ވާހަކަ

ބުނެދޭށޭރުހެމޭ

(4 ފެބްރުއަރީ 2018 އާ ގުޅޭ)
"ކަމް! ލެޓްސް ގޯ..." ރާދިން އައިސް އަރްސަލްގެ މުލައްދަނޑީގައި ހިފިއެވެ. އޭނާއަށް ބަލާލާފައި ބިލާލަށް އަރްސަލް ބަލާލިއެވެ. އަރްސަލް އެއްޗެއް ބުނުމުގެ ކުރީން އޭނާގެ އަތަށް ރާދިން ދަމާލިއެވެ. އަދި އަރްސަލްގެ ކޮނޑަށް އަތްވައްޓާލާ އޭނާ ގޮވައިގެން ސަހަރާއިން ނުކުންނަން ހިނގައިގަނެއްޖެއެވެ.

"އަރްސަލްއާއެކު ރާދިން ހުންނާނެ. މިވަގުތަށް އެންމެ ރަނގަޅުވާނީ ވެސް އެގޮތް" ބިލާލުގެ މޫނަށް ބަލާލަމުން މުއްޠަލިބު ބުންޏެވެ. ސަހަރާގެ ދޮރުން ނުކުންނަން ދިޔަ އަރްސަލްއަށް ނަޒަރު ހުއްޓާލި ގޮތަށް ބިލާލު ހުރީއެވެ.

"ބިލާލް!" މުއްޠަލިބު ގޮވާލީ ބިލާލު ހަރަކާތެއްނުކޮށް ހުންނަން ފެށުމުންނެވެ.

"ހިނގާދާން" މަޑުމަޑުން ބިލާލު ބުނެލިއެވެ. އެއާއެކު މުއްޠަލިބާއި ދެ މީހުން އެކުގައި ހިނގައިގަތެވެ.

ފަތިސްވީސުރެން އެއްވަރަކަށް ހިމަފޮދުވާރޭ ވެހިލަވެހިލާ އޮތެވެ. ބިލާލާއި މުއްޠަލިބު ތިބީ ހިސާބަކަށް ތެމިފައެވެ. އެކަމަށް އެކަކުގެ ވެސް ސަމާލުކަމެއް ދެވިފައެއްނުވެއެވެ. ސަހަރާގެ ދޮރުން ނުކުމެނުކުމެ ހުއްޓާ މުއްޠަލިބުގެ ފޯނަށް މެސެޖެއް އައެވެ. ދޮރޯށީން އެއްފަރާތަކަށް ޖެހިލާ މުއްޠަލިބު ފޯނު ބަލާލިއެވެ.

"ރާދިން އެ މެސެޖުކުރީ. އަރްސަލް ގެއަށް ލާފައި ކާރު ފޮނުވާނަންކަމަށް ބުނީ" މިފަހަރު މުއްޠަލިބުގެ ވާހަކައަށް ބިލާލު ބޯޖަހާލިއެވެ.

"އަހަރެން މީ ބައްޕަ، އެކަމަކު އަހަރެންގެ ބޭނުމެއްނެތް. އެ ދަރިފުޅުދެކެ އަހަރެން އަބަދުވެސް ލޯބިވޭ. އެ ދަރިފުޅަށް ރަނގަޅު ގޮތް މިންވަރު ކުރެއްވުމަށް އަހަރެން އަބަދުވެސް އެދެނީ" މަޑުމަޑުން ހިއްލާލި ކަނާއަތުން ބިލާލު ދެ ލޯ ފުހެލިއެވެ. އެތަން މުއްޠަލިބަށް ފެނުނެވެ.

"އަރްސަލް އެނބުރި އަންނާނެ. ބިލާލުގެ އަތްމަތީގައި އެކަން އޮތީ ވެސް. އޭރު އެއީ ކުޑަކުއްޖެއް ނަމަވެސް މިހާރު އަރްސަލްއަށް ވިސްނޭނެ" މުއްޠަލިބު އިޝާރާތްކުރީ މީގެ ވިހިއަހަރު ކުރިއަށެވެ.

