ކުއްލި ނުރައްކަލުގެ ހާލަތު

ކުއްލި ނުރައްކަލުގެ ހާލަތު ނިމޭ ދުވަހަށް ތައްޔާރުވޭ: އަލީ ހުސެއިން

ކުއްލި ނުރައްކަލުގެ ހާލަތު ނިމޭ ދުވަހަށް ތައްޔާރު ވުމަށް އިދިކޮޅު ފަރާތްތަކަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ގޮވާލައިފި އެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި އަލީ ހުސެއިން ވިދާޅުވީ، ހުރިހާ ބޭފުޅުން ޣައިރު ގާނޫނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމޭ ދުވަހަށް ތައްޔާރުވެ ތިބުމަށެވެ. އަދި ހިތްވަރާ އެކު މަގުތަކަށް ނިކުތުމަށް ތައްޔާރު ވުމަށް އަލީ ހުސެއިން ގޮވާލި އެވެ.

ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ހާލަތު ސަރުކާރުން އިއުލާންކޮށްފައިވަނީ 15 ދުވަހަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށްފަހު އިދިކޮޅަށް ދަނީ މުޒާހަރާ ކުރުމަށް ސަލާމަތީ ބާރުތަކުން ހުރަސް އަޅަމުންނެވެ. ކުއްލި ނުރައްކަލުގެ ހާލަތައްފަހު ސަރުކާރުން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ.