ވާހަކަ

ބުނެދޭށޭރުހެމޭ

(6 ފެބްރުއަރީ 2018 އާ ގުޅޭ) -- "އަޅުގަނޑު ކީއްވެތަ މަރުނުވީ؟ އެ ކުއްޖާގެ ބަދަލުގައި އަޅުގަނޑު މަރުވިނަމަ..." ކުއްލިއަކަށް ނިމްރާގެ އަނގަމަތީ ރަޒިއްޔާ އަތްއެޅިއެވެ.

"ސުބްޙާނައްﷲ!... ތިފަދަ ވާހަކައެއް ދައްކަން ހެޔޮ ވެސް ނުވާނެ. ފުރާނަ ގެންދެވާނީ އެ ފުރާނަ އެޅުއްވި ރަސްކަލާނގެ... އަހަރެމެންނަށް އޮތީ ވަގުތު ޖެހެންދެން ﷲގެ މަގުގައި ސާބިތުވެ ތިބުން. އަމިއްލައަށް މަރުވާން ހިތަށް އަރުވައިގެން ވެސް ނުވާނެ. އެއީ ބޮޑު ފާފައެއް... ދަރިފުޅު އެކަހަލަ ކަމެއް ނުކުރައްޗޭ. މާމައަށް ކައްވަޅުގައި ވެސް ނޯވެވޭނެ ދަރިފުޅު އެކަހަލަ ކަމެއް ކޮއްފިނަމަ" ނިމްރާގެ ސިކުނޑިއަށް މަރުވުމުގެ ޚިޔާލު ވަނީތީ ހައިރާންކަމަށްވުރެ ރަޒިއްޔާ ހުރީ ބިރުގަނެ ކަންބޮޑުވެފައެވެ. ނިމްރާގެ ވާހަކަދެއްކުމުގެ ރާގު ވެސް މުޅިން ބަދަލުވެއްޖެކަން ރަޒިއްޔާއަށް ފާހަގަކުރެވުނެވެ. ރަޒިއްޔާގެ ނަޞޭޙަތާއެކު އިތުރަށް ނިމްރާ ފެށި މައުޟޫޢާގެން ކުރިއަށް ނުދިޔަ ނަމަވެސް އޭނާ ރުއިން ހުއްޓައެއް ނުލިއެވެ. އެންމެފަހުން އެ ކޮޓަރިން ރަޒިއްޔާ ނުކުތެވެ.

"ޑަކްޓަރު ކޮބައިތޯ؟" ނިމްރާ ބާއްވާފައި އޮތް ކޮޓަރިން ނުކުމެ ހެނދުނު އަށްގަޑި ބަޔަށް ޑިއުޓީއަށް ނުކުތް ކުއްޖާ ކައުންޓަރު ދޮށުގައި އިންދާ ފެނިގެން އޭނާގެ ގާތުން ރަޒިއްޔާ އެހިއެވެ. އޭނާ މަޑުކޮށްލުމަށް ރަޒިއްޔާގެ ގާތުގައި ބުނެފައި ފޯނުކޯލެއް ކުރާން އަވަސްވިއެވެ. އެއާއެކު ގިނައިރެއްނުވެ ނިމްރާ ބެލި ޑަކްޓަރާއެކު ފެނުނު ދެވަނަ ޑަކްޓަރު އައިސް ރަޒިއްޔާގެ ގާތުގައި މަޑުކޮށްލިއެވެ.

"ޑަކްޓަރ ލޫކަން ގެއަށް ދުރުވީ އަޅުގަނޑާ ހަވާލުކޮށްފައި. އަޅުގަނޑަށް ކިޔަނީ ޒޭން... ކިހިނެއްތޯވީ؟" ރަޒިއްޔާގެ މޫނުމަތީގައިވާ އަސަރުތައް ދެނެގަންނަމުން ޒޭން ވާހަކަދެއްކިއެވެ.

"ނިމްރާ ހަމަ ރޮނީ... އޭނާއަށް ނިދޭނޭ ކަހަލަ އިންޖެކްޝަނެއް ނޫނީ ބޭހެއް އެއްޗެއް ނުދެވޭނެތަ؟ ހީވަނީ އެކްސިޑެންޓާ މެދު މާބޮޑަށް ވިސްނަނީހެން. ޑަކްޓަރ... އަޅުގަނޑުގެ ހުރިހާ ވެސް މީހަކީ އެ ދަރިފުޅު... މަރުވާ ވާހަކަ ވެސް ދައްކަނީ. ދެން ކިހިނެއްތޯ އަޅުގަނޑު ހަދާނީ... މިވަގުތު އެ ކުއްޖާއަށް ނަޞޭޙަތެއް ދިނަސް ހިޔެއްނުވޭ ޤަބޫލުކުރާނެހެން" ރަޒިއްޔާ ވާހަކަދެއްކީ ކަންބޮޑުވެފައި ހުރެއެވެ.

