ދިވެހި ސިނަމާ

"ވަކިން ލޯބިން"ގެ ޓިކެޓް އޮލިމްޕަސްއިން ވިއްކަން ފަށައިފި

ޑާކްރެއިން އެންޓަޓެއިންމަންޓުން ރިލީޒްކުރުމަށް މިހާރު ތައްޔާރުވަމުންދާ ފިލްމު "ވަކިން ލޯބިން" ޓިކެޓް އޮލިމްޕަސްއިން ވިއްކަން ފަށައިފި އެވެ.

އަންނަ މާޗް މަހު ފެހެއްގައި ރިލީޒްކުރާ މި ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަހުން ލިބެން ހުންނާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުންޏެވެ. މޮގާ ބުނީ މީގެ ދެ ދުވަސް ކުރިން ޓިކެޓް ވިއްކަން ފެށިފަހުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އަކުން ރޭގަނޑު 10:00 އަކަށް ޓިކެޓް ލިބޭނެ އެވެ. ފުރަތަމަ ޝޯގެ ޓިކެޓް 200 ރުފިޔާއަށް ވިއްކަމުން ދާއިރު ދެންހުރި ޝޯތަކުގެ ޓިކެޓުގެ އަގަކީ 100 ރުފިޔާ އެވެ.

ޑާކްރެއިން ވަނީ މި ފިލްމުގެ ޓިކެޓް އޮންލައިންކޮށް އަދި އެސެއެމްއެސް މެދުވެރިކޮށް ބުކްވެސް ކޮށްދީފަ އެވެ. ނަމަވެސް މިހާރު ޓިކެޓް ވިއްކަން ފަށާފައިވާތީ ޓިކެޓް ބުކްކުރުން ވަނީ ހުއްޓާލާފަ އެވެ. ޓިކެޓް ބުކްކުރި ފަރާތްތަކަށް ވެސް ޓިކެޓް ދޫކުރަން ވަރަށް އަވަހަށް ފަށާނެ ކަަމަށް މޮގާ ބުންޏެވެ.

ފެމެލީ ޑްރާމާ، މިި ފިލްމަކީ ޒުވާން ދެމަފިރިއެއްގެ ކައިވެނި، ވަރި ފަށަށް އެރުމުން ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމުގެ ލީޑުން ފެނިގެންދާނީ ޖުމައްޔިލް ނިމާލް(ޖުމަލް) އަދި މަރިޔަމް މަޖުދާ(މަޖޫ) އެވެ. މި ދެ ތަރިންނާއެކު ހާއްސަ ރޯލަކުން "މަލިކާ" އިން ތައާރަފުވި ނުޒުހަތު ޝުއައިބް (ނުޒޫ) ވެސް މި ފިލްމުގައި ފެނިގެންދާނެ އެވެ. މީގެ އިތުރުން ޗައިލްޑް އެކްޓަރުތަކެއްވެސް މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ.

"ވަކިން ލޯބިން" ޑައިރެކްޓުކުރީ ޑައިރެކްޓާ އަލީ ޝިފާއު (ޗިއްޕެ) އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ އައިޝަތު ފުއާދު ތައުފީގެވެ.