"ނޫން މުއްޠަލިބު. އެ ވާހަކަ ނުދައްކާ... ޚާއްޞަކޮށް މިފަދަ ވަގުތެއްގައި. އަހަރެން ބިރުގަނޭ ލޫންގެ ވަކިވެދިއުމާއެކު އަރްސަލްގެ ދިރިއުޅުން ބޮއްސުންލައިގެން ހިނގައިދާނޭތީ... އޭނާ ހިތްދަތިވެގެން މޮޔަވެދާނެ. އަހަރެންގެ ގާތަށް ގެންނަން ބޭނުންވަނީ އެހެންވެ. ލޯ ކުރިމަތީ ފެންނަ ހިސާބުގައި ބަހައްޓަން ބޭނުންވަނީ... އެކަމަކު... ލޫންގެ ވަކިވެދިއުން އަހަންނާއި އަރްސަލްގެ ދެމެދުގައި އޮތް ރާސްތާ އިތުރަށް ދިގުވެ، ހުރަސްތައް ގިނަވެއްޖެ. އަހަރެންގެ އަމިއްލަ އެދުމެއް ފުރިހަމަ ކުރަން އުޅެން ހަދައިގެން މިހެންމިވީ" ބިލާލުގެ އަޑުގައިވާ ކަންބޮޑުވުމާއި ހާސްކަން މުއްޠަލިބަށް އިހުސާސް ކުރެވެއެވެ.

ބިލާލްގެ ހަޔާތުގައި އޭނާއާ ދިމާވި އެންމެ ތެދުވެރި ހެޔޮލަފާ މީހަކީ މުއްޠަލިބެވެ. އެ ދެމެދުގައި އެކުވެރިކަން އުފެދުނީ ޒުވާން އުމުރުގައެވެ. މައިންބަފައިންގެ ކިބައިން ވާރުތަވި ވިޔަފާރީގައި ބިލާލް ބައިވެރިވާން ފެށިއިރު މުއްޠަލިބަކީ ކިޔަވާ ނިންމާލާފައި ވިޔަފާރީގެ ތެރެއަށް ނުކުމެ ހުރި ޒުވާނެކެވެ. ބިލާލުގެ ދަށުން މަސައްކަތް ކުރާ މުވައްޒަފެކެވެ. މަޑުމަޑުން އެ ދެމެދުގެ ގުޅުން ބަދަހިވެ ގާތް އެކުވެރިންނަށް ވީއެވެ. ދެމެދުގައި ވިޔަފާރިއާއި ދިރިއުޅުމުގެ ސިއްރުތައް ޚިއްޞާ ކުރެވޭހާ ގާތް ދެ މީހުންނަށްވީއެވެ. ދެ މީހުންނަށް ވެސް ދަރީން ލިބި ދިރިއުޅުން ކުރިއަށް ދިޔައިރު މުއްޠަލިބަކީ މިހާރު ބިލާލުގެ ވިޔަފާރީގެ އެއް ޚިއްޞާ ދާރެވެ. ތިރީސް އަހަރަށްވުރެ އެ ދެމެދުގައި އޮތް ގުޅުން ދޮށްޓެވެ. އެ ދެމެދުގައި ޚިޔާލު ތަފާތުވާ ކަންކަން ހުރި ނަމަވެސް ދުވަހަކުވެސް ދެ މީހުން ދެބަސްނުވެއެވެ. އޭގެ ބަދަލުގައި އަބަދުވެސް ދެ މީހުންނަށް އެއްބަސްވެވޭނޭ ކޮޅެއް ހޯދައެވެ.

ހިމޭންކަމާއެކު މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން ދެ މީހުން ތިއްބާ ކަޅުކުލައިގެ ކާރެއް އައިސް ބިލާލާއި މުއްޠަލިބުގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. އަދި ކުރީ ދޮރުގެ ބިއްލޫރިގަނޑު ތިރިކޮއްލުމާއެކު ކާރު ދުއްވަން އިން ބިދޭސީ ފިރިހެން މީހާ ބުނެލީ ރާދިން ފޮނުވައިގެން ކަމުގައެވެ. އެއާއެކު މުއްޠަލިބާއި ބިލާލު ކާރުގެ ދެ ފަރާތަށް އައިސް ހުއްޓިލުމާއެކު ފަހަތު ދޮރުފަތް ހުޅުވާލާ ކާރަށް އަރައިފިއެވެ.