ރަޒިއްޔާގެ ވާހަކަ އަޑުއެހުމަށްފަހު ނިމްރާ ބާއްވާފައި އޮތް ކޮޓަރިއަށް ޒޭން ވަނެވެ. އޭނާ އައިސް ނިމްރާގެ ހާލު ބެލިއެވެ. ޒޭންގެ އަތުކުރީގައި އަޅާފައި އޮތް ގަޑިއަށް ބަލާލީ ތަދަށް އިންޖެކްޝަން ޖަހާފައި އޮތްއިރު އަދި އޭގެ އަސަރު ކެނޑޭހާ އިރު ނުވާކަން ޔަގީން ކުރުމަށެވެ. އެހެންވީމާ ނިމްރާ އެ އުޅެނީ ތަދުވާތީ ނޫންކަން ޒޭނަށް ޔަގީންވެއެވެ. އަދި ފަރުވާތެރިކަމާއެކު ނިމްރާއަށް ބަލާލިއެވެ. އޭނާއަށް ނުބަލަންވެގެން ކަހަލަ ގޮތަކަށް މޫނު އަނބުރާލައިގެން އޮތްއިރު ރޮއެރޮއެ އެ ދެ ލޮލުގައި ދުޅަކަމެއް އެކުލެވިފައި ވާކަން ޒޭނަށް ފާހަގަ ކުރެވުނެވެ. ނިމްރާގެ ސިކުނޑިއަށް ބާރުކުރާ ވަރަކަށް އޭނާގެ ހާލު ގޯސްވެދާނޭ ޒޭނަށް ވެސް ހީވީއެވެ. އެހެންވެ އެ ކޮޓަރިން ނުކުމެގެން ގޮސްފައި އެނބުރި އައިސް ނިމްރާގެ ގަޔަށް އިންޖެކްޝަންއެއް ޖެހިއެވެ. އެއީ ކީއްކުރާ އިންޖެކްޝަނެއްތޯ އާއި އެތަނަށް ދެވަނަ ފަހަރަށް ޑަކްޓަރެއް އައީ ކީއްކުރަންތޯ ވެސް އޮޅުން ފިލުވާކަށް ނިމްރާ ނޫޅުނެވެ. ޒޭން ނުކުމެގެން ދިއުމުގެ ބަދަލުގައި ރަޒިއްޔާއާއެކު އެ ކޮޓަރީގައި މަޑުކޮށްލައިގެން ހުރީއެވެ.

ރޮވި ގިސްލެވިފައިވާ ނިމްރާގެ ދެ ލޮލަށް ބަރުވާން ފެށިއެވެ. އަމިއްލަ އިޚުތިޔާރެއްނެތި ދެ ލޯ މެރޭ ގޮތް ވިއެވެ. މަޑުމަޑުން އެ ހަށިގަނޑުގެ ބާރު ނެތިގެން ދިޔަ ކަހަލައެވެ. ފުން ނިންޖެއް ނިމްރާގެ ބުއްދި ހިޞާރުކޮށް އޭނާއަށް ހަމަޖެހުން ގެނެސްދީފިކަން ޔަގީން ވުމުން، ރަޒިއްޔާ މަޑުމަޑުން ނިމްރާގެ ބޮލުގައި ފިރުމާލައި ގައިމަތީ އޮތް ފޮތިގަނޑު ރަނގަޅު ކޮއްލިއެވެ.

"ދައްތަ ރޭގައި އައިގޮތަށް ދޯ ތި އިންނަނީ" ރަޒިއްޔާގެ ހަރަކާތްތަކަށް ބަލަން ހުރެފައި ޒޭން އަހާލީ މަޑުމަޑުންނެވެ. އެއާއެކު ރަޒިއްޔާ ބޯޖަހާލިއެވެ.

"އެއްޗެއް ކާލަންވީނު. ގެނެސްދެންތަ؟" ރަޒިއްޔާގެ ހާލު އެނގިހުރެ ޒޭން އަހާލިއެވެ.

"ނަމާދުކޮއްލެވޭނޭ ގޮތެއް ވެދާނެތަ؟" ރަޒިއްޔާ ބުނެލިއެވެ. އެއާއެކު ޒޭންގެ ތުންފަތުން ލުއި ހިނިތުންވުމެއް ފާޅުވިއެވެ. އޭނާ ބޯޖަހާލުމާއެކު ރަޒިއްޔާއަށް އިޝާރާތްކޮއްލީ އޭނާއާއެކު އައުމަށެވެ.

