މިދިޔަ އަހަރުގެ ޖުލައި ތިން ވަނަ ދުވަހު ސިއްސުވާލި މައްސަލައެއް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވެއްދި އެވެ. ސަރުކާރުގެ "ސުޕަ" މެޖޯރިޓީ އޮތް މަޖިލީހަށް އިދިކޮޅުން ވަނީ 45 މެންބަރުންގެ ސޮޔާއެކު ރައީސް އަބުދުﷲ މަސީހުގެ އިތުބާރު ނެތް މައްސަލަ ތިން ވަނަ ފަހަރަށް ވައްދާފަ އެވެ. އޭގެ ތެރޭގައި އޭރު ސަރުކާރު ކޯލިޝަންގެ ބޮޑު ޕާޓީ ކަމަށްވާ ޕީޕީއެމްގެ 10 މެންބަރުން ހިމެނެ އެވެ. އެ މައްސަލައަށް ފަހު އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވަނީ ޕާޓީ ބަދަލު ކުރާ ނަމަ ނުވަތަ ފްލޯ ކުރޮސް ކުރާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފަ އެވެ. އެމައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ ފްލޯ ކްރޮސިންގެ އުސޫލެއް ތައާރަފް ކުރަން އަމުރުކޮށް ގިނަ މެންބަރުންތަކެއްގެ ގޮޑި ގެއްލެން މަގުފަހިވާ ގޮތަށް ހުކުމެއް ނެރެފަ އެވެ.
އެއާއެކު އިދިކޮޅާ ގުޅުނު ޕީޕީއެމްގެ ގިނަ މެންބަރުންތަކެއްގެ މައްސަލަ ބަލައި އެމެންބަރުން ޕާޓީން ވަކި ކުރިކަން އިލެކްޝަން ކޮމިޝަނަށް އަންގައި، 12 މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އީސީން ނިންމެވި އެވެ. އިލެކްޝަން ކޮމިޝަނުން ވަނީ އެ 12 މެންބަރުންގެ ގޮނޑި ގެއްލުނު ކަން މަޖިލީހަށްވެސް އަންގާފަ އެވެ. އަދި އީސީން ވަނީ އެދާއިރާ ތަކުގެ ބައި އިލެކްޝަންވެސް އިއުލާން ކޮށްފަ އެވެ. ނަމަވެސް މިއަދާ ހަމައަށްވެސް ބައި އިލެކްޝަން ބާއްވާފަ އެއް ނުވެއެވެ.
އެ މެންބަރުންނަކީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.
ގޮނޑި ގެއްލުނު ކަމަށް ސަރުކާރުން ބުނަމުންދިޔައިރު އިދިކޮޅުން ބުނަމުން ދިޔައީ އެބޭފުޅުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. އެކަމަށް ޖަވާބު ލިބިގެން ދިޔައީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ސޮޔާއެކު ނެރުނު އަމުރުންނެވެ. އިދިކޮޅަށް ލިބިގެންދިޔަައީ މޮޅެެކެވެ. ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ އެއްބައިގައި ވަނީ ދައުލަތުގެ ބަންޑާރަ ނައިބު އެދިގެން އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ، ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އިއްވި ހުކުމަކީ އެކަމަށް ގާނޫނެއް ފާސްކުރެވެންދެން ވަގުތީ ފަރުވާއެއް ދިނުމަށް ނެރުނު ހުކުމެއް ކަމަށެވެ. އަދި ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އާއި 145 ވަނަ މާއްދާގެ މައްޗަށް ބަލައި ފްލޯ ކްރޮސްއާ ބެހޭ ހުކުމް ބާތިލުކުރާ ކަމަށެވެ. އަދި މިހާރު އިލެކްޝަންސް ކޮމިޝަނުން ވަކިކޮށްފައިވާ މެންބަރުންގެ ގޮޑި ނުގެއްލޭ ކަމަށް ވެސް ހުކުމްގައި ކަނޑައެޅި އެވެ.
އެ އަމުރާއި ގުޅިގެން މަޖިލީހުގެ އަމީންއާންމް އަހުމަދު މުހައްމަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް ވަރަށް ސާފު ކަމަށާއި އޭގައިވާ ގޮތަށް އަމަލު ކުރާނެ ކަމަށެވެ. އެގޮތުން ގޮނޑި ނުގެއްލޭ ކަމަށް އެ ހުކުމުގައި ކަނޑައެޅި މެންބަރުނަށް ކުރިޔަށް އޮތްތަނުގައި ބާއްވާ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އަމީންއާންމް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެހެން ކަމުން އެކަމާމެދު މިހާރު ވަނީ ބޮޑު ސުވާލެއް އުފެދިފަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި މަޖިލީހުގެ ޖަލްސާގައި ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ ހުރިހާ މެންބަރުން ހިމަނައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް އަންގާފައި ވެއެވެ. އަދި މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ގަވައިދުން ކުރިއަށް ގެންދިޔުމަށް ވެސް އަމުރުގައި ވެއެވެ. ނަމަވެސް މަޖިލީހުގެ ރައީސް ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި މިދިޔަ ހޯމަ ދުވަހަށް އެޖެންޑާ ކޮށްފައިވާ ޖަލްސާ ކެންސަލް ކޮށްފަ އެވެ. ޖަލްސާ ބާއްވާނެ ވަކި ތާރީހެއްވެސް މަޖިލީހުގެ ރައީސް ހާމަކޮށްފަ އެއްނުވެ އެވެ.
