ވިޔަފާރި

މާލީ ދާއިރާއަށް ހޭލުންތެރި ކުރުވަން ބީއެމްއެލް ސްކޫލްތަކަށް

Feb 8, 2018

ސްކޫލްތަކުގެ ދަރިވަރުން މާލީ ދާއިރާއަށް ހޭލުންތެރި ކުރުވަން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްކޫލްތަކުގައި އިންފޮމޭޝަން ސެޝަން ތަކެއް ހިންގައިފި އެވެ.

"އަހަރެންގެ ބޭންކް ދިވެހިންގެ ބޭންކް" ކެމްޕޭންގެ ހަތްވަނަ ހަރަކާތުގެ ގޮތުގައި ބީއެމްއެލް އިން އިއްޔެ ވަނީ މާލޭގެ ތިން ސްކޫލަކަށް ގޮސް މާލީ ދާއިރާގައި ހުރި ފުރުސަތުތަކާއި މި ދާއިރާގެ އެކި މައުލޫމާތުތައް ސްކޫލްތަކުގެ ދަރިވަމުންނަށް ދީފަ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މި ސެޝަންތަކުގެ މަގުސަދަކީ މުސްތަގުބަލުގެ ޒުވާނުން މި ދާއިރާ އަށް ހޭލުތެރިކުރުވުން ކަމަށެވެ. އަދި މި ސެޝަންތަކުގައި މައުލޫމާތު ދެއްވީ ބީއެމްއެލްގެ މުވައްޒަފުން ކަމަށް ބޭންކުން ބުނެފައިވެ އެވެ.

ބީއެމްއެލް އިން އާ އަހަރަށް "އަހަރެންގެ ބޭންކް ދިވެހިންގެ" ބޭންކް ފަށާފައިވަނީ އާ ގޮތަކަށެވެ. ބޭންކުގެ އަށް ބުރީގެ އިމާރާތުން ސްޓާފުން ބެނާއަކާއެކު ފައިބައިގެން ފެށި މި ހަރަކާތުގެ 28 ބައެއް މި މަހު ކުރިއަށް ގެންދާނެ އެވެ. މިހާތަނަށް ކުރި އަށް ގެންދިޔަ ކަންތައްތަކުގެ ތެރޭގައި އަހަރެންގެ ބޭންކް އިންސްޓަގްރާމް ޗެލެންޖެއް ފެށުމާއި ބާސްކެޓް ކޯޓެއް ހުޅުވުން އަދި ގިނަ އަދަދަކަށް ގެސްޓްހައުސް ހުރި އއ. ރަސްދޫ ސާފު ކުރުމުގެ އިތުރުން ކެންސަރު ބައްޔަށް ހޭލުންތެރިކުރުވަން ހަރަކާތެއް ހިންގުމާއި "ލައިފް ސްޓައިލް ލޯނު" ތައާރަފު ކުރުން ހިމެނެ އެވެ. މީގެ އިތުރުން ވިލިމާލޭގައި ސެލްފް ސާވިސް ސެންޓަރެއް ވެސް ވަނީ ހުޅުވާފަ އެވެ. އަދި އެންމެ ފަހުން ކުރިއަށް ގެންގޮސްފައިވަނީ ސްކޫލް ދަރިވަރުންނަށް ހޭލުންތެރި ކުރުވުމުގެ ހަރަކާތެކެވެ.

ގައުމީ ބޭންކުން މިދިޔަ އަހަރު ވެސް ކުރި އަށް ގެންދިޔަ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން މުޖުތަމައަށް ފައިދާ ހުރި ކަންކަމުގައި 300 މިލިއަން ރުފިޔާ ވަނީ އިންވެސްޓްކޮށްފަ އެވެ. އަދި މި އަހަ ރުވެސް އެވަރު އިންވެސްޓް ކުރާނެ ކަމަށް ގައުމީ ބޭންކުން ބުނެފައިވެ އެވެ.