ރަޒިއްޔާ ގޮވައިގެން އައިސް ހުސްކޮށް ހުރި ކޮޓަރިއެއް ދައްކާފައި އެ ތަނުގައި ނަމާދުކޮށްލުމަށް ބުންޏެވެ. އަދި ރަޒިއްޔާ ނަމާދުކޮށްގެން އަންނަން ދެން ނިމްރާގެ ގާތުގައި ޒޭން މަޑުކޮށްލާނަން ކަމުގެ ޔަގީންކަން ދިނެވެ. ހެނދުނުގެ އެ ވަގުތަކީ އާންމުކޮށް ވެސް ބަލިމީހުން ވަރަށް މަދުން އަންނަ ގަޑިއެކެވެ. ކުލިނިކުގައި އެންމެ ބާރުބޮޑުވާނީ މެންދުރުފަހާއި ބައެއް ރޭރޭގެ އިރާކޮޅެވެ. ރަޒިއްޔާ ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ބަދަލުކޮށްލުމުން ޒޭން އެނބުރި އައީ ނިމްރާގެ ކޮޓަރިއަށެވެ. އެނދު ކައިރީ ހުރި ގޮނޑި ނިމްރާގެ ފައިކޮޅާ ދިމާގައި ބަހައްޓާ އޭގައި ޒޭން އިށީނެވެ. ކަނާތުފައި މައްޗަށް ވައަތުފައި އަރުވާލާ ހުރަސްކޮށްލާފައި އަރިއަކަށް ޖެހިލާ ގޮނޑީގެ އަތްގަނޑުގައި ކަނާއަތުގެ އުޅަންބޮށިކޮޅު ޒޭން ވިއްދާލިއެވެ. އަދި އެ އަތުގައި ދަތްދޮޅި އަޅުވާލައިގެން އިނދެ ނިމްރާއަށް ބަލަމުން ދިޔައެވެ. އެކްސިޑެންޓު ހިނގައިދިޔަ ގޮތް ލޫކަން ވަނީ ޒޭނަށް އޮޅުން ފިލުވައިދީފައެވެ. ނިމްރާގެ ސައިކަލުން ހިނގި އެ އެކްސިޑެންޓުގައި ގެއްލުންވި ދެވަނަ އަންހެންކުއްޖާ ސަލާމަތް ކުރާން އެމީހުން ވަރަށް މަސައްކަތް ކުރިއެވެ. ޒޭން ވެސް އެމަޖެންސީކޮށް ކުލިނިކަށް އަންނަން ޖެހުނީ އެހެންވެއެވެ. އެ ދެ ފުރާނަ ވަކިވެގެން ދިޔައީ ޒޭންގެ ވެސް ކުރިމަތީގައެވެ.

"ގެޓް ބެޓާ... އެންޑް ލާން ފްރޮމް ޔޯ މިސްޓޭކްސް... މަރުވާންވީކީ ނޫން. ހިތްވަރާއެކު ދިރިހުންނަން މަސައްކަތް ކުރަންވީ" މަޑުމަޑުން ޒޭން ބުނެލިއެވެ. އެ އަޑު ނިމްރާއަށް ނީވޭނޭކަން ޒޭންއަށް އެނގެއެވެ. އެހެންވިޔަސް ނިމްރާ ގާތު އޭނާ ބުނަން ބޭނުންވި ބަސްތައް ދުލުން ބޭރުކުރީއެވެ.

ރަޒިއްޔާ އައި އިރު ވެސް ޒޭން އިނީ އޭނާ އިން ގޮތަށެވެ. ރަޒިއްޔާ ފެނުމުން ޒޭން ތެދުވެ އިށީނދެ އިން ގޮނޑި ދެއްކިއެވެ. އަދި ރަޒިއްޔާއަށް ކާލާނޭ އެއްޗެހި ގެނެސްދިނެވެ. ރަޒިއްޔާ ގާތުގައި އިރު ކޮޅަކު މަޑުކޮށްލާ ނިމްރާއާ ބެހޭ ބައެއް ކަންކަން ޒޭން އޮޅުން ފިލުވިއެވެ. ނިމްރާގެ އުޅުން ހުންނަ ގޮތާ މެދު އެވެ.

