ހޮލީވުޑް

ޒޭން މަލިކްގެ އަޑުން ބޮލީވުޑް ފިލްމެއްގެ ލަވައެއް

މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މަލިކްގެ އާ މިއުޒިކް އަލްބަމެއް ނިކުންނަން އުޅޭކަން މިހާރު އެންމެނަށްވެސް އިނގޭނެ އެވެ. ވަރަށް ތަފާތު ވާނެ ކަމަށް ބެލެވޭ މި އަލްބަމްގެ މަސައްކަތް މިހާރު ވަނީ ރަސްމީކޮށް ފަށާފަ އެވެ.

އަލްބަމް ނެއްލާނެ ދުވަހެއް އަދި ޔަގީންކޮށްދީފައި ނުވި ނަމަވެސް ފެޝަން މެގަޒިން "އެލޭ" ގެ އިންޑިއާ އެޑިޝަނަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޒޭން ވަނީ އެ އަލްބަމާއި އޭނާ ކުރަމުންދާ އެހެން މަސައްކަތްތަކާއި ބެހޭގޮތުން ގިނަ މައުލޫމާތުތަކެއް ދީފަ އެވެ.

އިންޓަވިއުގައި ދެއްކި ވާހަކަތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ދަމައިގަތީ އޭނާ މިހާރު ބޮލީވުޑްގެ ފިލްމަކަށް ހިންދީ ބަހުން ކިޔާފައިވާ ލަވައެއް ރެކޯޑްކޮށްފައިވާ ކަމަށް ބުނި ބުނުމެވެ. ނަމަވެސް އެއީ ކޮން ފިލްމެއް ކަމެއް އަދި ފިލްމު ނިކުންނާނީ ކޮންއިރަކު ކަމެއްވެސް ޒޭން ބުނެފައެއް ނުވެ އެވެ.

"މިއީ އަހަރެން ހިންދީ ބަހުން ކީ ފުރަތަމަ ލަވަ. މި ލަވައަށް މީހުންގެ ފަރާތުން ލިބޭނެ ފާޑުކިޔުންތައް އަޑުއަހަން މިހުރީ ކެއްމަދުވެފަ."

އެ އިންޓަވިއުގައި ޒޭން ދެއްކި ވާހަކަތަކުން އޭނާ އަކީ ބޮލީވުޑްގެ ބޮޑު ފޭނެއްކަން އިނގިގެންދިޔަ އެވެ. ޒޭން އަކީ އަމީތާބް ބައްޗަން އަދި އާމިރް ހާންގެ ބޮޑު ފޭނެކެވެ. އޭނާއަށް އެންމެ ކަމުދިޔަ ބޮލީވުޑް ފިލްމަކަށް އެކަމަކުވީ ޝާރުކް ހާންގެ "ދޭވްދާސް" ފިލްމެވެ.

އިންޓަވިއުގައި އޭނާ ބުނީ، "ހަނދާނަށް ކިިރިޔާ އަންނަން ފެށީރުއްސުރެ ޓީވިން ބޮލީވުޑް ފިލްމުތައް ބަލަން. ބޮލީވުޑް ފިލްމުތަކަކީ ވަރަށް ފުރިހަމަ ފިލްމުތަކެއް. ބޮލީވުޑް ފިލްމެއް ބަލާލުމުގެ ފުރުސަތެއް ލިބިއްޖެނަމަ "ދޭވްދާސް" ބަލާތި." ޝާރުކް ހާންގެ އެ ފިލްމަށް އޭނާ ލޯބިޖެހުނު ގޮތްވެސް ކިޔާދީފައިވެ އެވެ.

ޝާރުކްގެ ފިލްމުތަކަށް ޒޭން ލޯބިޖެހެން ފެށީ ޝާރުކް އާއި ބައްދަލުވި ހިސާބުން ފެށިގެންނެވެ. އެ ދެމީހުން އެންމެ ފުރަތަމަ ބައްދަލުވީ 2015 އަހަރު ލަންޑަންގައި އޮތް އޭޝިއަން އެވޯޑްސް އިންނެވެ. އެ ދެމީހުން އެއްކޮށް ނަގާފައިވާ ސެލްފީއެއް ޝާރުކް ވަނީ އޭނާގެ އޮފިޝަލް ޓުވިޓާގައި ޓުވީޓު ކޮށްފަ އެވެ. އެ ޓުވީޓަކީ މިހާތަނަށް އިންޑިއާގެ އެކައުންޓަކުން ކޮށްފައިވާ ޓުވީޓަކަށް އެންމެ ގިނަ ރިޓްވީޓް ލިބުނު ޓުވީޓެވެ.

ޝާރުކް އާއި ދިމާވުމުގެ ކުރިން ޒޭން އަށް ޝާރުކްގެ ފިލްމުތައް އެހާ ކަމަކު ނުދާކަމަށް ބުންޏެވެ. ފިލްމުތަކުގައި އޭނާ ފެންނަނީ ވަރަށް ބޮޑާ މީހެއް ގޮތަށް ކަމަށާއި ނަމަވެސް އަސްލަށް ބައްދަލުވުމުން އޭނާގެ ހިތްހެޔޮ އަދި އެކުވެރި މީހެއްކަން އެނގުނު ކަމަށެވެ.