އަންހެނުން

އަންހެނުންގެ ދުވެލި ބާރުކޮށްލި ޑްރައިވިންގް ސުކޫލް!

މާލޭގައި އެތަށް ޑްރައިވިން ސުކޫލުތަކެއް ހުރިއިރު އެ ހުރިހާ ތަނެއްގައި ވެސް އިންސްޓުރަކްޓަރުންގެ ގޮތުގައި ގިނަ ފަހަރަށް ފިރިހެނުން ތިބުމަކީ އެ ތަންތަނުގެ ހިދުމަތް ހޯދާ އަންހެނުން އަބަދުމެ ކުރަމުންދާ ޝަކުވާއެކެވެ. ގިނަ އަންހެނުންނަށް ފިރިހެނަކު ސައިކަލުގެ ފަހަތުގައި ބައިންދާގެން ދުއްވަން ދަސް ކުރުމަކީ އެހާ ފަސޭހަކަމަކަށް ނުވެ އެވެ.

މި ކަމަށް މިހާރު ހައްލެއް ވަނީ ލިިބިފަ އެވެ. ހީވާގި ދެ ކަނބަލަކު އިސްނަގައިގެން މާލޭގައި "ގާލްސް ޑްރައިވިން ސުކޫލް" ގެ ނަމުގައި އަންހެން އިންސްޓުރަކްޓަރުނާއެކު އަންހެނުންނަށް ހާއްސަ ޑްރައިވިން ސުކޫލެއްގެ ހިދުމަތްދޭން ވަނީ ފަށާފަ އެެވެ. އައިމިނަތު މުހުސިނާ އަދި މަރިޔަމް ސައީދާ މި ހިދުމަތް ދޭން ފެށީ އަންހެންވެރިންގެ ޝަކުވާތައް އަޑުއިވެން ފެށި ހިސާބުން، އެކަމަށް ހައްލެއް ގެނައުމުގެ އުއްމީދުގަ އެވެ.

"ވަރަށް ގިނަ އަންހެން ކުދިންގެ އެދުމުގެ މަތިން މިކަން ފެއްޓީ. އެއީ ޑްރައިވިން ސުކޫލެއް ހުޅުވަން ހިޔާލުއައި ހިސާބު." ގާލްސް ޑްރައިވިން ސުކޫލުގެ އިސްވެރިޔާ މަރިޔަމް ބުންޏެވެ.

ގާލްސް ޑްރައިވިން ސުކޫލު ހިންގުމާއި ހަވާލުވެހުރި މުހުސިނާ ބުނި ގޮތުގައި މިދިޔަ ޑިސެމްބަރު މަހު މެދުތެރޭގައި ޑްރައިވިން ސުކޫލް ހުޅުވި ހިސާބުން ފެށިގެން ތަރުހީބު ވަރަށް ބޮޑެވެ.

"އަޅުގަނޑުމެންނަށް ހިދުމަތް ނުދެވިފައި އޮންނަނީ ގިނަ ފަހަރަށް. ވަރަށް ގިނަ މީހުން ހިދުމަތް ހޯދަން ބޭނުންވޭ. ނަމަވެސް އަޅުގަނޑުމެއް އަދި އަލަށް މަސައްކަތް ފަށައިގަތީމަ ވަސީލަތްތައް މަދުވުމާއެކު ގިނަ ބަޔަކަށް އެއްފަހަރާއި ހިދުމަތްދޭން އުނދަގޫވޭ. ނަމަވެސް ޖާގަ އޮތްވަރަކުން އެންމެނަށް ވެސް ފުރުސަތުދެމުން މިދަނީ." ވެއިޓިން ލިސްޓުގައި ގިނަ އަދަދެއްގެ މީހުން ތިބިކަން ފާހަގަކުރަމުން މުހުސިނާ ބުންޏެވެ. "މިހާރުވެސް 80 އަށްވުރެ ގިނަ މީހުން ހިދުމަތް ހޯދަމުން އެބަދޭ."

އަންހެން ޑްރައިވިން ސްކޫލަށް އޮތް ބޮޑު ތަރުހީބާއެކު މިހާރު ވަނީ އިތުރު ފަސޭހަތަކާއެކު ހިދުމަތްދޭން ފަށާފަ އެވެ. ޓްރެއިނިން ދިނުމަށް ހަ އިންސްޓްރަކްޓަރުން އެބަތިއްބެވެ. މިހާތަނަށް ވެސް އެ ސްކޫލުން ޓްރެއިން ވެގެން ގިނަ ބަޔަކު ވަނީ ސައިކަލް ލައިސަންސް ނަގާފައިވެ އެވެ.

