ހަބަރު

ސުކޫލުތަކާއި އޮފީސްތައް ބަންދެއް ނުވާނެ: ތަރުޖަމާނު

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިނަމަވެސް ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތައް ހުޅުވިފައި ހުންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ރައީސް އޮފީހުގެ ތަރުޖަމާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ނަމަވެސް، ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ އެއްވެސް ހިދުމަތަކަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ. އަދި ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތައް ހުޅުވިފައި ހުންނާނެ ކަމަށާއި އާންމު ބޭނުންތަކަށް އެއްތަނުން އަނެއްތަނަށް ދިޔުމުގައި ހުރަހެއް ނޯންނާނެ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

ތަރުޖަމާނު ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ނަމަވެސް، އާންމު ދިރިއުޅުމަށް ހުރަހެއް ނެތް ކަމަށާއި ރައްޔިތުންނާއި ބިދޭސީންނާއި ފަތުރުވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އާންމު ދިރިއުޅުމުގައި ކުރަންޖެހޭ މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތް ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓްގެ އަމުރަށްފަހު ރައީސް ޔާމީން ވަނީ ގައުމީ ނުރައްކަލުގެ ހާލަތު މިރޭ އިއުލާން ކޮށްފަ އެވެ. އެ ހާލަތު ސަރުކާރުން އިއުލާންކޮށްފައިވަނީ 15 ދުވަހަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގާނޫނު އަސާސީގެ ގިނަ މާއްދާތަކަށް ވަގުތީ ގޮތުން އަމަލު ނުކުރަން ވަނީ ނިންމާފަ އެވެ. އެގޮތުން ގާނޫނު އަސާސީގެ 20 މާއްދާއެއް ހިފަހައްޓަން ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން ގާނޫނީ އިޖުރާއަތުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަ މާއްދާ އާއި 14 ވަނަ މާއްދާ ވެސް ވަނީ ހިފަހައްޓާފަ އެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަ މާއްދާއަކީ ފަނޑިޔާރުންނަށް ލިބިދޭ އިމްތިޔާޒުގެ މާއްދާ އެވެ. ސާދަވަނަ މާއްދާއަކީ ފަނޑިޔާރަކާމެދު އެއްވެސް ފިޔަވަޅެއް އަޅާނަމަ، އެ މައުލޫމާތު ފަނޑިޔާރަށް ލިބުމުގެ މާއްދާ އެވެ.