ހޮލީވުޑް

ރައީސް ކަމަށް ކުރިމަތިލާކަށް ނޫޅެން: އޯޕްރާ

އެމެރިކާގެ މަޝްހޫރު ޝޯ ހުށަހެޅުންތެރިޔާ އޯޕްރާ ވިންފްރީ ރައީސާކަމަށް ކުރިމަތިލާން އުޅޭ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

އޯޕްރާ މިހެން ބުނެފައި ވަނީ ބްރޯޑްވޭގެ ތަރިއެއްކަމަށްވާ ލިން މެނުއެލް މިރެންޑާގެ ޕޮޑްކާސްޓުން ގެނެސްދޭ ޓޯކް ޝޯގައި ވާހަކަދައްކަމުންނެވެ. އެ ޝޯގައި ވާހަކަދައްކަމުން މިރެންޑާއި އޭނާ ސިޔާސީ ދާއިރާއަށް ނުވަންނާނެ ކަމަށް ބުނުމުން އޯޕްރާ ބުނީ އޭނާ ވެސް އެ ދާއިރާއަށް ވަންނަން ނޫޅޭ ކަމަށެވެ.

އެންމެފަހުން ބޭއްވި ގޯލްޑެން ގްލޯބްސް އެވޯޑުގައި އޯޕްރާ ދިން ތަގުރީރެއްގައި ދެއްކި ވާހަކަތަކަކާއި ގުޅިގެން 2020 ވަނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން އުޅޭކަމަށް ޝޯޝަލް މީޑިއާގައި ވާހަކަދެކެވުނެވެ.

މީގެ ކުރިން އޯޕްރާ މެގަޒިނަކަށް ދިން އިންޓަވިއުއެއްގައިވެސް އެ ވާހަކަ ވަނީ ދޮގުކޮށްފަ އެވެ. އިންސްޓައިލް މެގަޒިންނަށް ދިން އެ އިންޓަވިއުގައި އޭނާ ބުނީ އަބަދުވެސް އޭނާއަށް ކުރެވޭނެ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތައް އަމިއްލައަށްވެސް އިނގޭކަމަށާއި ވެރިކަމަށް ކުރިމަތި ލުމަކީ އޭނާއަށް ކުރެވޭނެ ވަރުގެ ކަމެއް ކަމަކަށް ގަބޫލުނުކުރާ ކަމަށެވެ.

ވެރިކަމަށް ކުރިމަތިލުމަށް އޭނާ އެއްވެސް ޝައުގުވެރިކަމެއްވެސް ނެތް ކަމަށްވެސް ބުނެފައިވެ އެވެ.