"ނިމްރާއަކީ ގޯސް ކުއްޖެއްނޫން.... ވިޔާނުދާ ޚިޔާލުތަކުގެ ކުއްޖެއްނޫން. އޭނާ ހުންނަ ގޮތުން މީހުންނަށް ހީވެދާނެ ރަށުތެރެއަށް ގިނަވެގެން އުޅޭ ކަހަލަ ކުއްޖެކޭ އެއީ... އަޅުގަނޑަކީ މާމަ. ނިމްރާގެ ބައްޕަގެ މަންމަ. ނިމްރާގެ ބައްޕަ މަރުވެއްޖެ އޭނާ ކުޑައިރު. ނިމްރާ ނިކަން ބަސްއަހާނެ. ފުރާވަރަށް އެޅުނު ފަހުން އޭނާ މުޅިން ހެދުން އެޅުމުގެ ވައްޓަފާޅި ބަދަލުކޮށްލީ. މިޒަމާނުގެ ކުދީން އެހާ ހިފަހައްޓައިގެން ވެސް ނުގެންގުޅެވޭނެ... ނޫންތަ!. ފުރާވަރަށް އެޅުނީސްސުރެ ނިމްރާގެ ރައްޓެހިންނެއް ނުތިބޭ. ކީއްވެކަމެއް އަޅުގަނޑަކަށް ނޭނގެ. ވަރަށް ސުވާލުކުރަން އެކަމާ ގުޅިގެން. ކުދީންނާ އެކުވެގެން އުޅޭން ނިމްރާއަށް ނޭނގެނީކަމަށް ވެސް ވެދާނެ. އަޅުގަނޑުމެންގެ ތެރޭގައި އެކަނި ހުރެ ބޮޑުވީމާ ކަމަށް ހީކޮށްލައިގެން ހުންނަނީ" ނިމްރާއާ ބެހޭގޮތުން ރަޒިއްޔާ ވާހަކަދައްކަމުން ދިޔައި އިރު އެ މޫނުމަތިން މަސްހުނި އަސަރުތަކެއް ފާޅުވިއެވެ. އެއްފަހަރު ހިނިތުންވެލައިފިނަމަ އަނެއްފަހަރު މާޔޫސްކަން ވެރިވެއެވެ. ކަންބޮޑުވުމާއެކު ތިރީ ތުންފަތުގައި ދަތްއަޅާލައެވެ. ޒޭންގެ ނަޒަރު ރަޒިއްޔާއާއި ނިމްރާއާ ދެމެދު ބަދަލުކުރަމުންދިޔައެވެ. އޭރު އޭނާގެ ސިކުނޑީގައި ވަރަށް ގިނަ ޚިޔާލުތައް ބުރުޖަހަމުންދިޔައެވެ. އެއްފަހަރު ވެސް ނިމްރާގެ މަންމަގެ ވާހަކަ ރަޒިއްޔާ ނުދެއްކީތީ އެކަން ފާހަގަ ކުރެވުނެވެ.

"ދައްތަ ކަމެއް ބޭނުންވެއްޖެނަމަ ކައުންޓަރުގައި އިން ކުއްޖާ ގާތު ބުނެލާ. އަޅުގަނޑު ޑިއުޓީގައި އުޅޭނަން މެންދުރު ވަންދެން" ރަޒިއްޔާގެ ވާހަކަ ނިންމާލުމުން އިރުކޮޅަކު މަޑުކޮށްލާފައި ޒޭން ބުނެލިއެވެ. އަދި ފަޓުލޫނުގެ އަރިމަތީ ޖީބަށް ދެއަތް ކޮއްޕާލައިގެން ހުރެފައި ނަގާ މިނިވަންކޮއްލިއެވެ. މަޑު ހިނގުމުގައި ގޮސް އެ ކޮޓަރިން ނުކުމެ ދޮރު ލައްޕާލިއެވެ.

* * * *

އެކްސިޑެންޓު ހިނގިތާ ދެވަނަ ދުވަހުގެ މެންދުރުފަހު ވަގުތުގައި ޑަކްޓަރ ލޫކަންއާއި ޑަކްޓަރ ޒޭން އައިސް ނިމްރާ ބަލާފައި ގެއަށް ދޫކޮށްލުމަށް ނިންމިއެވެ. އެހެންނަމަވެސް ފުލުހުން ކުރާ ތަޙުޤީޤުގެ ޚަބަރެއް ނުވެއެވެ. ނިމްރާ އިހުނަށްވުރެ ހަމަޖެހިފައި ހުރިހެން ރަޒިއްޔާއަށް ހީވާތީ އޭނާ ވެސް ފެންނަނީ ހިތްހަމަޖެހިފައި ހުރި މީހަކު ފަދައިންނެވެ. ފްރަކްޗަރގެ ސަބަބުން ރަނގަޅަށް ފައި ނޭޅޭ ނިމްރާ ދަނޑިގަނޑުގެ އެހީގައި ކުލިނިކުން ނުކުންނަން ހިނގައިގަތެވެ. އޭނާއަށް އެހީވުމުގައި ޑަކްޓަރު ލޫކަން ހުއްޓެވެ. ރަޒިއްޔާއާއި ނިމްރާ ނުކުތުމަށް ކުލިނުކިގެ ދޮރު ހުޅުވާލަ ދީގެން ޒޭން ހުއްޓެވެ. ދޮރުމަތީ އޮތް ޓެކްސީއަށް ރަޒިއްޔާއާއި ނިމްރާ އެރިއެވެ. ލޯމަތިން ޓެކްސީ އޮބާލުމާއެކު ޒޭން ބަލާލީ ލޫކަންއަށެވެ.

