1 ފެބުރުއަރީގެ އަމުރު

ކުއްލި ހާލަތު އިއުލާން ކުރީ ބަޣާވާތެއް ހުއްޓުވަން: މިނިސްޓަރު

ރާއްޖޭގައި ކުއްލި ނުރައްލަކުގެ ހާލަތު އިއުުލާން ކުރީ ބަގާވާތެއް ހުއްޓުވަން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ވެރިކަން ކުރިޔަށް ދާއިރު ވެރިކަން ވައްޓާލުމަށް އެކި ކަހަލަ ބަޣާވާތްތައް ކުރުމަށް މަސައްކަތް ކުރި ކަމަށާއި މިފަހަރުގެ ވެރިކަން ބަދަލުކޮށްލަން ހިންގި ހަރަކާތްތައް ފެއިލް ކޮށްލުމުގައި ސަލާމަތީ ބާރުތަކުން ސަރުކާރަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ގާނޫނާ ހިލާފު ނޫން ކޮންމެ ކަމެއް ކުރުމަށް ސަލާމަތީ ބާރުތަކުން ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުން އޮތީ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ވަރަށް ބަދަހިކަމާއެކުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ ބަޣާވާތެއް ހުއްޓުވަން، ވޭތުވެދިޔަ 72 ގަޑިއިރު ތެރޭގައި ސިފައިންގެ ބަދަހި ގުޅުންތަކާއި ފުލުހުން މިކަމުގައި ސަރުކާރަށް ތާއީދު ކުރުމާ އެކީގައި މިގައުމުގެ މިނިވަން ކަމާ އިސްތިގުލާލް ދެމެހެއްޓުމަށް ވަރަށް ބަދަހި ކަމާއެކު އޮތްކަން ސާފުވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު ދިމާވެފައިވާ ސީޔާސީ ކޮޅިގަނޑުން ލަސްތަކެއް ނުވެ ސަލާމަތް ކުރެވޭނެ ކަމަށާއި ސަލާމަތުގެ އައްސޭރި އަށް ވަރަށް އަވަހަށް ދަތުރު ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ، ރައީސް ޔާމީން އަކީ މިފަދަ ކޮންމެ ހާލަތެއްގައި ވަރަށް ހަރުދަނާ ލީޑަރެއް ކަމަށާއި އެމަނިކުފާނު އެދަނީ ހިކުމަތްތެރިކަމާއެކު މަސައްކަތް ކުރަމުން ކަމަށެވެ.

"ރައީސް ޔާމީންގެ ޒައާމަތުގައި ވަރަށް އަވަހަށް އަމާން ބަނދަރަކަށް ދަތުރު ކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ބޭރުގެ ނުފޫޒު ވެއްދުމަށް ކުރަމުންދާ މަސައްކަތަކީ ރާއްޖެއަށްޓަކައި ކުރެވޭ ވަރަށް ބޮޑު ހިޔާނާތެއް ކަމަށާއި އެއީ ވަރަށް ބޮޑު ގައްދާރު ވުމެއް ކަމަށެވެ. އެކަމަކަށް ދިވެހިން އެއްވެސް ވަރަކަށް ތަރުހީބެއް ނުދޭނެ ކަމަށާއި އެ ފުރުސަތެއް އެއްވެސް ފަރާތަކަށް ލިބިގެން ނުދާނެ ކަމަށެވެ. އަދި ބޭރުގެ އެއްވެސް ނުފޫޒެއް ރާއްޖެ އަށް ނުފޯރުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ޔާމީން ގައުމާ މުހާތަބު ކޮށް ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ސުޕްރީމް ކޯޓުން އެމަނިކުފާނުގެ ބަންޑާރަ ނައިބާއި ޕްރޮސިކިއުޓާ ޖެނެރަލްގެ ބާރުތައް ކަނޑުވައި، އެ ދެ ބޭފުޅުން މަގާމުން ދުރުކޮށް ދައުލަތް ހިންގުމަށް އުނދަގޫ ކުރުމުން ކަމަށެވެ. މިއީ ބިރުވެރި ހާލަތެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތުމުން ކަމަށާއި ޖަވާބު ދާރީ ކުރެވޭނީ އެ ބޭފުޅުންގެ އެ ނިންމެވުން އެ އަމުރު ބާތިލު ކޮށްގެން، ވަގުތީ ގޮތުން ސަސްޕެންޑް ކޮށްގެން ކަމަށެވެ. ސަސްޕެންޑް ކުރެވެން އޮތީ ކުއްލި ނުރައްކާ އިއުލާން ކޮށްގެން ކަމަށާއި ސަސްޕެންޑް ކޮށްގެން ވެސް އެ މައްސަލަ ބަލަން ޖެހެނީ މިހާރު ކިހާ "ތިކް ކޫއެއް" ކަމަށް ބަލަން ޖެހޭތީ ކަމަށް ރައީސް ވިދާޅުވި އެވެ.