ހޮލީވުޑް

ގްރޭގެ ރޯލު ކުޅޭ ވަރަށްވުރެ މުސްކުޅިވެއްޖެ: ޖޭމީ

"ފިފްޓީ ޝޭޑްސް" ފިލްމުތަކުގެ ލީޑުން ފެނިގެންދާ ބަތަލު ޖެމީ ޑޯނަން ދެން އޭގެ އެހެން ފިލްމަކުން ނުފެންނާނެ ކަމަށް އޭނާ ބުނެފި އެވެ. މި ފްރެންޗައިޒްގެ ދަށުން ދެން އެންމަ އަވަހަށް ނިކުންނާނީ މި މަހު 9 ގައި ރިލީޒް ކުރާ ތިން ވަނަ ފިލްމު "ފިފްޓީ ޝޭޑްސް ފްރީޑް" އެވެ.

ފިފްޓީ ޝޭޑްސްގައި އުމުރުން 35 އަހަރުގެ ބިލިއަނަރެއްގެ ރޯލުން ފެނިގެންދާ ޖޭމީ ބުނީ އެ ފިލްމުގައި އޭނާ ކުޅޭ ކްރިސްޓިއަން ގްރޭގެ ކެރެކްޓާ ކުޅޭ ވަރަށްވުރެ މިހާރު އޭނާ މުސްކުޅިވެފައިވާ ކަމަށެވެ. އޭނާ މިހެން ބުނީ ލޮރޭން ކެލީގެ ޝޯގައި ވާހަކަ ދައްކަމުންނެވެ.

"އަހަންނަށް އެނގޭ ގޮތުން މި ފްރެންޗައިޒްގެ އިތުރު ވާހަކަ ފޮތެއް ދެން ނެތް. ފިލްމު ލިޔުނު އެލް ޖޭމްސް ލިޔެފައި ވަނީ ތިން ވާހަކަ. އެލް ޖޭމްސް އިތުރު ވާހަކައެއް ނުލިޔަންޔާ މިއީ ފަހު ފިލްމަށް ވާނެ. އިތުރު ވާހަކައެއް ލިޔުނު ނަމަވެސް އަހަންނާ ޑަކޯޓާ ޖޯންސަން [ފިލްމުގައި ޖޭމީގެ ކޯ އެކްޓާ] އާއި މި ރޯލުތައް ކުޅޭ ވަރަށްވުރެ މިހާރު މުސްކުޅި ވެއްޖެ." ޖޭމީ ބުންޏެވެ.

ޖޭމީ ބުނީ އެ ތިން ފިލްމުގައި ވެސް އޭނާ ކުޅުނު ރޯލާއި، ފިލްމަކަށްފަހު ފިލްމަކުން އޭނާގެ ކެރެކްޓާއަށް އައި ބަދަލުތަކާއި މެދު ހިތްމަޖެހޭ ކަމަށެވެ.

"ފުރަތަމަ ފިލްމުގައި ގްރޭގެ ކެރެކްޓާ ފެނިގެންދިޔަ ގޮތަށްވުރެ ފަހު ފިލްމުގައި ފެންނާނެ ގޮތާއިމެދު މާ ބޮޑަށް ވެސް އަހަރެން ހިތްހަމަޖެހޭ. ފިލްމަކަށްފަހު ފިލްމަކުން ގްރޭގެ ކެރެކްޓާއަށް ގިނަ ބަދަލުތަކެއް އައިސްފައިވޭ. ރަނގަޅު ބަދަލުތަކެއް،" ޖޭމީ ބުންޏެވެ.

ފިފްޓީ ޝޭޑްސް ފްރީޑް ނިކުންނަ ކުޑަ ދުވަސްކޮޅަށް ވެފައިވާއިރު މިހާރު އެންމެ ވައިގައި ހިފާފައި ވަނީ އެ ފިލްމުގެ ތީމް ލަވަ އެވެ. ލިއަމް ޕޭން އަދި ރީޓާ އޯރާ ކިޔާފައިވާ އެ ލަވައަށް ތައުރީފުތައް ދަނީ އޮހެމުންނެވެ.

ކުރިން ނެރުނު ފިފްޓީ ޝޭޑްސް ފިލްމުތަކުގެ ތީމް ލަވަތަކަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.