"ލޫކް! ޔޫ ޝުއަރ އަބައުޓް އިޓް" ޒޭން އަހާލިއެވެ. އެއާއެކު ދެބުމަ ކައިރިކޮށްލައިގެން ހުރެ ލޫކަން ވެސް ބޯޖަހާލީ ޒޭނަށް އިތުރަށް ޔަގީންކޮށްދޭށެވެ.

"އޯ ގޯޑް!" ބޮލުގައި ރިއްސައިގަތް މީހަކު ފަދައިން ޒޭންގެ ދެއަތްތިލައިގެ އިނގިލިތައް މަހާލާ ފުއްކިބައިގައި އަޅުވާލިއެވެ. އަދި ޓެކްސީ ދިޔަ ދިމާއަށް އަނެއްކާ ވެސް ބަލާލާ ތިރީތުންފަތުގައި ޒޭން ދަތްއަޅާލިއެވެ.

* * * *

ރާދިން ދުވެފައި އައިސް އަރްސަލްގެ ކޮޓަރީގެ ދޮރު ހުޅުވާލީ އިވިގެން ދިޔަ ބާރު ހަޅޭކުގެ އަޑުންނެވެ. އޭނާއަށް ފެނުނީ ސަޖިދައިގައި އޮތް މީހަކު ފަދައިން ކުރުގެޅިގެން އެނދުމަތީ އަރްސަލް އޮތްތަނެވެ. ކޮޓަރިތެރެއަށް ވަންނަން ފައި ނަގާފައި ވެސް ރާދިންގެ ލޮލުގައި އަޅައިގަތީ ފިލާ ތަޅުމުގެ މަތީ ހުރި ގަހަނާ ފޮއްޓެވެ. ދެން ފެނުނީ ހުޅުވާލާފައި ހުރި އަލަމާރިއެވެ. އޭގެ ކައިރީ ހުޅުވާލާފައި އޮތް ކަޅުކުލައިގެ ޑަސްޓްބިން ކޮތަޅެވެ. ހަލުވިކޮށް ރާދިން އައިސް ގަހަނާ ފޮށި ނަގާ ރީތިވާ މޭޒުމަތީ ބެހެއްޓިއެވެ. އަދި އަވަހަށް އެކުވެރިޔާގެ ގާތަށް އައެވެ.

"އަރްސަލް... ތެދުވެބަލަ... އަހަންނަށް އެނގޭ އަރްސަލްއަށް ކުރަން ފަސޭހައެއްނުވާނެކަން" އެކުވެރިޔާގެ ކޮނޑުގެ ދެފަރާތުން ހިފަހައްޓާލާ ބާރުކޮށްލަމުން ރާދިން ބުންޏެވެ.

އަރްސަލްގެ ހާލު ރަނގަޅުވާނޭ ކަމުގެ އެއްވެސް އާލާމާތެއް ރާދިންއަށް ނުފެނެއެވެ. އޭނާ ކަންބޮޑުވަނީ އެހެންވެއެވެ. ތަޖުރިބާއަކީ ތިމާ ކުރިމަތިލާ ކަންކަމުން ލިބޭނޭ އެއްޗެކެވެ. މިފަހަރު ދުނިޔެ ކުރިމަތި ކުރުވާފައި އެ ވަނީ މީގެ ކުރީން ހިތަށް ވެސް ނާރާ ފަދަ އިމްތިހާނަކާއެވެ. ހަދާނޭ ގޮތެއް ނޭނގި ސިކުނޑި ގާނަމުން ދަނިކޮށް ރާދިންގެ ޟަމީރު ހަނާ އަޅާލިއެވެ. ނަމަވެސް އޭނާގެ ހިތް އެކަމާ މުޅިއަކުން އެއްބަހެއް ނުވިއެވެ. އިތުރު ގޮތެއް އޮތްތޯ އަނެއްކާ ވެސް ވިސްނުން ހިންގުނީ އެހެންވެއެވެ. ވިސްނުމުގެ ތެރެއަށް ގެއްލި ރާދިން ހުއްޓާ އަރްސަލް ފުންމައިގެން ތެދުވެއްޖެއެވެ. އޭނާ ރާދިންގެ އަތް ފޮޅުވާލާފައި ގޮސް ފާޚާނާއަށް ވަނެވެ. ބޯހާސްވެގެން އިސްތަށިގަނޑުގައި ރާދިންއަށް އަތްހާކާލެވުނެވެ.

