ދުނިޔެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ ފަސް އަހަރަށް ޖަލަށް ލައިފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު އަދި އިދިކޮޅު ބަންގްލަދޭޝް ނެޝަނަލް ޕާޓީ( ބީއެންޕީ)ގެ ލީޑަރު ޚާލިދާ ޒިޔާ ފަސް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައިވާ ކޯޓަކުން ހާލިދާ ފަސް އަހަރަށް ޖަލަށްލާން ހުކުމްކުރީ ޒިއާ އޯފަނޭޖް ޓްރަސްޓްގެ ނަމުގައި އެކަމަނާ ހިންގަވާ ޔަތީމްހާނާ ތަކަކަށް ބައިނަލް އަގުވާމީ ފަރާތްތަކުން ދިން ފައިސާ އަމިއްލަފުޅު ކަންކަމަށް ބޭނުން ކުރި ކަމަށް ބުނެ ސަރުކާރުން ކުރިން ދައުވާ އެއް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުގައެވެ.

އެ މައްސަލައިގައި ޚާލިދާގެ ޕާޓީގެ އިސް އެހެން ބައެއް ބޭފުޅުން 10 އަހަރަށް ޖަލަށް ލާން ވެސް މިއަދު ހުކުމް ކުރިއެވެ. ހާލިދާއަށް ފަސް އަހަރު އިއްވީ އެކަމަނާއަކީ މިހާރު އުމުރުން 70 އަހަރަށް ވުރެ މަތިވެފައިވާ ބޭފުޅަކަށް ވާތީއެވެ.

ޚާލިދާއަށް ހުކުމް ކުރުމުން ބީއެންޕީގައި ދެން އެންމެ އިސްކޮށް ހުންނެވި ލީޑަރު މޭޖަ ޖެނެރަލް ރިޓަޔާޑް ހާފިޒުއްދީން ވިދާޅުވީ ކޯޓަށް އިތުބާރުކުަރައްވާ ކަމަށާއި އެހެން ނަމަވެސް މިފަހަރު ކުރި ހުކުމާ މެދު ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާ ކަމަށެވެ.

ބަންގްލަދޭޝްގެ މިހާރުގެ ބޮޑުވަޒީރު ޝައިޚު ހަސީނާގެ ސަރުކާރުން އަންނީ އެގައުމުގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ބޮޑެތި ދައުވާތައް އުފުލައި ކޯޓުގައި އެ މައްސަލަތައް ކާމިޔާބު ކުރަމުންނެވެ. އެގޮން ބައެއް ސިޔާސީ ލީޑަރުންނަށް މަރުގެ ހުކުމް އިއްވައި އެ ހުކުމް ވަނީ ތަންފީޒުކޮށްފައެވެ.

ބަންގްލަދޭޝްގެ ކުރީގެ ރައީސް ޒިޔާއުއް ރަޙުމާނުގެ އަނބިކަނަބލުންގެ ހަައިސިއްޔަތުން އެކަމަނާއަކީ އެގައުމުގެ ފަސްޓްލޭޑީއެއް ވެސް މެއެވެ. އެކަމަނާއަށް ބަންގްލަދޭޝްގައި ބޮޑު ތާއީދެއް އޮންނާތީ މިއަދުގެ ހުކުމް އިއްވުމުގެ ކުރިން ވެރިރަށް ޑާކާގެ މުހިއްމު ތަންތަނުގެ ސަލާމަތީ ކަންތައްތައް ވަނީ ވަރުގަދަކޮށްފައެވެ.

ހުކުމް ކުރުމާއި އެކު ޚާލިދާ މިހާރު ވަނީ ޑާކާގެ ސެންޓްރަލް ޖަލަށް ގެންގޮސްފައެވެ. މިއަދު އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުފާނު ކުރަން ލިޔެ ކިއުންތައް ހޯދަން ޚާލިދާގެ ވަކީލުން ވަނީ ކޯޓުގައި އެދިފައެވެ. -- ޑާކާ ޓްރައިބިއުން