ކުޅިވަރު

ހޮލެންޑްގެ ކޯޗަކަށް ކޫމަން

ބޮޑެތި ގެންޖެހުންތަކެއްގެ ތެރޭގައި ހޮލެންޑްގެ ގައުމީ ޓީމު ކޯޗަކަށް އެވަޓަންގެ ކުރީގެ ކޯޗް ރޮނަލްޑް ކޫމަން ހަމަޖެއްސުމަށް ހޮލެންޑްގެ އެސޯސިއޭޝަނުން ނިންމައިފި އެވެ.

ހޮލެންޑްގެ މީޑިއާތަކުން ބުނެފައި ވަނީ ކޫމަން ނަން މިއަދު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ. ކޫމަންއަކީ ކުރިން ހޮލެންޑްގެ ގައުމީ ޓީމުގެ މީޑްފީލްޑަރެވެ. ބާސެލޯނާއަށް ވެސް ކުޅުނު ކޫމަން އަކީ ހީލޭ ޖެހުންތަކުން ލަނޑު ޖެހުމުގައި މަޝްހޫރު މިޑްފީލްޑަރެކެވެ.

އޭނާ ވަނީ 1998 ވަނަ އަހަރުގެ ވޯލްޑްކަޕްގައި، ހޮލެންޑްގެ އޭރުގެ ކޯޗް ގުސް ހިޑިންކްގެ ދަށުން ހޮލެންޑްގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ފަހުން އޭނާ ވަނީ ބާސާގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ހެޑް ކޯޗެއްގެ ގޮތުގައި ކޫމަން ވަނީ ހޮލެންޑްގެ އަޔެކްސް އާއި ސްޕެއިންގެ ވެލެންސިއާގެ އިތުރުން އިނގިރޭސި ވިލާތުގެ ސައުތު ހެމްޓަން އާއި އެވަޓަން އަށް ކޯޗު ކޮށްދީފަ އެވެ. މި ސީޒަންގައި އެވަޓަންގެ ނަތީޖާ ދަށް ވުމުން އެ ޓީމުގެ ކޯޗު ކަމުން އޭނާ ވަކި ކުރީ އެވެ.

މިދިޔަ ހަތަރު އަހަރަކީ ހޮލެންޑްގެ ފުޓްބޯޅައަށް ކާމިޔާބު ދުވަސް ވަރެއް ނޫނެވެ. މި އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑްކަޕަށް ވެސް އެ ޓީމު ކޮލިފައި ނުވެ އެވެ. އަދި ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯ އަށްވެސް ހޮލެންޑް ކޮލިފައި ވެފައެއް ނުވެ އެވެ.

ވޯލްޑްކަޕަށް ކޮލިފައި ނުވުމުން، އެންމެ ފަހުން ހޮލެންޑްގެ ކޯޗަކަށް ހުރި ޑިކް އެޑްވަކާޓް ވަނީ އަމިއްލައަށް މަގާމުން ދުރަށް ގޮސްފަ އެވެ.