ހަބަރު

ރާއްޖޭގެ ހާލަތު މިދަނީ ގާތުން ބަލަމުން: އިންޑިއާ

ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާތީވެ އެކަން ގާތުން ބަލަމުންދާ ކަމަށް އިންޑިއާއިން ބުނެފި އެވެ.

އިންޑިއާގެ އެކްޓާނަލް އެފެއާޒް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީވެ ކަންބޮޑުވާ ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި އިތުރު ސިޔާސީ ފަރާތްތައް ހައްޔަރު ކޮށްފައިވާތީވެ އެކަމާވެސް ކަންބޮޑުވާ ކަމަށް ބަޔާނުގައި ވެއެވެ.

ރާއްޖޭގެ މަސްރަހު އިންޑިއާ ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށް ބަޔާނުގައި ވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އިންޑިއާ ގާރާރެއް ނެރެފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓްގެ އިތުރު ފަނޑިޔާރަކާއި ކުރީގެ ރައީސް މައުމޫން ހައްުޔަރުކޮށްފައި ވާތީ، އެބޭފުޅުން ސަލާމަތް ކުރުމަށް އިންޑިއާގެ އަސްކަރީ ބާރާ އެކު މަންދޫބަކު ފޮނުވަން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެމެރިކާގެ ކިބައިން އެގައުމުގެ ބޭަންކްތައް މެދުވެރިކޮށް ރާއްޖޭގެ ވެރިން ކުރާ މުއާމަލާތްތައް ހުއްޓުވައި ދިނުމަށްވެސް ނަޝީދު އެދިވަޑައިގެންފައި ވެއެވެ.

އިންޑިއާއާއި އެމެރިކާގެ ކިބައިން އެ ކަންތަތަކަށް އެދިވަޑައިގަންނަވަނީ ދިވެހި ރައްޔިތުންގެ ފަރާތުން ކަަމަށް ވެސް ނަޝީދުގެ ޓްވީޓުގައި ވިދާވެފައި ވެއެވެ.