"އޯކޭ ފައިން... ނޯ ޗޮއިސް... އަރްސަލްއަށް ޓަކައި ކޮންމެ ކަމަކަށް ވެސް ކެތްކުރެވިދާނެ" ހިތާހިތާ ރާދިން ބުނެލީ ނިކަން ވަރުގަދަ ޢަޒުމެއްގައެވެ. އަދި ޖީންސުގެ ޖީބުން ނެގި އައިފޯނު ހުޅުވާލާ ނަންބަރަކަށް ގުޅާލިއެވެ. ފޯނުގެ އަނެއްކޮޅުން ކޯލަށް ޖަވާބު ދިނުމާއެކު ރާދިން ނުކުތީ އަރްސަލްގެ ކޮޓަރިން ބޭރަށެވެ.

"އަރްސަލް! އޯޕަން ދިސް ޑޯ... ނައު" ފާޚާނާ ތަށިމަތީގައި އިށީނދެލައިގެން ރޯން އިން އަރްސަލްއަށް ކުއްލިއަކަށް ދޮރާ ދިމާއަށް ބަލާލެވުނެވެ. އޭނާއަށް އެ އިވުނީ ރާދިންގެ އަޑެއް ނޫނެވެ. ދެވަނަ ފަހަރަށް ވެސް އެ މީހަކު ބުނި އެއްޗެއް ތަކުރާރު ކުރިއެވެ. އެއީ އަންހެން އަޑެކެވެ.

"ރާދު! ދޮރުގެ ކީ ގެނޭ..." ނިކަން ބާރަށް ދޮރުގެ އަނެއްފަރާތުގައި ހުރި އަންހެނަކު ބުނި އަޑު އަރްސަލްއަށް އިވުނެވެ. އެއާއެކު އަރްސަލް އިންތަނުން ތެދުވެ މޫނު ދޮންނަ ތަށި ކައިރިއަށް ޖެހިލިއެވެ. ގުދުވެލާ އިސްކުރުން ފޭބި ފެނުން މޫނު ދޮވެލިއެވެ. އަދި ތެދުވެ ލޯގަނޑުން މޫނު ބަލާލާފައި އެއްފަރާތުގައި ހުރި ޓިޝޫ ރޯލުން އަތްތިލައަށް ދެތިން ފަހަރު އޮޅާލާފައި ނައްޓާލި ޓިޝޫތަކުން މޫނު ފުހެލިއެވެ.

"ކީފާ!..." ފާޚާނާއިން ނުކުތްއިރު ކޮޓަރީގައި ހުރި ކީފާ ފެނުމުން އަރްސަލްއަށް ފުރަތަމަ ލިބުނީ ހައިރާން ކަމެވެ. ކީފާއަކީ އަރްސަލްއާއި ރާދިންއާއެކު އެއް އަހަރެއްގައި އޭލެވެލް ހަދާ އޭގެ މައްޗަށް އެކުގައި ކިޔަވަން ދިޔަ ރައްޓެއްސެކެވެ.

"ކީއްކުރަން ތި އައީ؟" އިރުކޮޅަކު ކީފާއަށް ބަލަން ހުރެފައި އަރްސަލް ބުނެލީ ހިތްހަމަނުޖެހިގެން ބުނެލާހެނެވެ.

"އަހަރެން..." ރާދިން ހަޤީޤަތް ހާމަ ކުރަން އުޅުނު ހިނދު އެކަން ހުއްޓުވީ ކީފާއެވެ.

"އަހަންނަކީ އަރްސަލްއަށް އާ މީހެއްނޫން. މިވަގުތު ރައްޓެހިންގެ އެހީތެރިކަން ބޭނުންވާނެ. އަރްސަލް ބޭނުންނުވިޔަސް އަހަރެން މި ހުރީ އަރްސަލްއަށް ޓަކައި އައިސް" ކީފާގެ ވާހަކަދެއްކުމުގައި ސާބިތުކަމުގެ އިތުރުން އޯގާތެރިކަން ވެސް ވިއެވެ.

"އަހަރެންގެ ރައްޓެހިން އަހަރެންގެ ކައިވެނީގައި ބައިވެރިވި. އަހަރެންގެ ރައްޓެހިން އަހަރެންގެ އަނބިމީހާއާއި ދަރިފުޅު ވަޅުލާފައި އަހަރެން ނުކުންނަން ދެން މަޑުކުރި. އަހަރެންގެ ރައްޓެހިން ކައިވެންޏަށްފަހު ވެސް އަހަރެންގެ ހާލު ބަލަން އާދޭ. މިއަދުތަ ކުއްލިއަކަށް ހަނދާންވީ އަހަރެންމީ ކީފާގެ ރައްޓެއްސެއްކަން" އަރްސަލްގެ ބަސްތަކުން ކީފާގެ މޫނުގެ ކުލަ ފަނޑުވިއެވެ. އިސްޖަހާލާފައި ފުންނޭވާއެއް ދޫކޮށްލި ގޮތުން ހީވީ އަރްސަލްގެ ވާހަކަތަކަށް ޖަދަލުކުރަން ކީފާ ބޭނުންނުވާ ހެނެވެ.