"އަރްސަލް ހަމަޖެހުނީމާ ރާދިން ގުޅާނެހެން ހީވަނީ" ކާރުގައި އިނދެފައި ބިލާލު ފާޅުކުރީ ހިތުގައި އޮތް ގޮތަށެވެ. އެކަމަށް މުއްޠަލިބު ވެސް ބޯޖަހާލިއެވެ.

* * * *

އެޕާޓްމެންޓުގެ ދޮރުން އެތެރެއަށް ރާދިންނާއެކު އަރްސަލް ވަނެވެ. ދޮރު ތަޅުލާފައި ރާދިން އެނބުރިލީއިރު އަރްސަލް ހަލުވިކޮށް ހިނގައިފައި ގޮސް އޭނާގެ ކޮޓަރިއަށް ވަންނަނީއެވެ. ހުއްޓުވަން ހިތަށް އަރާފައި ވެސް އޭނާ އަޅާނުލީ މިވަގުތު އަރްސަލް ބޭނުންވާނީ އެކަނިވެލަން ކަމުގައި ހީކޮށްފައެވެ. އަނެއްކޮޅުން ސިކުނޑި އިންޒާރު ދެމުން ދިޔައީ އަރްސަލް އެކަނިވެއްޖެނަމަ މޮޔަކަމެއް ނުކުރާނެބާއޭ އެވެ. މަޑުމަޑުން އައިސް ސޯފާގައި ރާދިން އިށީނެވެ. އިރުކޮޅަކު އިސްޖަހާލައިގެން އިނދެފައި ވައަތް ފަރާތަށް ބަލާލިއެވެ. ލޫން ނެތްކަމުގެ ހުސްކަން އޭނާއަށް ވެސް އިހުސާސް ކުރެވެއެވެ.

"އަހަރެންގެ ފެމީލީގައި ފިރިހެން ކުއްޖެއް ނުހުރޭ... ހިތަށް އަރާ ބޭބެއަކު ހުރިނަމަ ރާދިން އުޅޭ ގޮތަށޭ އުޅޭނީ. އަހަރެންގެ ކޮންމެ ކަމަކަށް އެއްބާރުލުން ދޭނެއޭ... އަހަރެންގެ ބޭބީގެ ފަސްޓު އަންކަލްއަށް ރާދު ވައްޗޭ. މިހާރު ތީ އަހަރެންގެ ފެމެލީ އިނގޭ... އަރްސަލްއާއި އަހަރެންގެ ފެމެލީ. އަހަރެން ބޭނުން ވަރަށް ބޮޑު ފެމެލީއެއް. ބައިވަރު މީހުން އެކުގައި އުޅޭ"

ރާދިންގެ ޚިޔާލުތައް ދަތުރުކުރީ އެންމެ ފަހުން ލޫންއާ ދެމެދު ދެކެވުނު ވާހަކަތަކަށެވެ. ލޫންއާއި ރާދިންގެ ދެމެދުގައި އެކުވެރިކަން ބަދަހިވީ އަރްސަލްގެ ހަޔާތަށް ލޫން އައި ފަހުންނެވެ. ލޫންގެ ކަންކަމަށް އަރްސަލް ދޭ ސަމާލުކަން ރާދިންއަށް އަބަދުވެސް ފާހަގަކުރެވެއެވެ. ބައެއްފަހަރު ލޫން ރުޅި އަރުވާލުމަކީ އަރްސަލް މަޖަލަށް ކުރާކަމެކެވެ. އެފަދަ ވަގުތުތަކުގައި ރާދިން އަބަދުވެސް ލޫންއާ އެއްބައިވެއެވެ. ލޫންގެ މިޒާޖުގައި ހުންނަ ގޮތުން އޭނާ ރުޅި އައި ނަމަވެސް ނިކަން އަވަހަށް އެކަމެއްގެ މަތީން ހަނދާންނައްތާލާނެއެވެ. އެކަމަކު އަރްސަލްއާއި ލޫންއަކީ ބައެއްފަހަރު ކަންކަމުގައި ނިކަން ގޮތްދޫނުކުރާ ދެ މީހުންނެވެ. އެހެންވިޔަސް އެ ދެމެދުގައި އޮތް ލޯބި ފުރިހަމަކަން ރާދިންނަށް ވަނީ ފެނިފައެވެ. އަރްސަލްއާއި އިނދެގެން އެ އެޕާޓްމެންޓަށް ބަދަލުވީސުރެ ރާދިންގެ ކަންކަން ވެސް ލޫން ބަލަހައްޓައިދެއެވެ. އެއްޗެހި ދޮވުމާއި، އިސްތިރިކުރުމާއި، ގަޑިންގަޑިއަށް ކާންތައްޔާރުކޮށް، ކައިގެންތޯ ހުންނަނީ ބަލާ ހަދައެވެ.

