ރައީސް މައުމޫން އަބްދުލްގައްޔޫމް

ވަކީލުން މައުމޫންއާ އަރަބި ބަހުން ވާހަކަ ދެއްކުން މަނާކޮށްފި

Feb 7, 2018
1

ދިވެހިބަހުން ނޫން ގޮތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އެމަނިކުފާނުގެ ލޯޔަރުންނާ ވާހަކަ ދެއްކުން މަނާކޮށްފި އެވެ.

މައުމޫންގެ ލޯޔަރެއްގެ ގޮތުގައި ހަރަކާތްތެރިވާ، ކުރީގެ ޑީޕީޖީ ހުސެން ޝަމީމް މިއަދު ވިދާޅުވީ މައުމޫން ވެސް ހިމެނޭ ގޮތަށް، ބަންދުގައި ތިބި މީހުންނާ ވާހަކަ ދެއްކޭނީ ދިވެހިބަހުން ކަމަށް ފުލުހުން އެބޭފުޅުންނަށް އަންގާފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި މައުމޫން އާއި ވަކީލުން އަރަބި ބަހުން ވަނީ މުއާމަލާތްކޮށްފަ އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ މުޅި ގައުމަށް ސްޓޭޓް އޮފް އެމަޖެންސީ އިއުލާންކޮށް، ފުލުހުން ގޮސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ އެންދެރިމާގެ ދޮރުވައްޓާލައިގެން ވަދެ، އެ މަނިކުފާނާއި ދަރިކަލުން ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމް ވެސް ވަނީ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފަ އެވެ.

މައުމޫންގެ ވަކީލުން ވިދާޅުވީ މައުމޫން ހައްޔަރުކުރީ، މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށެވެ. އެހެން ނަމަވެސް މައުމޫން، ހައްޔަރު ކުރި ރޭ ޓްވިޓާ މެދުވެރި ކުރައްވާ ދެއްވި މެސެޖެއްގައި ވިދާޅުވީ، އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭ ވަރުގެ އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި އެމަނިކުފާނު ހައްޔަރު ކުރަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ ސާބިތުކަން މަތީގައި ކަމަށާއި އިސްލާހީ މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމަށެވެ.