ހޮލީވުޑް

ގޭމް އޮފް ތްރޯންސްގެ އުފެއްދުންތެރިން ސްޓާ ވޯޒް ފިލްމު ސީރީޒްއަށް

ގޭމް އޮފް ތްރޯންސް ސީރީޒްގެ އުފެންދުންތެރިން ކަމަށްވާ ޑޭވިޑް ބެނިއޮފް އަދި ޑީބީ ވެސްގެ ކުޅަދާނަ ހުނަރު އެ ސީރީޒް ބަލާ މީހުނަށް ޔަގީނުންވެސް އެނގޭނެ އެވެ. މި ދެ މީހުން މިހާރު ވަނީ ސްޓާ ވޯޒް ފިލްމު ސީރީޒްތައް ލިޔުމަށް ސްޓާ ވޯޒް ގެެލެކްސީ އާއި ގުޅިފަ އެވެ.

ޑިޒްނީ އަދި ލޫކަސްފިލްމް އިން ބުނީ ކުރިއަށް ހުރި ސްޓާ ވޯޒް ސިރީޒްގެ ބައެއް ފިލްމުތައް ލިޔާނީ މި ދެ މީހުން ކަމަށެވެ. އެ ދެ މީހުންގެ ލިޔާ ސްޓާ ވޯޒްގެ ފިލްމަކަށް ބެލުންތެރިން ދިގު އިންތިޒާރެއް ކުރަންޖެހޭނެ އެވެ. ބެލުންތެރިންނާ ހަމައަށް އެ މީހުންގެ ފިލްމެއް އަންނަނީ ގޭމް އޮފް ތްރޯންސް ފަހު ސީޒަން ނިމުމަށްފަހު އެވެ. ގޭމް އޮފް ތްރޯންސް ރިލީޒްކުރާނެ ކަމަށް ބެލެވެނީ 2019 ގަ އެވެ.

ލޫކަސްފިލްމްގެ ރައީސް ކެތްލީން ކެނެޑީ ބުނީ ޑޭވިޑް އަދި ޑެން އަކީ މިހާރު ތިބި އެންމެ ކުޅަދާނަ ދެ ވާހަކަ ލިޔުންތެރިންނެވެ. "އެ ދެ މީހުން ކެރެކްޓާތައް ގެނެސްދީފައި ހުންނަ ގޮތާއި، ވާހަކައިގެ ފުންމިނާއި ވާހަކައިގެ މުއްސަނދިކަން ގެނެސްދީފައި ހުންނަނީ ވަރަށް ވަރުގަދަކޮށް. އެހެންކަމުން މި ދެ މީހުން ސްޓާ ވޯޒްއާއި ގުޅުމުން އަހަރެން މިހުރީ އެމީހުން މަސައްކަތް ބަލާލަން ކެއްމަދުވެފަ."

"ސްޓާ ވޯޒްގެ ފިލްމުތައް 1977 ވަނަ އަހަރު ފެށިގެން އައި ހިސާބުންވެސް އެ ފިލްމުތަކުގައި މަސައްކަތް ކުރުމުގެ ހުވަފެން ދުށިން." ޑޭވިޑް އަދި ޑެން ދިން ޖޮއިންޓް ސްޓޭޓްމަންޓެއްގައި ބުންޏެވެ. "މި ފުރުސަތު ލިބުމުން އަހަރެމެން ފަހުރުވެރިވަން އަދި މިހާ ބޮޑު މަސައްކަތެއްގެ ޒިންމާ ނަގަންޖެހުމުން ބިރުވެސް ގަނޭ. އެކަމަކު މި މަސައްކަތްތައް ފަަށަން މި ތިބީ ކެއްމަދުވެފަ. ގޭމް އޮފް ތްރޯންސްގެ ފަހު ސީޒަންގެ މަސައްކަތްތައް ނިމުނުހާ އަވަހަކަށް މަސައްކަތް ފަށާނަން."

ޑިޒްނީގެ ސީއީއޯ ބޮބް އައިިގާ ބުނީ ޑޭވިޑް އަދި ޑެންގެ ވާހަކައަކަށް ސްޓާ ވޯޒްގެ ފިލްމެއް ހެދުމަށް ވާހަކަދެކެވުމުންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. "އެ މީހުންގެ ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް އަންނާނެ ވަގުތު ޖެހުމުން އެއީ ކޮން ފިލްމުތަކެއްކަން އިއުލާކުރާނަން." ބޮބް ބުންޏެވެ.

ޑޭވިޑް އަދި ޑެން ސްޓާ ވޯޒް އާއި ގުޅުމުން އެ ދެ މީހުނާއި އެޗްބީއޯ ގުޅިގެން ގެންނަ ނިންމާފައި އޮތް ކޮންޓްރޯވާޝިއަލް ސްލޭވް ޑްރާމާ "ކޮންފެޑެރޭޓް" ގެ މުސްތަގުބަލާއި މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. އެ ހަބަރާއި ގުޅޭ ގޮތުން މީޑިއާ އިން އެޗްބީއޯ އާއި ސުވާލުކުރުމުން އަދި ޖަވާބެއް ދީފައެއް ނުވެ އެވެ.

ސްޓާ ވޯޒްގެ ފިލްމަކަށް ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ މޭ މަހު 25 ގައި ނިކުންނަ "ސޯލޯ: އަ ސްޓާ ވޯޒް ސްޓޯރީ" އެވެ.