ކަރުނުން ތެމިގެންދިޔަ ދެ ލޯ ފުހެލާފައި ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން ރާދިން ތެދުވިއެވެ. އޭނާ އައިސް އަރްސަލްގެ ކޮޓަރީގެ ދޮރުގައި ޓަކި ދެމުން ގޮވާލިއެވެ. އަރްސަލްގެ ޚަބަރެއް ވޭތޯ އިރުކޮޅަކު މަޑުކޮށްލައިގެން ހުރެފައި ކޮޓަރީގެ ދޮރު ހުޅުވާލަން ތަޅުގައި ހިފާލިއެވެ. ތަޅުނުލާ ހުރި ދޮރު ފަސޭހަކަމާއެކު އެތެރެއަށް ހުޅުވިގެން ދިޔައެވެ. އޭރު އެނދުގެ އެއްފަރާތުގައި އިށީނދެލައިގެން އިސްޖެހިފައި އަރްސަލް އިނެވެ.

"އަރްސަލް!..." ރާދިން ގޮވާލާފައި އައިސް އަރްސަލް ކައިރީ އެނދުގައި އިށީނެވެ. ބަހެއްނުބުނެ އަރްސަލް އިނީ ހިމޭންވެފައެވެ. އެހެންވިޔަސް އެއީ ބޭރުފުށުން ފެންނަ ހިމޭންކަމެއްކަން ރާދިން ދެނަހުއްޓެވެ. އޭނާގެ ހިތާއި ސިކުނޑި އޮންނާނީ ކޮންހާލެއްގައި އިހުސާސް ކުރެވެއެވެ.

"ރާދު! ޝީޒް ނޮޓް ކަމިން ބެކް" ކުރެހިފައިވާ އަޑަކުން އަރްސަލް ބުނެލިއެވެ. އެކުވެރިޔާ ހިތްހަމަޖައްސައިދޭނޭ ލަފުޒުތަކެއް ރާދިންގެ ދުލަކަށް ނައެވެ. މަޑުމަޑުން އަރްސަލްގެ ކޮނޑުގައި ބާއްވާލި އަތުން ހަރަކާތެއްކޮށްލީ އެ އެކުވެރިޔާއަށް ޓަކައި ރާދިން އެބައިނިން ކަމުގައި ބުނާ ފަދައިންނެވެ. އަރްސަލް އެ އުޅެނީ ނުރޮވިގެން ކަމެއް ނޫނީ ރޯން ބޭނުންނުވެގެންކަމެއް ދެނެގަންނާކަށް ރާދިންއަކަށް ނޭނގުނެވެ. އެހެންވިޔަސް ރާދިންގެ ހިތް ބުނީ އަރްސަލްގެ ހިތަށް ލުޔެއްލިބޭނީ ކޮންމެވެސް ސިފައެއްގައި އެ ހިތުގައިވާ ރިހުމާއި ލޮލުގައި ފޮރުވަމުން އަންނަ ކަރުނަތައް ބޭރުވެގެން ކަމެވެ.