"ޖަސްޓް ލިސްން... ކާމް ޑައުން... ތި އުޅެނީ މޮޔައަކު އުޅޭހެން. ލޫން ބޭނުންވާނެތަ އަރްސަލް ތިހެން އުޅެން" ކީފާ މަޑުމައިތިރިކަމާއެކު ވާހަކަދެއްކިއެވެ. އަދި އަރްސަލްގެ ގާތަށް އައިސް އޭނާގެ ވައަތްތިލާގައި ދެއަތުން ހިފާލައި އެ ދެ ލޮލަށް ބަލާލީ އާދޭސްކުރާ ފަދައިންނެވެ. ނަމަވެސް އަރްސަލް ނިކަން އަވަހަށް ކީފާގެ އަތް ފޮޅުވާލިއެވެ.

"ލޫންއާ އެއްފަހަރު ވެސް ދިމާވިތަ؟ ޔޫ ޑޯންޓް ނޯ ހާރ... ލޫން ބޭނުންވާ ގޮތެއް ބުނާކަށް ކީފާއަކަށް ނޭނގޭނެ" އަރްސަލްގެ އަޑުގައި ހުރި ހަރުކަށިކަމަކީ ނުރުހުންތެރިކަމެއްނޫންކަން ކީފާއަށް ޤަބޫލުކުރެވެއެވެ. އޭގެ ބަދަލުގައި އަރްސަލް އެ ކުރަނީ ޝަކުވާއެވެ. އެންމެ ގާތްކޮށް އުޅެފައި އަރްސަލް ދިރިއުޅުމެއް ފެށުމުން އޭނާއާ ދުރަށް ދިޔަ ކަމުގެ ޝަކުވާއެވެ. ކީފާ އައިސް އެ ހުރީ އެ ޝަކުވާއަށް ރައްދު ދިނުމުގެ ނިޔަތަކު ނޫނެވެ. އެކަމަކު ރަޙުމަތްތެރިޔާ އެކަނިވާން މިވަގުތު ދޫކޮށްލެވޭކަށް ވެސް ނެތެވެ.

"ޕްލީސް! އަރްސަލް! އައި އޭމް ޔޯ ފްރެންޑް... އަހަންނަށް އެނގޭ އަރްސަލްގެ ގާތުގައި އަހަންނަށް ނުހުރެވުނުކަން ހުރިހާކަމެއް ހިނގާ ދިޔައިރު. އެކަމަކު މިހާރު މި ހުރީ އައިސް. އިރާދަކުރެއްވިއްޔާ ދެން ނުދާނަން. ނޯ މެޓާ ވަޓް... އައި ވިލް އޯލްވޭސް ބީ ހިއާ ފޯ ޔޫ. އައި ވިލް ބީ ޔޯ ފްރެންޑް... ސޯ ޕްލީސް! ކާމް ޑައުން" މިފަހަރު ކީފާ އައިސް އަރްސަލްގެ ކުރިމަތީ ހުއްޓި ދެއަތް ޖޯޑުކޮށްލިއެވެ.

"އިހަށް ހިނގާ ބޭރަށް" ކީފާއާއި އަރްސަލްއަށް ބަލަން ހުރެފައި ރާދިން ބުނެލިއެވެ. އަރްސަލް ތަފާތު ނަޒަރަކުން ބަލާލީ ރާދިންއަށެވެ. އަދި ބަހެއްނުބުނެ ކޮޓަރިން ނުކުމެގެން އައިސް ސިޓިންރޫމު ސޯފާގައި އިށީނެވެ. އޭނާއާއެކު ރާދިންއާއި ކީފާ ވެސް އައެވެ.

