ކޫޕް ޑި ފްރާންގައި ސޯޝޯ މޮންޓްބެލިއާޑްގެ މައްޗަށް ޕީއެސްޖީ 1-4 ކުރި ހޯދައިފި އެވެ. ކީޕަރު ކެވިން ޓްރެޕްއަށް މެޗު ނިމެން ގާތް ވެފައި ވަނިކޮށް ރަތް ކާޑު ދެއްކުމާއެކު މެޗުގެ ފަހު ވަގުތު ޕީއެސްޖީގެ ގޯލް ބެލެހެއްޓީ އެޓީމުގެ ޑިފެންޑަރު ޑެނީ އަލްވޭސް އެވެ.
މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ މެޗުގެ ފުރަތަމަ މިނިޓުގަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑީމަރިއާ އެވެ. އަރިމަތިން ޑެނީ އަލްވޭސް ނަގައިދިން ހުރަސް ލިބުނީ ފާޕޯސްޓްގައި ހުސްކޮށް ހުރި ޑިމަރިއާ އަށެވެ. އޭނާ ވަނީ އެއްފަހަރުން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.
ޕީއެސްޖީ ލީޑު ނެގިތާ 12 މިނިޓު ފަހުން ސޯޝޯ މެޗުގެ ނަތީޖާ އެއްވަރު ކުރި އެވެ. މިލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މިޑްފިލްޑަރު ފްލޮރިއާން މާޓިން އެވެ. ޕީއެސްޖީގެ ޑިފެންޑަރުންނަށް އޭރިޔާ ތެރެއިން ސާފު ނުކޮށްލެވުނު ބޯޅަ ލިބުނީ މާޓިން އަށެވެ. އެ ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު މާޓިން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ތިރީ ކަނަށެވެ.
ސޯޝޯ ނަތީޖާ އެއްވަރު ކުރި ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ކަވާނީ ވަނީ ގޯލެއް ކާމިޔާބުކޮށް ޕީއެސްޖީއަށް އަލުން ލީޑު ނަގައިދީފަ އެވެ. އަރިމަތިން ލަވީ ކުރްޒެވާ ނެގި ހުރަސް ތިރިތިރިން ދިޔައީ ސޯޝޯ ގޯލްގެ ފާޕޯސްޓަށެވެ. ޕޯސްޓުގައި ހުސްކޮށް ހުރި ކަވަނީ ވަނީ ވެއްޓިގެން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.
މެޗުގެ 58 ވަނަ މިނިޓުގައި ޕީއެސްޖީއަށް ނަތީޖާ 1-3 ބަދަލުކޮށްލައިދިނީ ވެސް ޑިމަރިއާ އެވެ. މެދުތެރެއިން މާކޯ ވެރާޓީ ހުސްކޮށްލާފައި ކުޅުނު ބޯޅަ ހިފައިގެން ވަދެ ޑިމަރިއާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ދުރު ކަނަށެވެ.
ހަތަރު މިނިޓު ފަހުން ޑިމަރިއާ ހެޓްރިކް ހެދި އެވެ. ކީލިއަން އެމްބާޕޭ ފޮނުވާލި ހަމަލާ ސޯޝޯ ކީޕަރު ޕަންޗުކުރި ބޯޅަ ލިބުނީ ހުސްކޮށް ހުރި ޑިމަރިއާ އަށެވެ. ޑިމަރިއާ ވަނީ ފަސޭހަ ކަމާއެކު ބޯޅަ ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ.