ވިޔަފާރި

ބީއެމްއެލް އިން ކޮންމެ އަތޮޅެއްގައި ސީއެސްއާރު ޕްރޮގްރާމް ހިންގަނީ

Feb 9, 2018
3

އަތޮޅުތަކުގައި ހިންގާ މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ސީއެސްއާރު ޕްރޮގްރާމެއް މިއަދު އިފްތިތާހުކޮށްފި އެވެ.

މި ޕްރޮގެރާމް އިފްތިތާހުކޮށްފައިވަނީ މިއަދު ހަވީރު ފ. ނިލަންދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި އެ ރަށުގެ އާންމުން ބޭނުންކުރާ ލައިބްރަރީ އަށް ބޭންކުން ވަނީ ފޮތްތަކެއް ހަދިޔާކޮށްފައެވެ.

މި ޕްރޮގްރާމްގެ ދަށުން ބޭންކުގެ ކޮންމެ ބްރާންޗަކަށްވެސް އެ ބްރާންޗެއް ހިމެނޭ ސަރަހައްދެއްގައި ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ބަޖެޓެއް ކަނޑައެޅިފަ އެވެ. މި ގޮތުން ބޭންކުގެ އެހީތެރިކަން ފޯރުކޮށްދޭ މައިގަނޑު ދާއިރާ ތަކަކީ ހިލޭ ސާބަހަށް ކުރެވޭ މަސައްކަތްތަކާއި، ތައުލީމް، ކުޅިވަރު އަދި ތިމާވެށީގެ ދާއިރާ އެވެ.

އަމިއްލަ ފަރުދުންނާއި މަދަނީ ޖަމިއްޔާތަކުން، ރަށްރަށުގައި ހިންގާ މުޖުތަމައަށް ފައިދާ ހުރި ހަރަކާތްތަކުގެ ޕްރޮޕޯސަލް އެއަތޮޅެއްގައި ގާއިމްކޮށްފައިވާ ބޭންކުގެ ބްރާންޗަކަށް ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

"އަހަރެންގެ ބޭންކް" ޕްރޮގްރާމަކީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. ބޭންކުގެ ހިދުމަތްތައް ލިބޭ މުޖުތަމައު ތަކަށް އެހީތެރިވުމުގެ ގޮތުން މިއަހަރުތެރޭ 300 މިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 34 ސެލްފްސާވިސް ބޭންކިން ސެންޓަރު، 93 އޭޓީއެމް، 4900 ޕީއޯއެސް މާޗަންޓުން، 230 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.