ޓެކްނޯލޮޖީ

އެސް9 ވަރަށް އަގު ބޮޑު ވާނެ!

ސެމްސަންގް ސްމާޓްފޯން ސީރީޒްގެ "ގެލެކްސީ އެސް9" ފޯނު މި މަހު ފަހުކޮޅު އާންމުންނަށް ދައްކާލުމަށް އެ ކުންފުނިން ދަނީ ތައްޔާރު ވަމުންނެވެ.

އެހެން ނަމަވެސް ފަހުގެ މި ފޯނު ރަސްމީކޮށް އާންމުންނަށް ދައްކާ ނުލެވި އުޅެނިކޮށް މިހާރު ވަނީ ފޯނާ ގުޅޭ ގިނަ މައުލޫމާތުތަކެއް ލީކުކޮށްލާފަ އެވެ. ދުނިޔެއަށް ލީކުކޮށްލި މައުލޫމާތުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ހައިރާންކަން ގެނުވީ ފޯނުގެ އަގެވެ. އެ ފޯނުގެ އަގު ވަރަށް ބޮޑު ވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮރެއާގެ ނޫހެއްކަމަށްވާ އީޓީ ނިއުސްގައި ބުނެފައިވާ ގޮތުން އެ ފޯނުގެ އަގު އުޅޭނީ 875 ޑޮލަރާއި 920 ޑޮލަރާއި ދެމެދުގެ އަގެއްގަ އެވެ. އެސް8 އާއި އަޅާ ބަލާއިރު މިއީ ބޮޑު އަދަދެކެވެ. އެސް8 އެއްގެ އަގު އުޅެނީ 720 ޑޮލަރުގަ އެވެ.

ޓެކްނޮލޮޖީގެ ހަބަރުތައް ގެނެސްދޭ ޓެކްރާޑާ އިން އިނގިރޭސިވިލާތުގައި ފޯނު ވިއްކުމުގެ ޑީލްތައް ހަދާ ފަރާތްތަކާއި ހަވާލާދީ ބުނެފައި ވަނީ އިނގެރޭސި ވިލާތުގައި މި ފޯނުގެ އަގު އުޅޭނީ 1100 ޑޮލަރަށް ކަމަށެވެ. މިއީ އެސް8 ފޯނަކާއި އަޅާ ބަލާއިރު 124 ޑޮލަރު ބޮޑު އަދަދެކެވެ.

އެމެރިކާގައި މި ފޯނުގެ އަގު އުޅޭނެ ކަމަށް ލަފާ ކޮށްފައިވަނީ 800 ޑޮލަރާއި 850 ޑޮލަރާއި ދެމެދުގެ އަގުތަކެއްގަ އެވެ.

ލީކުވި މައުލޫމާތުތަކުން އިނގޭ ގޮތުގައި މި ފޯނުގައި މާ ގިނަ އާ ފީޗާތަކެއް ނުހިމެނޭނެ އެވެ. ގިނަ ފީޗާތައް ހުރީ އެސް8 އާއި ދާދި އެއްގޮތަކަށެވެ. އެގޮތުން އެންމެ ފާހަގަ ކުރެވެނީ ފޯނުގެ ބެޓެރި އެވެ. އެސް9 އަދި އެސް9 ޕްލަސްގައި ވެސް ބޭނުންކޮށްފައި ވަނީ ހަމަ ކުރީގެ ފޯނުތަކުގައި ބޭނުންކުރި ވައްތަރުގެ ބެޓެރި އެވެ.

ނަމަވެސް ފޯނުގެ ކެމެރާއާއި ޑިސްޕްލޭއަށް ގެނެސްފައިވާ ބަދަލުތައް ފޭނުންނަށް ކަމުދާނެ ކަމަށް ބެލެވެ އެވެ. ފޯނުގެ ފިންގާޕްރިންޓް ފީޗާ ވަރުގަދަ ކޮށްފައިވާއިރު، ފޯނުގެ މައްޗާއި ތިރީގެ ބެޒެލްސްތައް އެސް8 އަށްވުރެވެސް ކުޑަ ވާނެ އެވެ. ކުރީގެ ފޯނަށްވުރެ ފޯނު ބޯ ވެސް ވާނެ އެވެ. އަދި ގެެލެކްސީ އެސް9 ޕްލަސްގައި ޑުއަލް ކެމެރާއެއް ވެސް އިންނާނެ ކަމަށްވެ އެވެ.