"ލޫންގެ އެއްޗެހި އަބަދު ނުބެހެއްޓޭނެ. ބެހެއްޓުން ރަނގަޅެއް ވެސް ނޫން. ހާ ޕޭރެންޓްސް މާ ބޮޑަށް މިސްވާނެ ދޯ. އެހެންވިޔަސް އެ މީހުން ވެސް އެ އުޅެނީ ރަނގަޅަކަށް އެކަން ކުރަން. އެއްޗެހި ތަކަކަށްވުރެ އަގު ބޮޑު އެއްޗަކީ ލޫން ދޫކޮށްދިޔަ ހަނދާންތައް. އެ ހަނދާންތައް އިރާދަކުރެއްވިއްޔާ އަރްސަލްއާ ވަތްކެއްނުވާނެ. އެއްވެސް މީހަކަށް އަރްސަލްގެ ކިބައިން ލޫންގެ ހަނދާންތަކެއް ނިއުޅައެއް ނުގަނެވޭނެ. އަބަދުވެސް އެ ހަނދާންތައް އަރްސަލްއާއެކު ވާނެ... މީ ވަރަށް ކެތްތެރިވާންޖެހޭނެ ވަގުތެއް.... ލޫންގެ އެއްޗެހި ޕެކް ކުރުމުގައި އަހަންނާއި ރާދު އެހީވާނަން" އެތައް އިރެއްވާންދެން ވެރިވެފައި އޮތް ހިމޭންކަން ފޫދުއްވާލީ ކީފާއެވެ.

"އައި ވޯސް ސާޗިން ފޯ ހާ ނެކްލެސް... އެންމެފަހުން އަހަރެން ލޫންއަށް ދިން ހަދިޔާއަކީ އެއީ. ލޫންގެ ބޮޑީ ދޫކޮށްލި އިރު ވެސް އެތަނުން ހަވާލެއް ނުކުރޭ އެޔެއް. އަހަރެން ހަނދާންވާ ގޮތުގައި އެ ރޭ ލޫން ހުރީ އެ ފަށް އަޅައިގެން. އެވަރަށް ހޯދުނީ ފަހަރެއްގައި ގޭގައި އޮވެދާނޭ ހީވެގެން. އެއީ ލޫންއަށް ވަރަށް ރީތިވެގެން ގަނެދިން ހަދިޔާއެއް. ހުރިހާ އެއްޗެއް ދިނަސް އެ ފަށް އަހަރެންގެ އަތުގައި ބާއްވަން ބޭނުންވީ" އަރްސަލް ހަމައިން ނެއްޓި ހަޅޭލެވުނީ ކީއްވެކަން އެކުވެރީންނަށް ބުނެދިނެވެ.

"ފަހަރެއްގައި އެކްސިޑެންޓް ސީންއަށް ގެއްލުނީ ކަމަށް ވެދާނެ. ޕޮލިހުން ވެސް ގެންގޮސްދާނެ... އަހަރެން އެ މީހުންނަށް ގުޅައިގެން އެ ފަށް އޮތްތޯ ބަލައިދޭނަން" ރާދިން ބުނެލިއެވެ.

"މީ ހަވީރު ސައިބޯ ގަޑިއެއްނު. އެހެންވީމަ އެއްޗެއް ކާލައިގެން މަސައްކަތް ފަށަމާ" ކީފާ ހަމަޖެހޭކަން ދެއްކިއެވެ. އަރްސަލް ވަކި އެއްޗެއް ނުބުންޏެވެ. ކީފާ ސައިހަދަން ތައްޔާރުވީ ރާދިން ވެސް އެ ޚިޔާލަށް ތާޢީދު ކުރީމައެވެ.

* * * *

"ދެން ނުބޮވޭނެ... އަޅުގަނޑު އޮށޯވެލަން މި ދަނީ" ސައިތަށި ބަހައްޓާފައި ނިމްރާ ތެދުވިއެވެ. ރަޒިއްޔާ ގަދައެއް ނުހެދިއެވެ.

ނިމްރާ އައިސް ކޮޓަރިއަށް ވަދެ އެނދުގައި އިށީނދެ ހިނގާ ދަނޑިގަނޑު އެނދުގެ އެއްފަރާތުން ފާރުގައި ލައްކޮށްލިއެވެ. އަދި ހޮސްޕިޓަލުން އޭނާއާ ހަވާލު ކުރި ސިޓީއުރަ ނެގިއެވެ. އެނދުމައްޗަށް ސިޓީއުރައިގެ ހުރި އެއްޗެހި އަޅާލީ ފޯނު ނެގުމުގެ ބޭނުމުގައެވެ. ފޯނާއި ގަނޑިއާއި އަތާއި ފައިގައި އަޅާފައި ހުރި ތަކެތީގެ އިތުރުން އެހެން އެއްޗެއް ނިމްރާގެ ލޮލުގައި އަޅައިގަތެވެ. ދޫނި ފިޔައެއްގެ ބައްޓަމަށް ހަދާފައިވާ ފުލެއް ލާފައި އޮތް ދިގު ރިހިފަށް ނަގާ އެއަށް ރަނގަޅަށް ބަލާލިއެވެ.

"ދިސް އިސް ނޮޓް މައިން" އިރުކޮޅަކު ވިސްނަން އިނދެފައި އަމިއްލަ މީހާއާ މުޚާޠިބުކޮށް ނިމްރާ މަޑުމަޑުން ބުނެލިއެވެ. (ނުނިމޭ)