ހަބަރު

ނަދީމާއި މައުމޫން ހައްޔަރު ކުރީ އިސްލާހީ މަސައްކަތް ހުއްޓުވަން: އިދިކޮޅު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރު ކޮށްފައިވަނީ އިސްލާހީ މަސައްކަތް ހުއްޓުވުމަށްޓަަކައި ކަމަށް އިދިކޮޅު އިއްތިހާދުން ބުނެފި އެވެ.

އިދިކޮޅު އިއްތިހާދުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސް މައުމޫނާއި ނަދީމް ހައްޔަރު ކޮށްފައިވަނީ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް އަށް ލިބިފައިވާ ބާރުގެ ބޭނުން ނުހަމަ ގޮތުގައި ބޭނުން ކޮށް، ރާއްޖޭގެ ގާނޫނު އަސާސީ އާއި ހެދިފައި ހުރި އެންމެހާ ގާނޫނުތަކާއި ހިލާފަށް ކަމަށެވެ.

"މައުމޫން ހައްޔަރުކޮށް، ޣައިރުގާނޫނީ ގޮތުން ބަންދުކޮށްފައިވީ ނަމަވެސް، ސަރުކާރު ހަމަ މަގަށް އެޅުވުމަށްޓަކައި އެމަނިކުފާނު ކުރަމުން ގެންދާ އިސްލާހީ މަސައްކަތަށްވެސް، އަދި އެމަނިކުފާނުގެ އަޒުމަކަށްވެސް އެއްވެސް ބަދަލެއް ނާންނާނެ، މި ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި، އިސްލާހީ މަސައްކަތް ވަރުގަދަ ކުރައްވައި، އެމަސައްކަތުގައި ދެމި ހުންނާނެ ކަމުގެ ޔަގީންކަން އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަން، ބަޔާނުގައި ވެއެވެ.

ރައީސް މައުމޫނާއި ނަދީމް ޣައިރު ގާނޫނީ ގޮތުން ހައްޔަރު ކޮށްފައިވާތީ އެކަން ކުށްވެރިކުރާ ކަމަށާއި އެ ދެބޭފުޅުން ބަންދުން މިނިވަންކޮށް ވަގުތުން ދޫކޮށްލުމަށް ރައީސް ޔާމީނުގެ ސަރުކާރަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ކަމަށްބުނެ ރޭގެ ވަގުތެއްގައި ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ހެދިފައި ހުރި އެންމެހާ ގާނޫނުތަކާއި ހިލާފަށް ކުރީގެ ރައީސް މައުމޫން ނަދީމް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށް ދޫނިދޫގައި ބަންދުކުރެވިފަ، އެކަން ކޮށްފައިވަނީ ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރާއި ގުޅިގެން ސަރުކާރުން އަމުރު ތަންފީޒު ނުކޮށް، އެ އަމުރާއި ހިލާފަށް، އަމުރު ތަންފީޒު ނުކުރުމުގެ ބަހަނާއެއްގެ ގޮތުގައި ކުއްލި ހާލަތަށް ގެނެސް ރައީސްގެ އެދުމުގެ މަތިން ގާނޫނާ ހިލާފަށް ކޮށްފައިވާ ބަންދެއް،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ވަނީ، ގާނޫނު ތަކާއި ހިލާފަށް ނެރެފައިވާ ކުއްލި ނުރައްކަލުގެ ގަރާރު ބާތިލުކޮށް، ފަނޑިޔާރުންނަށް ބިރުދެއްކުން ހުއްޓާލުމަށާއި މަޖިލީސް ހިސޯރުކޮށްފައިވާ ހިސޯރުކުރުން ނިމުމަކަށް ގެނެސް ރައްޔިތުންގެ ހިތުގައި އުފައްދާފައިވާ ބިރުވެރި ހާލަތު ބަދަލުކުރުމަށްވެސް ގޮވާލާފައި ވެއެވެ. އަދި ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރެފައިވާ އަމުރު ވަގުތުން ތަންފީޒުކޮށް ދިނުމަށް ކަމާބެހޭ އިދާރާތަކަށްވެސް ގޮވާލާފައި ވެއެވެ.