ވިކްޓަރީ

"ކުޅުންތެރިންގެ މުސާރަ މިއަހަރު ބަރާބަރަށް ހަމަޖައްސާނަން"

މިދިޔަ އަހަރު ވިކްޓަރީ ސްޕޯޓްސް ކުލަބަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދެވި ޓީމަށް އެދެވޭ ނަތީޖާއެއް ނުނެރެވުމެވެ. މާލޭ ލީގްގެ ދެ ވަނަ ބުރުގައި އެ ޓީމުން ބަރާބަރަށް ޕްރެކްޓިސް ކުރިއަށް ގެންގޮސްފައި ވެސް ނުވެ އެވެ.

ވިކްޓްރީގެ ޗެއާމަން އިބްރާހިމް ނަޒީމް ވިދާޅުވީ މިދިޔަ އަހަރު ވިކްޓަރީއަށް ދިމާވި ހާލަތު ތަކުރާރު ވިޔަ ނުދިނުމަށް މިއަހަރު މަސައްކަތް ކުރާނެ ކަމަށެވެ.

"މި އަހަރުގެ ސީޒަނަކީ ކުޅުންތެރިން ވެސް ހިތްހަމަޖެހޭ ކުޅުންތެރިންނަށް އަޅުގަނޑުމެން ދޭން އެއްބަސްވާ މުސާރައެއް އިރާދަ ކުރެއްވިއްޔާ ގަވާއިދުން ދެވޭނެ އެއްޗެއްގެ ގޮތުގައި ވެގެންދާނެ ގޮތަށް އަޅުގަނޑުމެންގެ މަސައްކަތް ބައްޓަން ކޮށް ފާއިތުވެ ދިޔަ ތަނުގެ ތަޖުރިބާއިން އިބްރަތް ހާސިލުކޮށްގެން މިދިޔަ އަހަރު ދިމާވި މައްސަލަ މިއަހަރު ދިމާ ނުވާނެ ގޮތަށް އަޅުގަނޑުމެން އިންތިޒާމުތައް ކުރާނަން." ނަޒީމް ވިދާޅުވި އެވެ.

މިދިޔަ އަހަރު ވިކްޓަރީއަށް ކޯޗު ކޮށްދިން އަލީ ސުޒޭން، މި އަހަރަށް ގްރީން ސްޓްރީޓްގެ ކޯޗު ކަމާ ހަވާލު ވަމުން އޭނާ ބުނި ވާހަކަ އަކީ އެ ކުލަބެއްގެ މެނޭޖްމެންޓުން ހަމަޖައްސަން ޖެހޭ އިންތިޒާމުތައް ހަމަޖައްސައިފި ކަމަށް ވާނަމަ މިހާތަނަށް އެއްވެސް ޓީމެއްގައި އެ ކުލަބާއެކު އޭނާ އަށް ކާމިޔާބެއް ނުހޯދި ނުވާ ކަމަށެވެ. ސުޒޭން އެ އިޝާރާުތް ކުރީ މިދިޔަ އަހަރު ވިކްޓަރީގައި އޭނާއަށް ކުރިމަތިވި ހާލަތުގެ މައްޗަށެވެ

މިދިޔަ އަހަރު ވިކްޓަރީއަށް އެ ހާލަތު ދިމާވުމުން، އެ ޓީމާ މެދު އިތުބާރު ދޫކޮށްލަން ކުޅުންތެރިންނަށް އެހާ ފަސޭހައެއް ނުވި އެވެ. ވިކްޓަރީއަށް ކުޅުންތެރިންނާއެކު ސޮއި ކުރުވި ޓީމު އެކުލަވާލެވުނީ އެހެން ޓީމުތަކަށް ވުރެ ފަހުންނެވެ. މުއްދަތު ދިގު ވުމުން އެ ޓީމުން ވާހަކަ ދެއްކި ބައެއް ކުޅުންތެރިން އެހެން ޓީމުތަކަށް ސޮއި ކުރި އެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވެނީ ވިކްޓަރީ އެކްޓިވް ވާން ވަގުތު ނެގީ ފައިސާގެ ކަންކަން ވަކި ގޮތަކަށް ހަމަޖެހެންދެން ހެން،" ކުރިން އެ ޓީމަށް ކުޅުނު ކުޅުންތެރިޔަކު ބުންޏެވެ. "އެހެން ޓީމުތަކުގެ އަތުގައި ވެސް މާ ބޮޑު ފައިސާގެ އަދަދުތަކެއް ނެތް، ނަމަވެސް އެ ޓީމުތަކުން ވެސް ކުޅުންތެރިން ހަމަކޮށް ޕްރެކްޓިސް ފެށި، އެއީ އެ ޓީމުތަކުގައި އިންތިޒާމުތަކެއް ހަމަޖައްސާނެ ކަން ކުޅުންތެރިންނަށް އިތުބާރު އޮންނާތީ."

ކުޅުންތެރިންނާއެކު ސޮއި ކުރުމުގެ މަސައްކަތް ވިކްޓަރީން ފެށީ މިދިޔަ މަސް ނިމެން ކައިރިވެފައި ވަނިކޮށެވެ. އެވެ. އެ ޓީމުގެ ކުރީގެ ކެޕްޓަން ޝާފިއު އަހްމަދު (ޝާފީ)، ހުސައިން ނިހާން (ނިހާޓް)، އިބްރާހިމް ހަމްދާން (ބީޖީމެސީ)، އާދަމް އިޝާމް (ސަން)، ހުސައިން ރިލްވާން، އަލީ ނާފިއު (ކަޅޭ)، މުހައްމަދު އިމްރާން (ކުޑަ އިމްރާން)، މުހައްމަދު ޝިހްބާން، އަހްމަދު ރަޝީދު، ކުރިން ވެލެންސިއާ އާއި އއ. މާޅޮސް އަށް ކުޅުނު އޭންހަލް މުނޯޒް ގެ ސޮއި ވެސް އެ ޓީމުން ކުރުވި އެވެ.

މި ހަފުތާގައި އެޓީމުން ވަނީ، މިދިޔަ އަހަރު ނިއު އަށް ކުޅުނު ގޯލް ކީޕަރު އަބްދުﷲ ޒިޔަޒަން އާއި ކުރިން ވެލެންސިއާ އަށް ކުޅުނު އަހްމަދު ވިޝާމް (ޖެރާޑް) ގެ ވެސް ސޮއި ކޮށްފަ އެވެ.

މި ކުޅުންތެރިންނާއެކު ކުރިން އެ ޓީމަށް ކޯޗް ކޮށްދިން ހަންގޭރީގޭ ލާޒްލޯ ކިސް އާއެކު ވިކްޓަރީން ވަނީ ޕްރެކްޓިސް ފަށާފަ އެވެ. ކިސް އަށް އޮތް ފުރަތަމަ ޓާގެޓަކީ މާލޭ ލީގްގެ ގަދަ ހައެއްގެ ތެރޭގައި ހިމެނި ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދުމެވެ. މި ޓާގެޓާއެކު ވިކްޓަރީއަށް އޮންނާނީ މިދިޔަ އަހަރު ދިމާވި ހާލަތު ދިމާ ނުވާނެ ގޮތަށް މަސައްކަތް ކުރުމެވެ.