ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރެފައިވާ ގަރާރަކީ ގާނޫނު އަސާސީން ކަނޑައަޅާފައިވާ ހުދޫދުން ބޭރުން ނެރެފައިވާ ގަރާރެއް ގުޅިފައިވާ އިދިކޮޅު ޕާޓީ ތަކުން ބުނެފި އެވެ.
އިދިކޮޅު ފަރާތްތަކުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރެފައިވާ ގަރާރުގައި ބަޔާންކޮށްފައިވާ ސަބަބުތަކަކީ ގާނޫނުއަސާސީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ސަބަބުތައް ނޫން ކަމަށެވެ.
ބަޔާނުގައި ވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރެފައިވާ ގަރާރުން ދައުލަތުގެ ދެ ބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހާއި ސުޕްރީމްކޯޓުގެ ބާރުތައް ރައީސް ޔާމީން ހިފަހައްޓާފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ. އެހެން ކަމުން ކުއްލި ހާލަތު އިއުލާންކޮށް ނެރެފައިވާ ގަރާރަކީ ގާނޫނީގޮތުން އެއްވެސް ސައްހަކަމެއް ނެތް ބާތިލު ގަރާރެއް ކަމަށާއި އެ ގަރާރު ބަލައި ނުގަތުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕީޖީ ގްރޫޕުން ނިންމާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.
ސުޕްރީމް ކޯޓްގެ އަމުރަށްފަހު ރައީސް ޔާމީން ވަނީ ގައުމީ ނުރައްކަލުގެ ހާލަތު މިރޭ އިއުލާން ކޮށްފަ އެވެ. އެ ހާލަތު ސަރުކާރުން އިއުލާންކޮށްފައިވަނީ 15 ދުވަހަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގާނޫނު އަސާސީގެ ގިނަ މާއްދާތަކަށް ވަގުތީ ގޮތުން އަމަލު ނުކުރަން ވަނީ ނިންމާފަ އެވެ. އެގޮތުން ގާނޫނު އަސާސީގެ 20 މާއްދާއެއް ހިފަހައްޓަން ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން ގާނޫނީ އިޖުރާއަތުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަ މާއްދާ އާއި 14 ވަނަ މާއްދާ ވެސް ވަނީ ހިފަހައްޓާފަ އެވެ.
ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަ މާއްދާއަކީ ފަނޑިޔާރުންނަށް ލިބިދޭ އިމްތިޔާޒުގެ މާއްދާ އެވެ. ސާދަވަނަ މާއްދާއަކީ ފަނޑިޔާރަކާމެދު އެއްވެސް ފިޔަވަޅެއް އަޅާނަމަ، އެ މައުލޫމާތު ފަނޑިޔާރަށް ލިބުމުގެ މާއްދާ އެވެ.