ހަބަރު

މިއީ ގާނޫނާ ހިލާފު ހައްޔަރެއް، ސާބިތުވެ ހުންނާނަން: މައުމޫން

ރައީސް މައުމޫން ހައްޔަރު ކުރައްވަނީ ގާނޫނާ ހިލާފަށް ކަމަށާއި ހައްޔަރުކުރި ނަމަވެސް އިސްލާހީ މަސައްކަތުގައި ސާބިތުކަމާއެކު ދެމި ހުންނާނެ ކަމަށް އެމަނިކުފާނު ވިދާާޅުވެއްޖެ އެވެ.

އެނދެރިމާގެއަށް ފުލުހުން މިރޭ ވަދެ ރައީސް މައުމޫން ހައްޔަރު ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް ވީޑިއޯ ޒަރިއްޔާއިން އެމަނިކުފާނު އާންމު ކުރި މެސެޖެއްގައި ވިދާޅުވަނީ ރައީސް މައުމޫން ހައްޔަރު ކުރާ ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި ގާނޫނާ ހިލާފަށް އެއްވެސް ކަމެއްކޮށްފައި ނޯންނާނެ ކަމަށެވެ. އަދި އެމަނިކުފާނު ހައްޔަރު ކުރަނީ ގާނޫނާ ހިލާފަށް ކަމަށާއި ހައްޔަރުކޮށްގެން ގެންދިޔަސް އިދިކޮޅު މަސައްކަތުގައި ސާބިތު ކަމާއެކު ހުންނާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

"ކޮން ތުހުމަތެއްގައި ކަމެއް އަޅުގަނޑަކަށް ނޭނގޭ މި ހައްޔަރުކުރީ އަޅުގަނޑު. އަޅުގަނޑު ހައްޔަރުކުރާނެ ފަދަ ކަމެއް ކޮށްފައެއް ނޯންނާނެ. އަޅުގަނޑު ހައްޔަރު މި ކުރަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް. އެހެން ނަމަވެސް، އަޅުގަނޑު މި ހުރީ ސާބިތުކަމާ އެކު. މި އިސްލާހީ މަސައްކަތް އަޅުގަނޑުމެން ހުއްޓައެއް ނުލާނަން. ތިބޭފުޅުން ވެސް ސާބިތުވެ ތިއްބަވާ. މި މަސައްކަތް އަޅުގަނޑުމެން ރަނގަޅަށް ގޮސް ނިންމާލާނަން. ކަންކަން ރަނގަޅަށް ކަންކަން ދިޔުމަށް މާތްﷲ ގެ ހަޒުރަތުގައި ހުރިހާ ރައްޔިތުންގެ ދުއާ ދަންނަވާ" ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމުން ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކުރަނީ ކުއްލި ހާލަތު އިއުލާންކޮށްފައި ވަނިކޮށެވެ. އެފަދަ ހާލަތެއްގައި ކޯޓު އަމުރަކާ ނުލާ މީހުންގެ ގެއަށް ވަނުމާއި ހައްޔަރު ވެސް ކުރުމުގެ ބާރު ސަލާމަތީ ބާރުތަކަށް ލިބެ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި އިރު އެއާއެކު އިސްތިއުނާފް ކުރުމުގެ ހައްގު ލިބިދޭ ގާނޫނާއި ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނުގެ އިތުރުން ގާނޫން އަސާސީގެ 20 މާއްދާއެއް ވަނީ ސަސްޕެންޑުކޮށްފަ އެވެ.