ވިޔަފާރި

ރާއްޖޭގައި ހޭދަކުރި ޗުއްޓީއާ މެދު 59 ޕަސެންޓް ޓޫރިސްޓުން ހިތްހަމަ ޖެހޭ: ސާވޭ

ރާއްޖެއަށް ޗުއްޓީ ހޭދަ ކުރަން އަންނަ ޓޫރިސްޓުންގެ ތެރެއިން 95 ޕަސެންޓް މީހުން ރާއްޖޭގައި ހޭދަ ކުރާ ޗުއްޓީއާ މެދު ހިތްހަމަ ޖެހޭ ކަމަށް ޓޫރިސްޓުންގެ މެދުގައި ކުރި ވިޒިޓާޒް ސާވޭ އިން ދައްކައިފި އެވެ.

އަމިއްލަ ކުންފުންޏެއް ކަމަށްވާ ސީޑީއީ ކޮންސަލްޓިން އިން ރާއްޖެ ޒިޔާރަތް ކުރި 1621 ޓޫރިސްޓުންނާ ސުވާލުކޮށްގެން ހަދާފައިވާ އެ ސާވޭގެ ނަތީޖާ އިން ދައްކާ ގޮތުގައި، ސުވާލު ކުރި ޓޫރިސްޓުންގެ 95 ޕަސެންޓް، ރާއްޖޭގައި ހޭދަ ކުރި ޗުއްޓީއާ މެދު ހިތްހަމަ ޖެހޭ ކަމަށް ބުނެފައިވާ އިރު، 92 ޕަސެންޓް މީހުން އަދިވެސް ރާއްޖެއަށް ޒިޔާރަތް ކުރުމުގެ ޝައުގުވެރިކަން ހުރި ކަމަށް ވަނީ ބުނެފަ އެވެ. އަދި 98 ޕަސެންޓް ޓޫރިސްޓުން ބުނެފައި ވަނީ ރާއްޖެއަކީ ޗުއްޓީ ހޭދަ ކުރަން ރަނގަޅު ތަނެއްގައި ގޮތުގައި ރެކޮމެންޑް ކުރާނެ ކަމަށެވެ.

ސާވޭގައި ބައިވެރިވި 95 ޕަސެންޓް ޓޫރިސްޓުން ބުނެފައި ވަނީ ރިސޯޓްތަކުން ދޭ ހިދުމަތް ވަރަށް ވެސް ރަނގަޅު ކަމަށެވެ. ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރެއިން 85 ޕަސެންޓަށް ވުރެ ވެސް ގިނަ މީހުން ޗުއްޓީ ހޭދަ ކުރަނީ ރިސޯޓްތަކުގަ އެވެ. އަދި ހޮޓާތަކުން ދޭ ހިދުމަތް ރަނގަޅު ކަމަށް 75 ޓޫރިސްޓުން ބުނި އިރު، ސަފާރީ އުޅަދުތަކުން ދޭ ހިދުމަތް ރަނގަޅު ކަމަށް ބުނީ 65 ޕަސެންޓް ޓޫރިސްޓުންނެވެ. ގެސްޓް ހައުސްތަކުން ދޭ ހިދުމަތް ރަނގަޅު ކަމަށް ބުނީ 55 ޕަަސެންޓް ޓޫރިސްޓުންނެވެ.

ޓޫރިސްޓުން އެންމެ ބޮޑަށް ހިތްހަމަ ނުޖެހޭ އެއް ކަމެއް ކަމަށް ފާހަގަ ކޮށްފައި ވަނީ ހޮޓަލް ޓްރާންސްފާގެ ފެންވަރު އެހާ ރަނގަޅު ނުވުމެވެ. ސާވޭ އިން ދައްކާ ގޮތުގައި ޓޫރިސްޓުންގެ 50 ޕަސެންޓް މީހުން ބުނެފައި ވަނީ ހޮޓަލް ޓްރާންސްފާގެ ހިދުމަތް އެހާ ރަނގަޅު ނޫން ކަމަށާއި، "އާދައިގެ ގޮތެއް" ކަމަށެވެ.

ރާއްޖެ އައުމަށް ޓަކައި 41 ޕަސެންޓް މީހުން ބުކިންސް ހަދަނީ ތިން މަސްދުވަސް ކުރިންނެވެ. އަދި ރާއްޖެ އަންނަން 53 ޕަސެންޓް ޓޫރިސްޓުން ބުކިންސް ހަދާފައި ވަނީ އިންޓަނެޓް މެދުވެރިކޮށެވެ. ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރެއިން 27 ޕަސެންޓް ޓޫރިސްޓުންނަށް ރާއްޖެއާ ބެހޭ ގޮތުން މައުލޫމާތު ލިބިފައި ވަނީ ވެސް އިންޓަނެޓްގެ ޒަރިއްޔާއިން ކަމަށް ސާވޭގައިވެ އެވެ. އަދި އެހެން މީހެއްގެ ފަރާތުން 27 ޕަސެންޓް މީހުންނަށް ރާއްޖޭގެ މައުލޫމާތު އެނގުނު އިރު ޓްރެވަލް އެޖެންޓުންގެ ފަރާތުން ރާއްޖެ ތައާރަފް ވެފައި ވަނީ 14 ޕަސެންޓް ޓޫރިސްޓުންނަށެވެ. މެގަޒިން އާއި ޓީވީގެ ޒަރިއްޔާ އިން 11 ޕަސެންޓް ޓޫރިސްޓުންނަށް ރާއްޖެއާ ގުޅޭ މައުލޫމާތު އެނގިފައިވެ އެވެ.

ރާއްޖެ އަންނަ ގިނަ ޓޫރިސްޓުންނަކީ ޗައިނާ މީހުން ކަމަށްވާ އިރު، ޗުއްޓީ ހޭދަ ކުރަން އަންނަ ގިނަ ޓޫރިސްޓުންނަކީ 25 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ. އަދި ރާއްޖެ އައިސްފައިވާ 20 ޕަސެންޓް ޓޫރިސްޓުންނަކީ މީގެ ކުރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ފަރާތްތަކެވެ.

ޓޫރިސްޓުން ގެނައުމަށް ރާއްޖެ އިން ކަނޑައެޅި އަމާޒަށް ރާއްޖެ މިހާރު ވެސް ވަނީ ވާސިލްވެފަ އެވެ. އެގޮތުން 1.2 މިލިއަން ޓޫރިސްޓުން މިހާރު ވެސް ވަނީ ރާއްޖެ ޒިޔާރަތް ކޮށްފަ އެވެ.