މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން އިދިކޮޅު ލީޑަރުން މިނިވަން ކުރުމަށާއި ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ނުބެލޭ ބައި ސުޕްރީމް ކޯޓުން ބާތިލް ކޮށްފި އެވެ.
ސުޕްރީމް ކޯޓުން މި ނިންމުން ނިންމީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ އެކު ރައީސް އިއްޔެ ހިފެހެއްޓި ސުޕްރީމް ކޯޓްގެ ބާރުތައް އަލުން އެ ކޯޓަށް ދިނުމަށް ނިންމިތާ މާގިނަ އިރުތަކެއް ނުވަނީސް އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ އަބުދުﷲ އަރީފާއި އާދަމް މުހައްމަދު އަބުދުﷲ އާއި ޑރ. އަހުމަދު އަބުދުﷲ ދީދީ ސޮއި ކުރައްވާ ނެރުއްވާފައިވާ އަމުރުގައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ހިމެނޭ ބައިތަކުގެ ތެރެއިން އިދިކޮޅު ލީޑަރުންގެ މައްސަލަ އަލުން ބެލޭނެ އިންތިޒާމް ހަމަޖައްސައި އެފަރާތްތައް ވަގުތުން ދޫކޮށް މިނިވަން ކުރުމަށް ކަނޑައަޅާފައިވާ ބަޔާއި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާއި ބެހޭ އެއްވެސް މައްސަލައެއް އެޖެންޑާ ކޮށް ބެލުމުގެ ބާރު ޖުޑީޝިއަލް ސާވިސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅާފައިވާ ބައި ބާތިލް ކޮށްފައިވާ ކަމަށެވެ.
ނަމަވެސް ރައްޔިތުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައިވާ ބައި މިރޭ ނެރުނު އަމުރުގައި ބާތިލްކޮށްފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓަށް މިއަދު އަލުން ބާރުދިން އިރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ސިފައިން ސްޕްރީމް ކޯޓް ތެރެއަށް ވަދެ ރޭ ހައްޔަރުކޮށްގެން ދޫނިދުއަށް ގެންގޮސްފަ އެވެ.
ރައީސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެ ދެ ބޭފުޅުން ހައްޔަރު ކުރީ ރިޝްވަތުގެ މައްސަލައިގެ ހެކި ހުރެގެން ކަމަށެވެ. އަދި، އެ ދެ ފަނޑިޔާރުން އިސްވެ ތިބެ ރައީސް އަޒުލްކުރުމުގެ މައްސަލައަކާއި އެޓާނީ ޖެނެރަލް މަގާމުން ދުރުކުރުން އަދި ވަޒީފާއިން ވަކިކުރި ފުލުސް ކޮމިޝަނަރާއި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަލުން މަގާމަށް ގެނައުމުގެ މައްސަލައެއް އެ ކޯޓުން ބެލި ކަމަށެވެ. އަދި އެ މައްސަލަ އެގޮތަށް ނުނިމުނީ ހައްޔަރުނުކޮށް ތިއްބެވި، ތިން ފަނޑިޔާރުން އެކަމަށް އެއްބަސްނުވުމުން ކަމަށެވެ.
ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަންގެ ޓްވިޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓް ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން އެ ކޯޓްގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.