ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ އެކު ރައީސް އިއްޔެ ހިފެހެއްޓި ސުޕްރީމް ކޯޓްގެ ބާރުތައް އަލުން އެ ކޯޓަށް ދިނުމަށް ރައީސް މިއަދު ނިންމަވައި އެ ގަރާރު އިސްލާހު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ދާދި ދެންމެއަކު އާންމު ކުރި އިއްޔެ ނެރުނު ގަރާރަށް ގެނެނުވުނު ދެ ވަނަ އިސްލާހުގައި ބުނެފައި ވަނީ، ވަގުތީގޮތުން އަމަލުކުރުން ހުއްޓައިލާފައިވާ ގާނޫނުތަކުގެ ތެރެއިން ގާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) އުނިކޮށް، އެ މާއްދާއަށް އަމަލުކުރުންހިފަހައްޓަވާފައިވާ ހިފެހެއްޓެވުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އަލުން އަމަލުކުރަން ފެށި އެ މާއްދާގައި ބުނެފައި ވަނީ، ގާނޫނު އަސާސީ އާއި ގާނޫނު މާނަކުރުމުގައި އަދި ޝަރީއަތުން ބަލައި އެހެނިހެން ވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ.
މީގެ އިތުރުން ހިފެހެއްޓި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އިމްތިޔާޒުތަކުގެ މާއްދާ އަދި އުވައެއް ނުލަ އެވެ. އެ މާއްދާއަކީ ސުޕްރީމް ކޯޓްގެ ބެންޗްގެ ފަނޑިޔާރެއް ހައްޔަރު ކުރެވޭނީ ސުޕްރީމް ކޯޓްގެ ފުލް ބެންޗްގެ އަގުލަބިއްޔަތުން ކަމަށް ބުނެފައިވާ މާއްދާ އެވެ.
ސުޕްރީމް ކޯޓަށް އަލުން ބާރުދިން އިރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ސިފައިން ސްޕްރީމް ކޯޓް ތެރެއަށް ވަދެ އެދެބޭފުޅުން ރޭ ހައްޔަރުކޮށްގެން ދޫނިދުއަށް ގެންގޮސްފަ އެވެ. ރައީސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެދެ ބޭފުޅުން ހައްޔަރު ކުރީ ރިޝްވަތުގެ މައްސަލައިގެ ހެކި ހުރެގެން ކަމަށެވެ. އަދި، އެ ދެ ފަނޑިޔާރުން އިސްވެ ތިބެ ރައީސް އަޒުލްކުރުމުގެ މައްސަލަ އަކާއި އެޓާނީ ޖެނެރަލް މަގާމުން ދުރުކުރުން އަދި ވަޒީފާއިން ވަކިކުރި ފުލުސް ކޮމިޝަނަރާއި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަލުން މަގާމަށް ގެނައުމުގެ މައްސަލައެއް އެ ކޯޓުން ބެލި ކަމަށެވެ. އަދި އެ މައްސަލަ އެގޮތަށް ނުނިމުނީ ހައްޔަރުނުކޮށް ތިއްބެވި، ތިން ފަނޑިޔާރުން އެކަމަށް އެއްބަސްނުވުމުން ކަމަށެވެ.
ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަންގެ ޓްވިޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓް ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން އެ ކޯޓްގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. ސިފައިން ސްޕްރީމް ކޯޓަށް ވަދެފައި ވަނީ ފާރުމަތިން އަރައިގެން އެވެ.