އަރްސަލްއާއި ރާދިން ބައްދަލުވީ އެ ދެ މިހުންގެ އުމުރުން ބާރަ އަހަރުގައެވެ. ބިލާލު ދަނޑުބިން ގަންނަން އަތޮޅުތެރެއަށް ކުރި ދަތުރެއްގައި، ޔަތީމުވެފައިވާ މިސްކީނު ކުއްޖަކު ފެނި އެ ހިތަށް ރަހުމު ވަނީއެވެ. އަމިއްލަ ދަރިފުޅާ އެއްއުމުރެއްކަން އެނގުމުން އިތުރަށް އެ ކުއްޖާގެ ހާލާ މެދު ހަމްދަރުދީ އުފެދުނީއެވެ. އެއްވެސް ގޮތެއް ނެތިފައި ހުރި ރާދިންގެ ނަސީބު އަތުގައި ހިފީ ބިލާލުގެ ބެލުމުގެ ދަށަށް އޭނާ ގެންދަން ނިންމުމާއެކުއެވެ. ރަށުގައި އެންމެންނަށް ބަލަން ބޮޑުވެފައި ހުރި ރާދިންގެ ޒިންމާ އެހެންމީހަކު ނެގުމުން އެ މީހުން ވެސް ބޭނުންވީ އަވަހަށް އެ ކުއްޖާ ބިލާލާއެކު ފޮނުވާލާށެވެ. ރާދިން މީހަކަށް ހެދީ ބިލާލެވެ. އޭނާގެ ކޮންމެ ބަހަކަށް ރާދިން ބޯލަނބަނީ ސާހިބުމީހާއަށް ކިޔަމަންވާ އުސޫލުންނެވެ. ބިލާލުގެ ހެޔޮކަން އޭނާ މަރުދުވާޖެހެންދެން ވެސް ހަނދާންކުރާނެއެވެ. އެއްވެސް އިންސާނަކަށް ނުކުރާހާ ޤަދަރު ރާދިންގެ ހިތުގައި ބިލާލުއަށް ޓަކައި ވެއެވެ. ހަޤީޤަތުގައި އެ ދެމެދުގައި އޮތީ ޚާދިމާއި ސާހިބުމީހާއާ ދެމެދު އޮންނަ ފަދަ ގުޅުމެއްނޫނެވެ. ބަފައަކު ދަރިއަކު ބަލާނޭ ފުރިހަމައަށް ބިލާލު ވަނީ ރާދިން ގެންގުޅެ ބޮޑުކޮށްފައެވެ. އަރްސަލްއާއި ރާދިންގެ ދެމެދުގައި އުފެދުނު ވަރުގަދަ އެކުވެރިކަމާއެކު ބިލާލު ހަމައެކަނި ރާދިންގެ ފަރާތުން އެދުނީ އެންމެ ކަމަކަށެވެ. އެއީ ދެދުނިޔޭގެ އެކުވެރިއަކަށް އަރްސަލްއަށް ޓަކައި ރާދިން ވުމެވެ. މިއަދު ރާދިން އެ ވަޢުދުގެ މަތީ ސާބިތުކަމާއެކު އެ ހުރީ ހެޔޮހިތުންނެވެ. ޅައިރުއްސުރެ އޮތް އެކުވެރިކަން މިއަދާ ހަމައަށް ވެސް އޭނާ ދަމަހައްޓައިފިއެވެ. އަރްސަލްއަށް ބޮޑުކަމެއް ދިމާވާއިރު އެންމެ ފުރަތަމަ ވެސް އޭނާގެ ގާތުގައި ހުންނާނީ ރާދިންނެވެ.

"ވާން ހުރި ކަމެއް އަހަރެމެން ކިހިނެއް ހުއްޓުވާނީ" އަރްސަލްއަށް ވިސްނައިދޭ ފަދަ ގޮތަކަށް ރާދިން ބުނެލިއެވެ.

"އެ މީހާ ގުޅާލާއިރަށް ދާންޖެހޭތަ؟ އެ ނޫން ކޮންމެ ކަމަކަށް އެދުނު ނަމަވެސް އަހަރެން އެއްބަސްވާނަން.... އެކަމަކު... އެ މީހާ" އަރްސަލް ދަތްކުނޑިވިކާލިއެވެ.