ސަރުކާރުން ވަނީ ސުޕްރީމް ކޯޓުން އެދުވަހު ނެރުނު އަމުރަށް ތަބާ ނުވެ އަމުރު ތަންފީޒު ކުރަން ދެކޮޅު ހަދާފަ އެވެ. އަދި ރޭ ވަނީ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރުގެ އެއްބައި ބާތިލް ކޮށްފަ އެވެ. އެ އަމުރުގައި މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމި ނިންމުން ބާތިލްކޮށްފައެއް ނުވެ އެވެ.
ގިނަ ބައެއްގެ އެންމެ ބޮޑު ސުވާލަކަށް ވެފައިވަނީ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި މަޖިިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމި ނިންމުން ބާތިލް ކޮށްފައި ނުވުމުން ގޮނޑިއާމެދުވީ ކިހިނެތް ހެއްޔެވެ؟ ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީ ގައި ނެރުނު އަމުރުގައި ހިމެނޭ ގޮނޑި ނުގެއްލޭ ކަމަށް ނިންމި ނިންމުމަކީ ސައްހަ ނިންމެމެއް ކަމަށް ސުޕްރީމް ކޯޓުންވެސް އަދި ސަރުކާރުންވެސް އެކަން ބަލައިގަތީ ހެއްޔެވެ؟ ސަރުކާރުން އެކަން ރަސްމީ ހައިސިއްޔަތެއްގައި ބަލައި ގެންފައި ނުވާތީވެ މިކަމާމެދު މިވަނީ ދޭނެ ޖަވާބެއް ނެތި ސުވާލެއްގެ ތެރޭގައި އެވެ.
އެކަމާ ގުޅޭގޮތުން ދެކޮޅުންވެސް ދަނީ ބަހުސް ކުރަމުންނެވެ. އެގޮތުން އިދިކޮޅުގެ ފަރާތުން ގަބޫލު ކުރާ ގޮތުގައި އެބޭފުޅުންގެ ގޮނޑި ގެއްލުނު ކަމަށް މީގެ ކުރިންވެސް ގަބޫލު ނުކުރާ ކަމަށެވެ. ސުޕްރީމް ކޯޓުން މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމި ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށެވެ. އަދި އެއަށް ސަރުކާރުން ތަބާވާން ޖެހެ އެވެ.
އެކަމާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ، މެންބަރުންނަށް އަބަދުވެސް މަޖިލީހަށް ވަދެވޭނެ ކަމަށާއި އެކަން ސުޕްރީމް ކޯޓުުގެ ހުކުމުންވެސް ވަރަށް ސާފު ކަމަށެވެ. އަދި ވިދާޅުވީ، މަޖިލީހަށް ނުވަދެވޭނެ އެއްވެސް ހާލަތެއް އަންނާނެ ކަމަކަށް މިހާރު ގަބޫލު ނުކުރާ ކަމަށާއި މަޖިލީހަށް ވަންނަން މަނާ ކުރެވޭނެ އެއްވެސް ބަޔަކު މިހާރު ނުތިބޭނެ ކަމަށެވެ. ކުރިންވެސް އަދި މިހާަރު ވެސް މަޖިލީހަަށް ނުވަދެވޭނެ ހާލަތެއް އޮވެގެން ނުވާނެ ކަމަށް އަމީތު ވިދާޅުވި އެވެ.
އަމީތު ވިދާޅުވީ، ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ސަރުކާރުން ތަބާވާން ޖެހޭ ކަމަށާއި އެ ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށެވެ. އަދި މަޖިލީހަށް މެންބަރުން ވަނުމަށް ސަރުކާރުން ހުރަސް އަޅާ އެޅުން ހުއްޓާލަން ޖެހޭ ކަމަށާއި އެކުރެވެނީ ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ. އެފަރާތްތަކާ ގާނޫނު އަރާ ހަމަކުރާނެ ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.
