އަންނަ މަހު ޖަރުމަނުގައި އޮންނަ އައިޓީބީ ފެއާ އަށް ދާ މީހުންނަށް ރާއްޖޭން ވިސާ ދޫކުރަން ހަމަޖެއްސި ހަމަޖެއްސުން އެ ގައުމުން ކެންސަލްކުރާކަން އަންގައިފި އެވެ.
ޖަރުމަނުގައި އޮންނަ އައިޓީބީ ފެއާއަށް ރާއްޖޭން ދާ މީހުންނަށް، ރާއްޖޭގައި ތިބެގެން ވިސާއަށް އެޕްލައިކުރެވޭ ގޮތަށް ޖަރުމަނުން ކުރިން އޮތީ ނިންމާފަ އެވެ. އެގޮތުން ކުރިން އޮތީ މާދަމާގެ ނިޔަލަށް "އެޕްލިކޭޝަން ސެންޓަރެއް" ފޮރިން މިނިސްޓްރީގައި ގާއިމުކުރުމަށް ނިންމާފަ އެވެ. ނަމަވެސް، ރާއްޖޭގައި ވިސާ އެޕްލިކޭޝަން ސެންޓަރެއް ހުޅުވެން ނެތްކަން ޖަރުމަނުން ވަނީ އަންގާފަ އެވެ.
އައިޓީބީ ފެއާ އަށް ދާން ވިސާ އަށް އެޕްލައި ކޮށްފައިވާ ފަރާތްތަކަށް ޖަރުމަނުން ވަނީ އެ ހިދުމަތް ކެންސަލް ކުރިކަން މިހާރު ފޯނުން ގުޅާ އަންގަން ފަށައިފަ އެވެ. އަދި ވިސާ ބޭނުންވާ ފަރާތްތަކުން ސްރީލަންކާ އަށް ގޮސް ވިސާގެ ކަންކަން ހައްލު ކުރުމަށް އަންނަނީ އަންގަމުން އެވެ. އަދި ރާއްޖޭގައި އެ ހިދުމަތް ދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް އަންގާފައިވެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ އަށް ދާން ވިސާއަށް އެޕްލައި ކުރި ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވީ ރާއްޖޭން ވިސާ ލިބެން އޮއްވައި ކެންސަލްވުމަކީ ބޮޑު ދަތިކަމެއް ކަމަށެވެ.
"ވަރަށް އުންމީދުކޮށްގެން ހުއްޓައި މިގޮތަށް ކަންތައްވުމަކީ ވަރަށް ބޮޑު ދައްޗެއް. މިވީ ގޮތުން އަނެއްކާ މި ޖެހުނީ އަލުން ލަންކާ އަށް ގޮސް އެކަން ކުރަން،" ނަން ނުޖެހުމަށް އެދި ބުންޏެވެ.
އައިޓީބީ ފެއާއަކީ ރާއްޖޭން ގިނަ އަދަދެއްގެ ޓޫރިޒަމް ވިޔަފާރިވެރިން ބައިވެރިވާ ފެއާއެވެ.
މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ގިނަ ގައުމުތަކުން ދަނީ ރާއްޖެއަށް ޒިޔާރަތް ކޮށް އުޅުމުގައި ސަމާލުވުމަށް އެދިފަ އެވެ. އަދި ރާއްޖެއަށް އެންމެ ގިނައިން މީހުން އަންނަ ޗައިނާއިން ވަނީ މި ދުވަސްވަރު ރާއްޖެއަށް ޒިޔާރަތް ނުކުރަން އަންގާފަ އެވެ.