"ބައްޕައާ އޮތް ގުޅުން ރަނގަޅު ކުރަން ލޫން ވެސް ބޭނުންވޭ. އެންމެން އެކުގައި އެއް ޢާއިލާއެއްގެ ގޮތުގައި އުޅޭން ލޫންގެ ވިސްނުން ހުރީ. އެހެންވެ ލޫން ވެސް ދާން ބޭނުންވީ. ކޮންމެހެން އަރްސަލްއާ ދެކޮޅުވެ ބައްޕައާ އެއްބައިވަނީކީ ނޫން" ރާދިން ވާހަކަދެއްކީ މަޑުމައިތިރިކަމާއެކު ލަސްލަހުންނެވެ.

"އަހަރެން ބޭނުމެއްނޫން އޭނާއަށް ބައްޕަ ކިޔާކަށް. އަހަންނާ ގުޅުން ހުރި އެއްވެސް މީހަކު އޭނާގެ ގާތަށް، އެ ޢާއިލާގެ ތެރެއަށް ވެސް ދާކަށް ބޭނުމެއްނޫން. އަހަރެން ނޫނަސް އޭނާ ދަރިފުޅު ކިޔާނެ ދަރިއަކު އެބަހުރި. ކީއްވެތަ އަހަރެންގެ ދިރިއުޅުމަށް ވަންނަން އެ އުޅެނީ" އަރްސަލް ނުރުހިފައި ބުނެލިއެވެ. އަރްސަލް ބޭނުންވަނީ ހިތްދަތިކަމުގެ މައްޗަށް ރުޅި އިސްކުރަންހެން ރާދިންނަށް ހީވުމުން އޭނާ ހިމޭންވިއެވެ.

"ނުދާށޭ ބުނެބުނެ އޮއްވާ އެ ދިޔައީ... އަހަރެން މީ ފިރިމީހާ. އަހަރެން ބުނާ ގޮތެއްނޫންތަ ފުރަތަމަ ހަދަން ޖެހޭނީ. ލޫން! ލޫން! މުޅި އުމުރަށޭ އެ ދިޔައީ... ދެން އެންމެ ފަހަރަކު ވެސް ނުފެންނާނެ... މި ހުރިހާ ކަމަކީ އަހަރެންގެ ފޯލްޓުތަ؟ އަހަންނާ ހެދިތަ ލޫން މަރުވީ؟... ރާދު!... ޓެލް މީ... އަހަރެންތަ ގޯހީ... އަހަރެންގެ ސަބަބުންތަ ލޫން އެ މަރުވީ" ކުއްލިއަކަށް ރާދިންގެ ކޮނޑުގައި ހިފާ އަރްސަލްއާ ދިމާއަށް އަނބުރާލިއެވެ.

"އިޓްސް ނޮޓް ޔޯ ފޯލްޓް... އަރްސަލް! އިހަށް ހިނގާ އަހަންނާއެކު" ކޮޓަރީގައި އިނުމުން ލޫންގެ ޚިޔާލުތައް އަރްސަލްގެ ސިކުނޑި ގޯސް ކުރަނީ ކަމުގައި ރާދިންއަށް ހީވީއެވެ. އަރްސަލް ތެދުވަން ބޭނުންނުވެފައި އިނެވެ. އެހެންނަމަވެސް ރާދިން ގަދަކަމުން ކަހަލަ ގޮތަކަށް އަރްސަލްގެ އަތުގައި ހިފާ ނެގިއެވެ. އޭނާގެ ބުރަކަށީގައި ރާދިން ދެއަތް އަޅާ ކުރިއަށް ކޮއްޕަމުން ކަހަލަ ގޮތަކަށް ކޮޓަރިން ބޭރަށް ވެސް އަރްސަލް ނެރުނެވެ. އަދި އެކުވެރިޔާ ގެނެސް ސޯފާގައި ބައިންދާފައި އެތަނާ އިންވެގެން ވައަތް ފަރާތަށް ހުރި ބަދިގެއަށް ވަދެ ފެންފުޅިއަކާއި ތަށްޓެއް ރާދިން ގެނައެވެ.