"އަބަދުވެސް މަޖިލީހަށް ވަދެވޭނެ، އެއްޔެވެސް މިއަދުވެސް އަޅުގަނޑުމެންނަކީ މަޖިލީހުގެ މެންބަރުން، ސުޕްރީމް ކޯޓުުގެ ހުކުމުންވެސް އެކަން ވަރަށް ސާފު، ސެކިއުރިޓީ ފޯސްތަކުން މީގެ ކުރިންވެސް ހުރަސް އެޅި، އެހެންވީމަ ކުރިއަށް އޮތް ތަނުގައިވެސް ހުރަސް އެޅުން އެކަށީގެންވޭ، އެކަމަކު ހުރަސް އެޅުމުގެ އެއްވެސް ހައިސިއްޔަތެއް އޮވެގެން ނުވާނޭ، ކުރިންވެސް އެކަން ކުރީ ޣައިރު ގާނޫނީ ގޮތުން ދެންވެސް އެކަން ކުރަން ޖެހޭނީ ގާނޫނާ ހިލާފަށް، ހުރަސް އަޅާ ފަރާތްތަކާ ގާނޫނު އަރާ ހަމަ ކުރާނެ، ގާނޫނު ތަންފީޒު ކުރާ އެއްވެސް ފަރާތަކަށް ހުރަހެއް ނޭޅޭނެ، ގާނޫނަށް ވުރެ އެކަކުވެސް މައްޗެއް ނުވެވޭނެ،" އަމީތު ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާތަކަށް މެންބަރުން ވާއްދާނެ ކަމާމެދު ބޮޑު ސުވާލެއް އުފެދިފައިވާ އިރު ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރުގައި ސޮއި ކުރެއްވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު، ވަކި ގޮތަކަށް ހުކުމް ނެރުމަށް އެތައް މިލިއަން ރުފިޔާއެއް ނަގާފައިވާ ކަމަށް ފުލުހުން ވަނީ ތުހުމަތު ކޮށްފަ އެވެ. އެއާއެކު ސަރުކާރާއި އެއްކޮޅު މެންބަރުން ދަނީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ސައްހަކަމާމެދު ސުވާލު އުފައްދަމުންނެވެ.
އެގޮތުން ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ، ސުޕްރީމް ކޯޓުން މީގެ ހަމަސް ކުރިން އެންމެ ފުރަތަމަ ނެރުނު އަމުރަކީ ސައްހަ އަމުރު ކަމަށާއި އެއީ ފޮލޯ ކްރޮސް ކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ނިންމި އަމުރު ކަމަށެވެ. އެ އަމުރު ބަލައިގަންނަ ކަމަށާއި ފަހުން 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުއްލި އަކަށް ނެރުނު އަމުރު ބަލައިގަންނަން ދަތިވާ ކަމަށް ނިހާނު ވިދާޅުވި އެވެ.
"ކުއްލި އަކަށް 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަަމަށް ނިންމި ނިންމުމަކީ ބަލައިގަންނަން ދަތި މައްސަލައެއް، އެކަން އެގޮތަށް ނިންމީ ކީއްވެގެން ކަން އެދަނީ ބަލަމުން، އެއީ އެ އަމުރުގައި ސޮއި ކުރި ދެ ފަނޑިޔާރުންގެ ރިޝްވަތުގެ މައްސަލަތަކާއި ޖިނާއީ މައްސަލަތަކެއް ފުލުހުން ބަލަމުންދާތީވެ، ރޭ ނެރުނު އަމުރުގައި އިސްލާހު ކުރީ އެއިރު އޭޖީ ހުށަހަޅުއްވާފައިވާ މައްސަލަތައް، ނަމަވެސް މެންބަރުންގެ މައްސަލަވެސް ސަރުކާރުން ބަލައި އެކަންވެސް ހުށަހަޅާނެ ކަމަށް ބެލެވޭ، ސުޕްރީމް ކޯޓުން ނިންމާނެ ނިންމުމެއް ނުއެއް އިންގޭ، ކުރިއަށް އޮތް ދުވަސްތަކުގައި ވާނެ ގޮތެއް އަދި ބުނާކަށް ނޭންގެ،" ނިހާން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ފްލޯ ކްރޮސް ކުރާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކުރި ހުކުމަށް ހަ މަަހަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށް އެ މައްސަލަ ބާތިލް ކުރިއިރު، އެމުއްދަތުގައި ރައްޔިތުން މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ބުނެ އެ މެންބަރުން މަޖިލީހަށް ނުވެދެވޭ ގޮތަށް ވަނީ ތަޅުއަޅުވާފަ އެވެ. ސުޕްރީމް ކޯޓުން ފަހުން އިއްވި ހުކުމާއެކު މެންބަރުން މަޖިލީހަށް ވަދެވޭނެ ކަަމަށް ވިދާޅުވި އަމީންއާންމް މަގާމުން ދުރުވެފައި ވުމުން އެކަން ސައްހަވާނެ ހެއްޔެވެ؟ އެންމެ އަވަހަށް މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ދުވަހަކުން އެ 12 މެންބަރުންނަށް ވަދެވޭނެ ގޮތް ވެދާނެ ކަމާމެދު އަދިވެސް އޮތީ ބޮޑު ސުވާލެއްގެ ތެރޭގައި އެވެ. އެތައް ރައްޔިތުން ތަކެއްގެ އަޑު ކަނޑުވާލައި އެތަކެއް ހައްގު ތަކެއް ގެއްލުވާލާފައި ވުމީ ރައްޔިތުން ނުހަނު ކަންބޮޑުވާ މައްސަލަ އެކެވެ. އެހެން ކަމުން ގިނަ އަދަދެއްގެ ރައްޔިތުން ތިބީ ސަރުކާރުން އެކަމާމެދު އަވަހަށް ގޮތެއް ނިންމާނެ ކަމުގެ އުންމީދުގައި އެވެ.