ގާލްސް ޑްރައިވިން ސުކޫލުން ޓްރެއިނިގް ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ސުކޫލު އޮފިޝަލް ފޭސްބުކް ޕޭޖުންނާއި އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި އެޕްލިކޭޝަން ފޯމް އޮފީހުން ލިބެން ހުރެ އެވެ. އޮފީސް ހުންނަނީ ބޮޑުތަކުރުފާނު މަގު އިރުން ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ވާތް ފަރާތަށް އިންނަ ގޯޅީގަ އެވެ. އޮފީސް ހުޅުވިފައި ހުންނާނީ މެންދުރު 2:00 އިން އިރު އޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

ތަރުހީބު ލިބެމުންދާވަރު އިތުރުވަމުންދާތީ ހިދުމަތް އިތުރަށް ފުޅާކުރުމަށްވެސް ގެންދަނީ މަސައްކަތްކުރަމުންނެވެ. ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މިއަދު ހުޅުމާލޭގައި ގާލްސް ޑްރައިވިން ސުކޫލްގެ ހިދުމަތްދޭން ފަށާނެ އެެވެ. ހުޅުމާލޭގައި މި މަސައްކަތް ފަށާއިރު ޓްރެއިނިގް ދިނުމަށް ހަ ސައިކަލް ބޭނުންކުރާނެ އެވެ. މުސްތަގުބަލުގައި އައްޑޫ ނުވަތަ ކުޅުދުއްދުއްފުށި ކަހަލަ އާބާދީ ބޮޑެތި ސަރަހައްދުތަކުގައި މި ހިދުމަތް ފުޅާކުރުމަށް އުންމީދު ކުރެއެވެ.

"އަޅުގަނޑުމެން ހިދުމަތްދޭ ސަރަހައްދުތައް އިތުރު ކުރުމަށް ވިސްނާއިރު، ފެންވަރުގައި ހިދުމަތްތައް ދިނުމުގެ ހިޔާލުތައްވެސް އެބަ ގެންގުޅެން. މިހާރު ހަމައެކަނި މި ދަސްކޮށްދެނީ ސައިކަލް ދުއްވަން. އިރާދަކުރެއްވިއްޔާ އަވަސް މުސްތަގުބަލުގައި ކާރު ދުވަންވެސް ދަސްކޮށްދޭން ފަށާނަން."

މި މަސައްކަތް ފެށީ އަންހެނުންނަށް ފަސޭހަ އަދި ހިތްހަަމަޖެހޭނެ ހިދުމަތެއް ފޯރުކޮށްދިނުމުގެ އަޒުމުގަ އެވެ. ނަމަވެސް މި މަސައްކަތް ކުރުމަށް ގޮންޖެހުންތަކެއް އެބަހުއްޓެވެ.

"އަޅުގަނޑުމެއް ޓްރެއިނިިންގް ދޭ މި ބޭނުންކުރާ ކާނިވާ ސަރަހައްދުގައި އޮންނަ ޑްރައިވިން އޭރިއާއަކީ ވަރަށް މަސްހުނިވެފައި އޮންނަ ތަނެއް. އެތަނުގައި ބައެއް ފަހަރު ފިރިހެނުންގެ ފަރާތުން އެކި ކަހަލަ ފުރައްސާރަތައް ކުރިމަތިވޭ. ބައެއް ދުވަސް ދުވަހު އެ ކުދިން ލަދުގަންނަ ވަރަށް އެކަންދޭ."

ޑްރައިވިންގް ސުކޫލުގެ ހިންގުތެރިޔާގެ އިތުރުން އިންސްޓްރަކްޓަރެއް ގޮތުގައި މަސައްކަތް ކުރާ މުހުސިނާ ބުނި ގޮތުގައި ފުރައްސާރަ ކުރިމަތިވި ނަމަވެސް އަޒުމަށް އެއްވެސް ގުޑުމެއް ނާރާނެ ކަމަށެވެ.

"މިއީ ވަރަށް ގިނަ އަންހެން ވެރިންގެ އެދުމުގެ މަތިން ފެށި ކަމަކަށް ވާތީ އަޅުގަނޑުމެއް ފަސްނުޖެހި ކުރިއަށް ދާނަން. ކިތައްމެ ވަރަށް ޖެއްސުމާއި އުނދަގޫ ކުރިޔަސް ކެރިގެން ނިކުމެ މިކަން ކުރާނަން."