"އަން! ފެންފޮދެއް ބޯލާ" ފެންތަށި އަރްސަލްގެ އަތަށް ރާދިން ލައިދީފައި އޭނާގެ އަތް މައްޗަށް އުފުލާލާ ތުނބުގައި ތަށި ޖެއްސުވިއެވެ. އެވަރު ކުރުމުން އަރްސަލް ފެންތަށިން އެތި ފޮދެއް ބޯލިއެވެ. ތަށީގައި ދެއަތުން ހިފަހައްޓާލައިގެން އިސްޖެހިފައި އަރްސަލް އިރުކޮޅަކު އިނދެފައި ނޭފަތް ދަމާލިއެވެ. ދެން ފެނުނީ ކުރިއަށް މީހާ ލެނބިލާ އިހުނަށްވުރެ މޫނު ފޮރުވާލަން އުޅުނުތަނެވެ. އޭރު އަރްސަލްއަށް ރޮވެނީއެވެ. އެ އަތުގައި އޮތް ފެންތަށި ރާދިން ނަގައި ކުރިމަތީ ހުރި ބިއްލޫރި ކޮފީ މޭޒުމަތީ ބެހެއްޓިއެވެ. ވަގުތުން އަރްސަލް ދެއަތްތިލަ މޫނުގައި އަޅާ ފޮރުވާލިއެވެ. އެ ހިތް ވަނީ ކުދިކުދިވެފައެވެ. އުފާވެރިކަން ގެއްލި ނަފްސު ހިތްދަތިކަމުގެ ކަނޑަކަށް ޣަރަޤުވަނީއެވެ. އަމިއްލަ ނަފްސު ކުއްވެރިކުރެވެނީއެވެ. އަނބިމީހާއާއި ދުނިޔެއަށް އުފަންވުމަށް ތައްޔާރުވަމުންދިޔަ ތުއްތު ފުރާނަ އަބަދަށްޓަކައި ވަކިވީއެވެ.

* * * *

ލޮލުގެ ހިމަކޮޅުން ލާފައި ރޮނގުދެމޭ ކަރުނައަށް ނިމުމެއްނައެވެ. ރަޒިއްޔާއަށް ފުރަގަސް ދެމުން ނިމްރާ އެނދުގައި އޮތް ގޮތް ބަދަލުކޮށްލިއެވެ. އެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ރަޒިއްޔާއަށް ދައްކަން ބޭނުންނޫނީއެވެ.

"ދަރިފުޅާ!... ވާހަކަދައްކަބަލަ!... ތިހެން ރޯތީ މާމަ ހާދަ ކަންތައްބޮޑުވެޔޭ... ތަނަކަށް ތަދުވަނީތަ؟ ޑަކްޓަރު ގެންނަންވީތަ؟" ނިމްރާގެ ބޮލުގައި ފިރުމަމުން ރަޒިއްޔާ ވާހަކަދެއްކިއެވެ.

"އަޅުގަނޑަށް މާފުކުރޭ މާމާ" ގިސްލެވެމުން ދިޔަ ނިމްރާ ބުނެލިއެވެ.

"އެއީ ދަރިފުޅު ގަސްދުގައި ކުރިކަމެއްނޫނެއްނު. މާމަ ޤަބޫލުކުރަމޭ... މާމައަށް އެނގޭ ނިމްރާ ސައިކަލު ދުއްވަނީ ވަރަށް ބަލައިގެންކަން. އެހެންވިޔަސް... ދެން ކީއްކުރާނީ.... މިންވަރުކުރެއްވި ގޮތް މީ... ދެން ހުއްޓާލަބަލަ! ނިމްރާ! ދަރިފުޅާ!" ރަޒިއްޔާ މަސައްކަތް ކުރީ ނިމްރާގެ ރުއިން ހުއްޓުވާލެވޭތޯއެވެ.

"އަހަރެން ކީއްވެތަ މަރުނުވީ؟ އެ ކުއްޖާގެ ބަދަލުގައި އަހަރެން މަރުވިނަމަ..." ކުއްލިއަކަށް ނިމްރާގެ އަނގަމަތީ ރަޒިއްޔާ އަތްއެޅިއެވެ. (ނުނިމޭ)