ކުއްލި ނުރައްކަލުގެ ހާލަތު

ކުއްލި ހާލަތު އިއުލާން ކުރީ ވަކި ބަޔަކު ހައްޔަރު ކުރަން: އިދިކޮޅު

މިދިޔަ ހޯމަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާން ކުރީ ސިޔާސީ މަންފާއެއް ހާސިލްކޮށް ވަކި ބަޔަކު ހައްޔަރު ކުރުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާ ހާލަތެއްގައި ރާއްޖެ ނެތް ކަމަށާއި އެކަމަށް އެންމެ ބޮޑަށް ހެކި ލިބޭ ކަމަކީ ކޮންމެ ރެއަކު މާލޭގެ އެކި ސަރަހައްދު ތަކުގައި ޕީޕީއެމުން ބާއްވަމުންދާ ޖަލްސާ ތަކުން ނެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާ ހާލަތެއްގައި ގައުމު އޮތް ނަމަ އެ ޖަލްސާތައް އެގޮތަށް ބޭއްވިޔަ ނުދޭނެ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

"ކުއްލި ނުރައްކަލުގެ ހާލަތަކީ ވަކި ބަޔަކު ހިފާ ހައްޔަރުކުރުމަށްޓަކައި ކޮށްގެން އުޅޭ ކަމެއް، މިކަމަށް ހެކި ލިބޭ ކަމަކީ ކޮންމެ ރެއަކު މާލޭގެ އެކި ސަރަހައްދު ތަކުގައި ޕީޕީއެމުން ބާއްވަމުންދާ ޖަލްސާ ތަކުން، ކުއްލި ނުރައްކަލުގެ ހާލަތު ހަމަ މިވަރުގަ އޮތް ނަމަ އެ ޖަލްސާތައް އެގޮތަކަށް ބޭއްވިގެން ނުދިޔައީސް، ނަމަވެސް ފެނިގެން މިދަނީ އިދިކޮޅު ބާއްވަން އުޅޭ ޖަލްސާ ތަކަށް ފުލުހުން ހުރަސް އަޅަމުންދާ މަންޒަރު، އެކަމަކު ޕީޕީއެމުން ޖަލްސާ ބޭއްވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދޭ،" އަލީ ހުސެއިން ވިދާޅުވި އެވެ.

އަލީ ހުސެއިން ވިދާޅުވީ، ފުލުހުންނާއި ސިފައިން ސުޕްރީމް ކޯޓަށް ވަންގޮތް އެއީ ގަބޫލު ކުރެވޭނެ ގޮތެއް ނޫން ކަމަށާއި ސިފައިންނާއި ފުލުހުން ވަރަށް ފުންކޮށް މިކަންކަމާ ދޭތެރޭ ވިސްނަން ޖެހޭ ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުން ގާނޫނު އަސާސީގެ މާއްދާތަކަށް ބަލައި ޣައިރު ގާނޫނީ އަމުރަކަށް އިތުރަށް ތަބާނުވުމަށް އަލީ ހުސެއިން ގޮވާލާފައި ވެއެވެ.

އަލީ ހުސެއިން ވިދާޅުވީ، ދުސްތޫރީ ގޮތުން އުފެދިފައިވާ ދިމަކުރާތީ މުއައްސަސާތައް ހިމާޔަތް ކުރުމަކީ ސަލާމަތީ ބާރުތަކުގެ ޒިންމާއެއް ކަމަށާއި ރައީސް ޔާމީންގެ އަމުރަށް ސަލާމަތީ ބާރުތަކުން އަމަލު ކުރާކަށް ނުޖެހޭނެ ކަމަށެވެ. އަދި ކޯޓުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަކީ ސަލާމަތީ ބާރުތަކުގެ ޒިންމާ އެއް ކަމަށެވެ.

"އުއްތަމަ ފަނޑިޔާރެއް ނެތި ސުޕްރީމް ކޯޓެއް ފުރިހަމަ އެއް ނުވާނެ، އުއްތަމަ ފަނޑިޔާރު ހައްޔަރު ކޮށްފައި އެވަނޫ ޣައިރު ގާނޫނީ އަމުރަކަށް، އުއްްތަމަ ފަނޑިޔާރު މިނިވަން ކުރުމަށް ގޮވާލަން، ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލައި އުއްތަމަ ފަނޑިޔާރު ގަދަކަމުން ހައްޔަރު ކުރި މީހުންގެ މައްސަލަ ބެލުމަށް ގޮވާލަން،" އަލީ ހުސެއިން ވިދާޅުވި އެވެ.

އަލީ ހުސެއިން އިތުރަށް ވިދާޅުވީ، ކުރީގެ ރައީސްނުންނަސް އިހުތިރާމާ އެކީގައި ކަންކަން ކުރަން ޖެހޭ ކަމަށާއި ރައީސް މައުމޫން ވަގުތުން މިނިވަން ކޮށްދިނުމަށް ގޮވާލާ ކަމަށެވެ. އަދި ވިދާޅުވީ، ޣައިރު ގާނޫނީ އަމުރަކަށް ސަލާމަތީ ބާރުތަށް ލައްވާ ރައީސް ޔާމީން ހިންގާ ޖަރީމާތަކުގައި ބައިވެރި ނުވުމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކޮށްފައިވާ އެންމެންނަކީ ޣައިރު ގާނޫނާ އަމުރަކުން ހައްޔަރު ކޮށްފައިވާ ބައެއް ކަމަށާއި އެފަރާތްތައް ދޫކޮށްލުމަށް ވެސް އަލީ ހުސެއިން ގޮވާލާފައި ވެއެވެ.